Friday 31 August 2018

ރިޔާސީ އިންތިޚާބު 2018 (4) : ކުޑަނުބައާއި ބޮޑުނުބައިގެ ބާބު!

Maldives’ main opposition leader and presidential candidate Ibrahim Mohamed Solih, center, and Maldives’ self-imposed exiled former President Mohamed Nasheed, second right, attend a meeting at Mount Lavinia, a suburb of Colombo, on Monday. — AFP

ރިޔާސީ އިންތިޚާބު 2018 (4) : ކުޑަނުބައާއި ބޮޑުނުބައިގެ ބާބު!
                    
އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލި الله ، ވަޢަލާ އާލިހީ ވަޞަޙްބިހީ އަޖްމަޢީން، وبعد؛

އާދެ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ދެކޮޅުން ކުރެ އެއްވެސް ކޮޅަކީ، ދީނީ ޢިލްމުވެރިން އެކޮޅަކަށް ޤުރުބާންވެ، ކެމްޕެއިން ކުރަންޖެހޭ ވަރުގެ ކޮޅެއްނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ޢިލްމުވެރިން ކުރަންޖެހިފައި އޮތީ، (އަދި އަބަދުވެސް ކުރަމުންދަނީ) ދިވެހިރާއްޖެއަށް ދެން އަންނަ ވެރިކަމަކުން، ދީނާއި ޤައުމުގެ ޙައްޤުގައި އެންމެ ބޮޑު ނުބައަކީ/ނުރައްކަލަކީ ކޮބައިތޯ، އެއްވެސް ޒާތީކަމެއް އޭގެ ތެރެއަށް ވެއްދުމެއްނެތި، ޝަރުޢީ މިންގަނޑުން ކިރައި، އެ ބޮޑު ނުބައަކާއި/ނުރައްކަލަކާއި ދެކޮޅު ހެދުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެކަމަކުން ދީނާއި ޤައުމާއި ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރެއްވުމެވެ. މީގެ ތެރެއިން ކުޑަ ނުބައަކީ ކޮބައިކަން ރައްޔިތުންނަށް ބަޔާންކޮށްދެއްވުމެވެ. އެއްވެސް ގޮތަކަށް، އެ ކުޑަ ނުބަޔަށް، ޙައްޤުނުވާ ޒާތުގެ ޘަނާ ކިޔައި، އެވަރުގެ ވެރިއެއް/ވެރިކަމެއް ތާރީޚު ނުދެކޭމަކަމަށް ހެދުމަކީ ގޯހެކެވެ. ރައްޔިތުންނަށް ކަންކަން ބަޔާންކޮށްދޭންވާނީ، ސާފުކޮށް، އޮޅުމެއްނެތް ގޮތުގައެވެ. ރައްޔިތުންނަށް ބުނެދޭން ޖެހެނީ، އެކަމެއްގެ ޙަޤީޤަތް އޮތްގޮތަކަށެވެ. ކާފޫރު ފޮނިތޮށި އެޅުމުގެ ސަބަބުން، ކަމުގެ ޙަޤީޤީ ކުލަ ގެއްލިގެންދާނެއެވެ.

ކުޑަ ނުބައި/ނުރައްކަލުގެ ވާހަކަ ދައްކަން ފެށުމުން އެހެންކަމެއް ހަނދާންވެއްޖެއެވެ. އެއީ، މިހާރު މި އުޞޫލަށް ދިމާވެފައިވާ ފުރައްސާރައެވެ. "އަބަދުވެސް ކަލޭމެން އޮންނަނީ ކުޑަ ނުބައި، ބޮޑު ނުބައި ކިޔަންޖެހިފައި" ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންކަމުން، މި އުޞޫލާ/ޤަވާޢިދާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނެވޭތޯ ބަލާނަމެވެ.

އާދެ، އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކާއި މަކާނަކަށް (ތަނަކަށް) އެންމެ އެކަށީގެންވާ ނިޒާމެކެވެ. އެއީ އިލާހީ ނިޒާމެވެ. ރައްބާނީ ނިޒާމެވެ. ކައުނު ޚަލްޤުކުރެއްވި އަރަހުށި މާތް ﷲ ގެ ނިޒާމެވެ. މިނިޒާމުގައި ކަޓުކަމެއް، ބޯދާކަމެއް ހުންނާނެތޯއެވެ. ނުހުންނާނެއެވެ. އެކަމުން، އަރަހުށި މާތް ﷲ ވަނީ ހުސްޠާހިރުވެވޮޑިގެންނެވެ. ކަޓުކަމެއް، ބޯދާކަމެއް ހުންނާނީ އަޅުގަނޑުމެންގެ ބުއްދީގައެވެ. މި ޝަރީޢަތުގައި މިދެންނެވި، ރައްބާނީ ހިދާޔަތުވާތީ، ކޮންމެ ކަމަކަށް ޙައްލު އޮންނާނެވެ. އެއްވެސް ކަމަކާ ޖެހިގެން މުސްލިމުން ދެއަތް ބަދެވި، ކަމެއްނުކުރެވި، ތިބެންޖެހޭނެ ޙާލަތެއް މެދުވެރިއެއް ނުވާނެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް، ކިތަންމެ ދަތިކަމެއް ދިމާވިޔަސް، އެކަމަކާ ކުރިމަތިލާނެ ގޮތް މި އިލާހީ ޝަރީޢަތުގައި އެބަވެއެވެ. މި އިލާހީ ޝަރީޢަތުގައި، ޤަވާޢިދުތަކެއް، އުޞޫލުތަކެއް އެބަވެއެވެ. އޭގެ ޒަރިޔާއިން، އެތަނަކަށް/އެވަޤުތަކަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިކަން އިސްތިންބާތު/އިޖުތިހާދު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ޢިލްމުވެރިންނަށެވެ.

އެގޮތުން، ކުޑަނުބައާއި ބޮޑުނުބައިގެ ޤާޢިދާއަކީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެފައި އޮތް އުޞޫލެކެވެ. އޭގެ ތަފްޞީލަކަށް ދާކަމަށްވާނަމަ، ކަމެއްގައި އިޚްތިޔާރުތަކެއް ލިބޭއިރު، އެ އިޚްތިޔާރުތައް ތިންބަޔަކަށް ބެހިދާނެއެވެ. އެއީ، (ފުރަތަމަ ގޮތަކީ) އެ އެކަމެއްގައި މުޅިންވެސް ރަނގަޅު އިޚްތިޔާރުތަކެއް ހުރި ކަމަކަށްވުމެވެ. ނުވަތަ، (ދެވަނަގޮތަކީ) އެ ކަމެއްގައި މުޅިންވެސް ނުބައި އިޚްތިޔާރުތަކެއް ހުރި ކަމަކަށްވުމެވެ. ނުވަތަ، (ތިންވަނަ ގޮތަކީ) އެކަމެއްގައި ރަނގަޅު އިޚްތިޔާރުތަކާއި، ނުބައި އިޚްތިޔާރުތަކެއް ހިމެނޭ ކަމަކަށްވުމެވެ.

އާދެ، ދެން ޝަރުޢީ މިންގަނޑުން މި ތިން ގޮތާމެދު، ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ ބަލާލަމާތޯއެވެ. އެގޮތުން، ހުރިހާ އިޚްތިޔާރުތަކަކީ ރަނގަޅު އިޚްތިޔާރުތަކެއް ކަމުގައިވެއްޖެނަމަ، އޭގެ ތެރެއިން ހިފަންޖެހޭނީ، އެންމެ ރަނގަޅު އިޚްތިޔާރުގައެވެ. މިއާޚިލާފަށް، އެކަމެއްގައި މުޅިންވެސް ހުރީ ނުބައި އިޚްތިޔާރުތަކެއްނަމަ، އޭގައި ހިފަންޖެހޭނީ އެތަނުން އެންމެ ކުޑަނުބާގައެވެ. މިއީ އަޅުގަނޑުމެން ކިޔަމުންމިދާ ކުޑަނުބައާއި ބޮޑުނުބައިގެ ބާބެވެ. ދެންއޮތީ، އެކަމެއްގައި ރަނގަޅު އިޚްތިޔާރުތަކާއި ނުބައި އިޚްތިޔާރުތައް ހިމެނޭ ބައެވެ. މީގައި ހިފަންޖެހޭނީ، ނުބައިގޮތް ދޫކޮށްލާފައި، ރަނގަޅު ގޮތުގައެވެ. އިންސާނާއަށް އިޚްތިޔާރުކުރިމަތިވާ ކަންކަމުގައި މިތިންގޮތުން ބޭރަކަށް އެކަމެއް ނުދާނެއެވެ. ޝަރުޢުގައި މި ތިންގޮތާމެދު ޢަމަލުކުރާނެ އުޞޫލުތައް އެވަނީ ކަނޑައަޅުއްވާފައެވެ.

ނަމަވެސް، ބައެއްމީހުންނަށް މައްސަލަޖެހޭ ހިސާބަކީ، އެއްވެސް ހެވެއްނެތި، މުޅިންވެސް ނުބައި ކުރިމަތިވާ ހިސާބެވެ. އެ ހިސާބުން، ދެން މީގައި އެއްވެސް ހެވެއްނެތޭ ކިޔާފައި، ވަރިހަމަކޮށްލައި، ފަސޭހަކޮށްލާތަން އާދޭއެވެ. ނަމަވެސް، މިއީ ޝަރުޢީގޮތުން ރަނގަޅުގޮތެއް ނޫނެވެ. އެހެނީ، ނުބައިގަވެސް، އަދި ހެއުގަވެސް ދަރަޖަތަކެއް ހުރެއެވެ. އަތުގެ ފަސްއިނގިލި ތަފާތު ފަދައިން، އެއް އިންސާނަކާ އަނެއް އިންސާނެއްގެވެސް ތަފާތުތަކެއް ހުންނާނެއެވެ. ހައްތާހާވެސް ނުބައޭ ކިޔާފައި، ދޫކޮށްލެވެން ނޯންނާނެއެވެ. އެހެނީ، ނުބައިގެވެސް އެކިއެކި ދަރަޖަތައް ހުރެއެވެ. ވުމާއެކު، އޭގެއިން، އެންމެ ކުޑަ ނުބައެއްގައި/ގެއްލުމެއްގައި ހިފުމަކީ ޝަރުޢީގޮތުން ލާޒިމުކުރާކަމެކެވެ. އޭގެތެރެއިން، އެންމެ ބޮޑު ނުބައިން ސަލާމަތްވާން މަޖުބޫރުވާނެއެވެ.

ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން، ސިޔާސީ މައިދާނުގައި އުޅުއްވާ ސިޔާސީ ބޮޑެތި ނަންތަކަކީ ކޮބައިކަން އެންމެންނަށްވެސް އެނގެއެވެ. އަދި ކޮންމެ މީހެއްގެ ފަތިފުށާއި، އެމީހެއްގެ މާޒީވެސް މިއޮންނަނީ އެނގޭ ހިސާބުގައެވެ. ކަންކަމުގެ އިސްތިންބާތު ޢިލްމުވެރިންނާއި ބުއްދިވެރިންނާއި ކަމުގެ މާހިރުން ކުރައްވާނީ، އެ މާޒީގެ ޞަފުޙާތަކާއި، ސިޔާސީންނާއި ސިޔާސީ ޕާޓީތަކުން ގެންގުޅޭ ފަލްސަފާތަކާއި ފިކުރުތަކުގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރެއިން ދީނާއި ޤައުމަށް އެންމެ ފައިދާހުރި، މަޞްލަޙަތުހުރި ފިކުރާއި ފަލްސަފާއަކީ ކޮބައިކަން މާކުރީއްސުރެ މިއޮންނަނީ އެނގިފައެވެ. އެހެނީ، ކޮންމެ ސިޔާސީ ޕާޓީއަކީ ސިޔާސީ ފިކުރެއްގެ މައްޗަށް ނުވަތަ ސިިޔާސީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެންކަމުން، މިކަންކަމުގެ އިސްތިންބާތުކުރުމަކީ މާއުދަނގޫ ކަމެއްނޫނެވެ. ދާދި ފަސޭހަކަމެކެވެ.

ޝަރުޢީ ޤާއިދާގެ ތެރެއިން ވަރަށް މަތިވެރި ޤާއިދާއެއް މިކަހަލަ ކަންކަމުގައި އައުދެއެވެ. އެއީ درء المفاسد مقدم على جلب المصالح އެވެ. މާނައަކީ، ކުރިމަތިވެދާނެ ގެއްލުމެއް ދުރުކުރުމަކީ، ލިބިދާނެ މަޞްލަޙަތަކަށްވުރެ އިސްކަންދެވިގެންވާ ކަމެކެވެ. މިއީ، ދުނިޔެވީ ނަޒަރުންވެސް މިކަންކަން ހިނގާގޮތެވެ. މިޤާއިދާއެކު، މިޢަދަދުގެ ލިޔުން ނިންމާލާނަމެވެ. ބާކީބައި ދެން ލިޔާ ޢަދަދެއްގައި ހިމަނާލުމުގެ ތައުފީޤަށްއެދޭ ޙާލުއެވެ.

ވައްސަލާމު ޢަލައިކުމް...



No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...