Monday 20 August 2018

Riyaasee Inthikhaab 2018 (1): Raees Yaameenge Sarukaaru



Photo: khabaru.mv

  ރިޔާސީ އިންތިޚާބު 2018 (1): ރައީސް ޔާމީނުގެ ސަރުކާރު!

މާތް ﷲ އަށް ޙަމްދުކުރާ ޙާލު ފަށައިގަންނަމެވެ. އަދި ކައުއިތުރު ޞާޙިބާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި އެ އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.
މި ލިޔުން ލިޔަން މިފަށަނީ ކުރިމަތީގައި މިއޮތް ރިޔާސީ އިންތިޚާބާމެދު އަޅުގަނޑުގެ ހިތުގައި އޮތް ޝުޢޫރަކާއި ފިކުރަކާއި ޚިޔާލެއް ފާޅުކޮށްލުމުގެ ނިޔަތުގައެވެ. މިފަދަ ލިޔުމެއް ލިޔަން ހިތަށް އަރާތާ ވަރަށް ގިނަ ދުވަސްތަކެއްވެފައިވާތީއާވެސް އެކުގައެވެ. މިކަމުގައި މާތް ﷲ ގެ ތައުފީޤަށް އެދެމެވެ.

ކޮންމެއަކަސް، މިލިޔުމުގައި މިހިމަނާލަނީ އަޅުގަނޑުގެ ޚިޔާލާއި ފިކުރެވެ. މާޒީއާއި މިއަދުގެ ޙާލަތަށް ނަޒަރު ހިންގުމަށްފަހު އަޅުގަނޑުގެ ސިކުނޑިއަށް ވިސްނޭގޮތެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އަބަދުވެސް ޚާއްޞަ ސަމާލުކަމެއްދީގެން، ވާނުވާ ބަލައިއުޅޭ މީހެއްގެ ޙައިޘިއްޔަތުން މިކަމުގައި ޖާއިޒު ތަޞައްވުރެ އަޅުގަނޑުގެވެސް އޮވެދާނެކަމަށް ޤަބޫލުކުރެވޭތީއެވެ.  ސިޔާސީގޮތުން އެއިރެއްގައި މައިދާނުގައި ތިއްބަވާ ބައެއް ސިޔާސީންނާ އަބަދުވެސް ބައްދަލުވެ، އެތެރެއާއި ބޭރުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވާނެއެވެ. ބައެއްފަހަރު، އެކުވެރިކަމާއެކު ޒުވާބުވެސް ކޮށްފައިވާނެއެވެ.

އާދެ، ކުރިމަތީގައި މިއޮތީ ރިޔާސީ އިންތިޚާބެވެ. އަނެއްކާވެސް ޤައުމަށް ލާއިޤުވެރިއެއް އިންތިޚާބުކުރުމުގެ ޒިންމާ ރައްޔިތުންގެ ބޮލުގައި އެޅުނީއެވެ. އެވެރިއަކީ ލާއިޤުވިޔަސް ނުވިޔަސްވެހެވެ. ދިވެހިރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، މިތަނުގައި މިއޮތީ ގިނަ ޕާޓީތަކެއް ހިމެނޭ ނިޒާމެކެވެ. ވެރިކަމަށް ކުރިމަތިލުމަށް ޕާޓީއެއްގެ މެމްބަރަކަށްވާކަށް ނުޖެހެއެވެ. އަދި ޕާޓީއެއްގެ ނަމުގައި ކުރިމަތި ނުލިޔަސް، ވެރިކަމަށް ކުރިމަތިލެވޭ ނިޒާމެކެވެ. ރިޔާސީ ނިޒާމެކެވެ.

ނިޒާމާ ބެހޭގޮތުން ދައްކަން ހުރި ވާހަކަވެސް ވަރަށް ގިނައެވެ. އެހެން ފުރުޞަތެއްގައި އެވާހަކަ ދެއްކޭތޯ ބަލާނަމެވެ. އެހެންކަމުން، މި ވަޤުތަށް ނިޒާމުގެ ވާހަކަ ބާއްވާފައި، މި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ބަލާއިރު، ކުރިމަތިލައްވާފައިވަނީ ދެބޭފުޅެކެވެ. ދެން މިއީ އާ ވާހަކައަކަށް ނުވާނެއެވެ. އަދި ޚަބަރަކަށްވެސް ނުވާނެއެވެ. ނަމަވެސް، އަތުރާލެވިގެން ވާހަކަ ކުރިޔަށް ގެންދިޔުމުގެ ގޮތުން މި ވާހަކަވެސް ދައްކަމާ ހިނގާށެވެ. އާދެ، ކުރިމަތިލައްވާފައިވާ ދެބޭފުޅުންނަކީ މިހާރުވެސް ވެރިކަން ކުރައްވަމުން ގެންދަވާ، ރައީސް ޔާމިނާއި، އިދިކޮޅު އިއްތިޙާދުގެ ކެންޑިޑޭޓް އިބޫ ޞޯލިޙެވެ. ބަޙުޘުކުރެވެމުންދަނީ، މި ދެ ކެންޑިޑޭޓުންގެ ތެރެއިން ޤައުމަށް އެންމެ ލާއިޤުވެގެންވަނީ ކޮން ކެންޑިޑޭޓެއްކަމާ މެދުއެވެ.

ކޮންމެއަކަސް، އިބޫ ޞޯލިޙާ އެކުގައި އޮތީ، އިބޫ ނިސްބަތްވާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީއެވެ. ދެން ރައީސް މައުމޫނުވެސް މިފަޅިއެވެ. ރައީސް ޔާމީނާއެކު އޮތީ، ރައީސްގެ ޕާޓީކަމަށްވާ ޕީޕީއެމާއި، އެމްޑީއޭއާއި، ޑީއަރުޕީއެވެ.

ރައީސް ޔާމިނަށް ބަލާއިރު، އެމަނިކުފާނާ މެދު އިދިކޮޅުން ތުހުމަތު ކުރަމުންދަނީ ކޮރަޕްޝަނާއި، ވައްކަމާއި، އަނިޔާވެރިކަމާއި، ނާއިންޞާފުގެ ވާހަކައެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް އިދިކޮޅުން ރައީސް ޔާމިނާ ދެކޮޅަށް ވިއްކަމުން ދަނީވެސް މިކަންކަމެވެ. މި ތުހުމަތުތަކެވެ. އަދި މިއީ ރައްޔިތުން ގަންނަމުންވެސް ދާ ތުޙުމަތުތަކެކެވެ. އޭގެ ސަބަބުން، ރައީސް ޔާމިނަށް އޮތް ތާއީދު އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ކުޑައެވެ. މިއީ އަޅުގަނޑަށް ފެންނަ ފެނުން ކަމުގައިވެސް ވެދާނެއެވެ. މިއާއެކު، އަޅުގަނޑަށް ފެންނަ އެހެން ފެނުމެއްވެސް އެބައޮތެވެ. އޭގެ ވާހަކަ ޒިކުރުކޮށްނުލާ ކުރިޔަށް ދިޔުމަކީ ނާއިންޞާފަކަށް ވެދާނެއެވެ. މިއިން ޒަމާނަކުވެސް ރާއްޖެއަށް ނައަންނަ ވަރުގެ ޢުމްރާނީ ތަރައްޤީ ރައީސް ޔާމިނުގެ ދައުރުގައި އަންނަމުންދާތަން އެބަފެނެއެވެ. ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާ ތަން އެބަފެނެއެވެ. އިދިކޮޅު ބޭފުޅުން ހޫނުވުމުގެ ކުރިން އަނެއްކާވެސް ހަނދާންކޮށްލަދެމެވެ. މިއީ އަޅުގަނޑަށް ފެންނަގޮތެވެ. ތިޔަބޭފުޅުންނަށް ދިމާ އިދިކޮޅަށްވެސް ފެނިލައްވަފާނެއެވެ. ފެނިލައްވަންޏާމު، އެވާހަކަތައް ދެއްކުމުގެ ފުރިހަމަ މިނިވަންކަން ތިޔަބޭފުޅުންނަށް ލިބިލައްވާފައިވާނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގޭ އިންފްރާސްރަކްޗަރަށާއި، ޞިއްޙީ ދާއިރާށާއި، ތަޢުލީމީ ދާއިރާށާއި، މިހެންގޮސް ތަފާތު އެކިއެކި ދާއިރާތަކަށް ކުރިއެރުން އަންނަމުންދާ މަންޒަރަކީ އެންމެންނަށްވެސް ފެންނާނެ މަންޒަރެކެވެ. ނަމަވެސް، މިއާ ދެކޮޅުހަދާ މީހަކު ބުނެފާނެއެވެ. އެއްވެސް "ފީސިބިލިޓީ"އެއް ނެތި، ޤައުމު މުޅިން ދަރަނިވެރިކޮށް، ޤައުމު ވިއްކާލައިގެން، ކުޑަ އަގެއްގައި ކުރެވެން ހުރި ކަންކަން ދެގުނަ އަގެއްގައި ކޮށްގެން، އެގެންނަ ތަރައްޤީއަކީ ތަރައްޤީއެއް ނޫނެވެ. އެއީ ވައްކަމެވެ. ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމެވެ. މީގެ އިތުރަށްވެސް ބުނެފާނެ ވާހަކަތައް ހުރެދާނެއެވެ. ވަރަށް ރަނގަޅެވެ. ނަހަމަގޮތެއްގައި ކަމެއް ކުރިޔަށްދާނަމަ، އެކަމެއްގެ ވާހަކަ ދައްކަން ވާނެއެވެ. ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުންގެ މުދަލެވެ. ރައްޔިތުންގެ ޚާދިމުންނެވެ. ނަމަވެސް، ތިޔަ ދާއިރާގައި އަޅުގަނޑަކީ ހަމަ ޖާހިލެކެވެ. އެހެންކަމުން، ތިޔަ ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއްވެސް އަޅުގަނޑުގެ އަތަކުނެތެވެ. އަޅުގަނޑު ދަންނަވަން އޮތްހާވެސް އެއްޗަކީ ތިޔަ ނުކުތާ ނެންގެވިކަން ވަރަށް ރަނގަޅެވެ. އިޤްތިޞާދީ މާހިރުންނާއި، ޞިއްޙީ މާހިރުންނާއި، އަދިވެސް ދެން ހުރި ދާއިރާތަކުގެ މާހިރުން ކަންކަމަށް ފާޑުވިދާޅުވާންވީއެވެ. މިވާގޮތާއި ނުވާގޮތުގެ ވާހަކަ، އަޅުގަނޑުމެން ކަހަލަ ޖާހިލުންނަށް ކިޔައިދެއްވަންވީއެވެ. ކިޔައިދެއްވީމާ، ވިސްނޭނެފަދަ ބުއްދިއެއް މާތް ﷲ ގެ ރަޙުމަތުން ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންވާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އޭރުން، އަޅުގަނޑުމެންނަށްވެސް މިވާނުވާ އެނގޭނެއެވެ. އެގަހު ކޭލާ މިގަހު ކޭލު ވަކިކުރަން އެނގޭނެއެވެ.

ކޮންމެއަކަސް އެވާހަކަ، އެކަމުގެ މާހިރުންނަށް ދޫކޮށްލަމާ ހިންގަވާށެވެ. އަޅުގަނޑަށް އެނގޭނީ އަޅުގަނޑުގެ ދާއިރާއެވެ. އަޅުގަނޑުގެ ދާއިރާއަކީ ދީނީ ދާއިރާއެވެ. ދީނީ ކަންކަން މިސަރުކާރުގައި ހިނގަމުންދަނީ އަޅުގަނޑު އެންމެ ހިތްއެދޭ ގޮތަކަށް ނޫނެވެ. ވަރަށް ގިނަ މައްސަލަތަށް ބައެއް ކަންކަމުގައި އެބަހުއްޓެވެ. އަދި ވަރަށް ރަނގަޅު ކަންކަންވެސް އެބަހުއްޓެވެ. ނަމަވެސް، ފަހުން ތަފްޞީލަކަށް ދާން އެވާހަކަވެސް ބާއްވަމާ ހިންގަވާށެވެ.

(ނުނިމޭ) 

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...