Tuesday 28 August 2018

ރިޔާސީ އިންތިޚާބު 2018 (3) ޢިލްމުވެރިންނާއި ޢާންމު ރައްޔިތުންނަށް...

photo: khabaru.mv


ރިޔާސީ އިންތިޚާބު 2018 (3) ޢިލްމުވެރިންނާއި ޢާންމު ރައްޔިތުންނަށް...

الحمد لله والصلاة والسلام على رسول الله ، وبعد؛

ކުރީ އަދަދުގައި ވަނީ " އީޔޫއާއި ވަޤުތު އޮންލައިނު" ގެ ވާހަކަ ދެކެވިފައެވެ. މިއަދު އެހެން ވާހަކައަކަށް ބަލައިލަމާތޯއެވެ.

އާދެ، ވަރަށް ގިނަމީހުން ސުވާލުކޮށް އުޅޭ ކަމެކެވެ. ރިޔާސީ އިންތިޚާބަށް ޢިލްމުވެރިން ދެބަޔަކަށް ބެހުނު ވާހަކައެވެ. މީގެ ތެރެއިން، ރަނގަޅީ ކޮންބައެއްކަން އޮޅިއްޖެކަމުގެ ވާހަކައެވެ.

ތެދެކެވެ. ޢިލްމުވެރިން ވަނީ ދެބަޔަކަށް ބެހިފައެވެ. ހަމައެއާއެކު، އަޅުގަނޑު ޤަބޫލުކުރާ ހިތްއޮތީ، އެބޭފުޅުންވެސް ކޮޅެއް ނިންމުމުގައި ވިސްނައި ބަލައިފާވާނޭ ކަންކަން ހުންނާނެކަމަށެވެ. އޭގައި ޖާއިޒު ރަނގަޅު ސަބަބުތަކާއި، އެއްވެސް ތާކުންތާކު ނުޖެހޭ ސަބަބުތައްވެސް ހުރެދާނެއެވެ. ކޮންމެއަކަސް، ޢިލްމުވެރިންނަށްވީތީ، އެބޭފުޅުންނާ ދޭތެރޭ ހެޔޮ ހީކުރުމަކުން ހީކުރުމަކީ ކުރުން ލާޒިމު ކަމެކެވެ. އެހެނީ، އެއީ އަޞްލެވެ. އެބޭފުޅުން ކަމެއް ނިންމަވާނީ، އެބޭފުޅުންނަށް ފެނިލައްވާ، ޝަރުޢީ އެންމެ ރަނގަޅު ގޮތަށެވެ.

މިއާ ޚިލާފަށް، ޢިލްމަށް ނިސްބަތްވާ ބައެއްމީހުން، ގޯސް ނިންމުންތަކެއް ނިންމާފާނެކަމީވެސް ވެދާނެކަމެކެވެ. އެކަމުގައި ތަފާތު ދުނިޔެވީ ސަބަބުތައް ހުރެދާނެއެވެ. ނަމަވެސް، މިއީ ނާދިރު ވަކިވަކި ފަރުދީ ޙާލަތެކޭވެސް ބުނެވިދާނެއެވެ. ވުމާއެކު، މިއީ ޢިލްމުވެރިންނަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމު ގެއްލުވާލައިގެންވާނެ ކަމެއް ނޫނެވެ.

ތެދެކެވެ. ބައެއްފަހަރު، އަޅުގަނޑުގެ ހިތަށްވެސް އަރައެވެ. ޢިލްމުވެރިންގެ އަގުވެއްޓިފައިވަނީ، އެބޭފުޅުންގެ ތެރެއިން ޢިލްމަށް ނިޞްބަތްވާ ބައެއް މީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ނަމަވެސް، ފުންކޮށް ވިސްނާލުމުން، އެއީ އޭގެ އެއް ސަބަބުކަމަށްވެދާނެއެވެ. ޢިލްމަށް ނިޞްބަތްވާ ބޭފުޅުންގެ ތެރޭގައި މިދެންނެވިފަދަ މީހުން އެބަތިއްބެވެ. އެމީހުންގެ ސަބަބުން ހުރިހާ ޢިލްމުވެރިންނަށް ބަދުބަސްތައް ރައްދުވެގެންދެއެވެ. ނުވަތަ ރައްދުކުރެވެއެވެ. ނަމަވެސް، މިއީ އޭގެތެރެއިން، އެއް ސަބަބެވެ. މީގައި ބައިވަރު ސަބަބުތައް ހުރެދާނެއެވެ. ހުރެދާނެއެއް ނޫނެވެ. ހުންނާނެއެވެ. އެގޮތުން، ރާވާގެންނާއި، ނުރާވާވެސް، ޢިލްމުވެރިންގެ އަގުވައްޓާލަން، ބަޔަކުމީހުން މިމުޖުތަމަޢުގައި މަސައްކަތްކޮށްފައިވާކަމީ ޙަޤީޤަތެކެވެ. ނަމަވެސް އެކަމުގެ ތަފްޞީލަކަށް މިތަނުގައި ދިޔުމަކީ މުނާސާބު ރަނގަޅު ކަމެއްކަމަށް ނުދެކެމެވެ.

ކޮންމެއަކަސް، ޢިލްމުވެރިންނާއި ދާޢީންނަށް އިލްތިމާސުކޮށްލަން ބޭނުންވަނީ، ތިޔަބޭފުޅުންނަކީ އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުއްލަވަން ތިއްބެވި ބޭފުޅުންނަށްވުމާއެކު، މިދީނުގެ ދަޢުވަތަށް އައިސްދާނޭފަދަ އެއްވެސް ނުބައި ސުލޫކަކާއި އަޚްލާޤެއް ތިބޭފުޅުންގެ ފަރާތުން މުޖުތަމަޢުގެ އަފުރާދުންނަށް ފެނުމަކީ ގޯހެކެވެ. އެއީ ސީރިއަސް މައްސަލައެކެވެ. އެފަދަ ކަމެއް ތިޔަބޭފުޅުންގެ ފަރާތުން ފެނިގެން ނުވާނެއެވެ. މީގައި ވާހަކަ މިދައްކަނީ، ހުންނަ ކުދިކުދި އިޚްތިލާފުތަކުގެ ވާހަކައެއް ނޫނެވެ. މީގައި ވާހަކަ މިދައްކަނީ، އަޚްލާޤާއި ސުލޫކީ މިންގަނޑާއި، އުޅުމާއި ގުޅުމުގެ ވާހަކައެވެ. އެ ސުލޫކީ މިންގަނޑާއި، އަޚްލާޤު ހިފެހެއްޓުމަކީ ޢިލްމުވެރިންނާއި ދާޢީންގެ އެންމެ އިސް އެއް ވާޖިބެވެ. އެއަށް ފަރުވާކުޑަވުމުގެ ސަބަބުން ދީނީ ދަޢުވަތާއި ޢިލްމުވެރިންނަށް އައިސްދާނެ ބަދުބަހަކީ، އެއްވެސް އުޒުރެއް އެކަމުގައި ދެއްކޭނެ ކަމެއްނޫނެވެ. އެއްހާސް އުޒުރު ދެއްކިޔަސް، އެއިން އެއްވެސް އުޒުރެއް ޤަބޫލުކުރެވޭނެ ކަމެއްވެސް ނޫނެވެ. މިއާ ޚިލާފަށް، ޢިލްމީގޮތުންނާއި ޢަމަލީ މައިދާނުގައި ޖެހޭ ދޭދޭ އިޚްތިލާފަކީ މައްސަލައެއްނޫނެވެ. ދީނީ ނަޒަރުންވެސް އަދި ދުނިޔެވީ ނަޒަރުންވެސް އެއީ ހަމަ އެއްވެސް މައްސަލައެއްނޫނެވެ.އެއީ ޠަބީޢީ ކަމެކެވެ. ނުވެ ނުދާނޭ ކަމެކެވެ. އޭގައިވެސް މައްސަލައަކަށްވާނީ، ޤަބޫލުކުރާ އުޞޫލުތަކާއި ޚިލާފަށް، އެމީހެއްގެ ޟަމީރާވެސް ޚިލާފަށް، ޙައްޤުކަމަށް ދެކޭގޮތް ދޫކޮށްލާފައި، އޭގެ އިދިކޮޅުގައި ހިފައިފިނަމައެވެ. އެއީ އޭގެ ޒާތުގައި މައްސަލައެކެވެ.

ކޮންމެއަކަސް، މިހިސާބަށް ވާހަކަ އައުމުން، ޢާންމު މުސްލިމުންނަށް ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ. ނަޞޭޙަތެއް އެބައޮތެވެ. ވަޞިއްޔަތެއް އެބައޮތެވެ. ޢިލްމުވެރިންގެ މެދުގައި ހުންނަ މުޢުތަބަރު ޢިލްމީ ޚިލާފުތަކަކީ، އޭގެ ސަބަބުން، ޢިލްމުވެރިންނަށް ބަދުބަސް ރައްދުކުރުން، ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ޢިލްމުވެރިންނަށް ފުރައްސާރަ ކުރުމަކީ، ބޮޑުވެގެންވާ ކުށެކެވެ. ބޮޑު ފާފައެކެވެ. އެހެނީ، ދީނީގޮތުންވެސް ޢިލްމުވެރިންގެ މެދުގައި އުފެދިފައި ހުންނަ އެފަދަ ޚިލާފުތަކަކީ، މައްސަލައެއް ނޫނެވެ. އެކަހަލަ ކަންކަމާ ގުޅިގެން ޢިލްމުވެރިންގެ އަގުވައްޓާލައި، އިޙްތިރާމު ކުޑަކޮށް މީސްމީހުންގެ މެދުގައި ވާހަކަދެއްކުމަކީ، ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އެއީ ޣީބާގެވެސް އެންމެ ނުބައި އެއްޣީބާކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، މިކަމަށް ތިޔަ އަޚުންނާއި އުޚުތުން ސަމާލުވުން ހުއްޓެވެ. މިއީ ހުންނަ މުޢުތަބަރު ޚިލާފީ ކަންކަމުގެ ވާހަކައެކެވެ. ދުނިޔެވީގޮތުން، މުޢާމަލާތުގެގޮތުން، ނަގަންޖެހޭ އަދި ނިންމަންޖެހޭ ނިންމުންތަކުގައި ހުރެދާނެ އިޚްތިލާފުތަކުގެ ވާހަކައެވެ.

ދެން އޮތީ، ޢިލްމަށް ނިސްބަތްވާ މީހެއްގެ ފަރާތުން ފެންނަ، ސުލޫކީ އަޚްލާޤީ ކަމެއްގެ ސަބަބުން، ހުރިހާ ޢިލްމުވެރިންނާއި ދާޢީންނަށް އެބަސް ރައްދުވާގޮަތަށް ބުނާ ބުނުމެވެ. މިއީވެސް ކަނޑައެޅިގެން ގޯހެކެވެ. ފަރުދެއްގެ ސަބަބުން، އިސްލާމީ ދަޢުވަތާއި، އެ ދަޢުވަތު ދެއްވާ ޢިލްމުވެރިންނާއި، ދާޢީންނަށް އެންމެން ޝާމިލުވާގޮތަށް ކުޑައިމީސް ބަސްބުނުމަކީ، ދީނީ ދަޢުވަތަށް މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި، ދީނީ ޢިލްމުވެރިންނަށް މީސްތަކުންގެ މެދުގައި އޮންނަ އިޙުތިރާމު ނަގައިލުމެވެ. މިއީ ދީނީގޮތުންވެސް ވަރަށް ބޮޑު ގޯހެކެވެ. ނޭނގި ދީނީ ދަޢުވަތަށް ދެވޭ ގެއްލުމެކެވެ. މި ދީނަކީ އެންމެންގެ ދީނެވެ. މިދީނުގެ ދަޢުވަތަކީ އެންމެންގެ ދަޢުވަތެކެވެ. ޢިލްމުވެރިންނާއި ޢާންމު މުސްލިމުން މިކަމުގައި ތަފާތެއްނެތެވެ. ދީނަށް ނަޞްރުދިނުމާއި، ލާބައާއި މަންފާ ދީނީ ދަޢުވަތަށް ހޯދައިދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ފަރުދީގޮތުން ޢިލްމަށްް ނިސްބަތްވާ މީހެއްގެ ފަރާތުން ފެންނަ ކަމަކާމެދު، މީސްމީހުންގެ މެދުގައި ވާހަކަ ދެއްކުމަކީވެސް ޣީބަ ބުނުމުގެ ދަށުން ހުއްދަވާނެކަމެއް ނޫނެވެ. އެވާހަކައެއް ދައްކަން ޖެހޭނީ، ދައްކަން ޖެހިއްޖެ ޙާލަތެއްގައި، އެމީހެއްގެ ކައިރީގައި، ނުވަތަ އެކަމަކާ ގުޅޭ އިދާރާއެއްގައެވެ. އެކަމަކާ ގުޅުން ހުރި މިންވަރެއްގެ މައްޗަށެވެ. މުޅި ދަޢުވަތަށް އެކަމުގެ އަސަރުކުރާގޮތަށް އެވާހަކަ ދެއްކުމަކީ ހެދޭނެ ގޯހެކެވެ. އެއީ، މިދީނަށް ނަފްރަތުކުރާ، ޢިލްމުވެރިންނަށް ނަފްރަތުކުރާ މީހުންނަށް ދެވޭނެ އެންމެ ބޮޑު އެހީއެވެ. އެއީ ޝައިޠާނާއަށް ދެވޭނެ އެންމެ ބޮޑު އެހީއެވެ. އެމުޖުތަމަޢެއްގައި ދީނީ ޢިލްމުވެރިންގެ އަގުވެއްޓިފައިވާ ނުވަތަ އަގު ވައްޓާލެވިފައިވާ މުޖުތަމަޢަކީ، ޝައިޠާނާއަށް ކުޅެން އެންމެ ފަސޭހަވާނެ މުޖުތަމައެވެ. ސަބަބަކީ، ޢިލްމުވެރިން ދައްކަވާ ވާހަކަ، އެއީ މުޖުތަމަޢުން ޤަބޫލުކުރާނެ ވާހަކައަކަށް ނުވާނެއެވެ. އެބައިމީހުން އެންމެން ވާގިދީ ފޯރި ނަގާނީ، ޢިލްމުވެރިންނަށް ބަދުބަސް ބުނެވޭ ހިނދެއްގައެވެ. މިއީ، މިދީނަށް ނަފްރަތުކުރާ، މިދީނުގެ ޝިޢާރުތަކަށް ނަފްރަތުކުރާ މީހުން އެންމެ އުފާވާނޭ ކަންކަމެވެ. މިއަދު އަޅުގަނޑުމެންގެވެސް ޙާލަތަކީ މިއީ ނޫންތޯއެވެ އަޅުގަނޑުގެ ހިތަށް އަރައެވެ.

މިއަދު އަޅުގަނޑުމެންގެ މެދުގައި ކަންތައް ހިނގަމުންދާގޮތް ނިކަން ބައްލަވާށެވެ. ޚާއްޞަކޮށް މިދުވަސްވަރު، ކަންކަން ހިނގަމުން މިދަނީ އޭގެ އެންމެ ހުތުރު ގޮތަށެވެ. ޢިލްމުވެރިންނާއި، ދާޢީންގެ "މަހަކީ" އަތުޖެހެން ހުރި އެންމެ "އަގުހެޔޮ މަހަށް" ވެއްޖެއެވެ. "އެމަސް" މީރުވެފައި ކާލަން އަރާމީކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވޭ ބަހެއް އޮންނާނެއެވެ. ޢިލްމުވެރިންގެ މަހަކީ ވިހައެކެވެ. އޭގެ މުރާދަކީ، ކާލަން ފަސޭހަވެފައި، މީރު ވިޔަސް، އެ މަސް ކެއުމުގެ ސަބަބުން މީހާ ވިހަވެ، އެމީހެއްގެ "ފުރާނައަށް" ގެއްލުންވެދާނެފަދަ ކަމެކެވެ. ނަމަވެސް، ކަން ހިނގަމުން މިދަނީ މިބީދައިން ނޫންތޯއެވެ.


މިކަމަށް އަޅުގަނޑުމެން އެންމެން ސަމާލުވާން ނަޞޭހާތްތެރިވާ ޙާލު މިއަދުގެ ލިޔުން ނިންމާލާނަމެވެ. 

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...