Thursday 20 September 2018

ރިޔާސީ އިންތިޚާބު 2018 (10): ނިންމާލުން!



ރިޔާސީ އިންތިޚާބު 2018 (10): ނިންމާލުން!

އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލި ﷲ ، ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސައްލަމަ ތަސްލީމަން ކަޘީރާ ، أما بعد؛

އާދެ، ރިޔާސީ އިންތިޚާބާ 2018 އާ ބެހޭގޮތުން އަޅުގަނޑު ލިޔަމުން އައި ސިލްސިލާ ނިންމާލާ ޢަދަދުކަމުގައި މިޢަދަދު ހެދުމަށް ގަސްދުކުރަމެވެ. އެއްވެސް ވަންހަނާކަމެއްނެތްގޮތުގައި އަޅުގަނޑުގެ ޝުޢޫރުތައް ވާނީ މި ސިލްސިލާގައި ގެނެސްދެވިފައެވެ. އާދެ، ސަބަބުތަކެއް ނެތިއެއްނޫނެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙާ ބެހޭގޮތުން، ގިނަގުނަ ސުވާލުތަކެއް އައިސް އަޅުގަނޑުގެ ޚިޔާއި ފިކުރަކީ ކޮބައިތޯ ބެލުމަށް ބައެއް އަޚުންނާއި އުޚުތުން އެދެމުން ދިއުމާއެކުއެވެ.

އެހެންކަމުން، އިންޞާފުގެ ނަޒަރަކުން، ދީނީ ތަރާދުނަކުން، އަޅުގަނޑުގެ ޚިޔާލާއި ފިކުރު ހިއްސާކުރުމަށްޓަކައި މި ސިލްސިލާގެ ދަށުންވަނީ ލިޔުންތަކެއް ލިޔެވިފައެވެ. އޭގެ ފައިދާވެސް ވަރަށް ގިނަ އަޚުންނާއި އުޚުތުންނަށްވަނީ ކޮށްފައެވެ. ލިބޭ މެސުޖުންނާއި އަންނަ ފޯނުކޯލުތަކުން އެކަން ހާމަވެގެންދެއެވެ. އެކަމުގެ ހުރިހާ ޙަމްދެއްހުރީ ﷲ ތަޢާލާއަށެވެ. މިއީ އެކަލާނގެ ވަޖުހުފުޅުއަދާއިގެން އަޅުގަނޑު ލިޔުނު ލިޔުންތަކެއްކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެއެވެ. ބަސްބުނެފައިވާނީ އެކަލާނގެ ދީނަށްޓަކައެވެ. އެކަލާނގެ ދީނަށް އައިސްދާނެ ލޮޅުމަކަށް ބަލާފައެވެ. މިކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ދީނީ އަދި ޤައުމީ މަޞްލަޙަތަށް ބަލާފައެވެ. މާޒީން ލިބޭ ޢިބްރަތްތަކަށް ބަލާފައެވެ. މިކަމުގައި އަޅުގަނޑަށް ކުރިމަތިވެދާނޭ ފުރައްސާރައަކަށް، އަދި ލިބިދާނޭ ޘަނާއަކަށް އެއްވެސް ވަރަކަށް ފިކުރުކޮށްފައެއްނުވާނެއެވެ. ޘަވާބާއި ދަރުމައެދެނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. ހެޔޮ ބަސްތަކެއް ލިޔެވިފައިވާނަމަ އެއީ މާތް ﷲ ގެ ތައުފީޤެވެ. ގޯސްބަހެއް ނުވަތަ ކުށެއް ލިޔެވިފައިވާނަމަ، އެއީ ނިކަމެތި މިއަޅާގެ ފުށުން އައިކަމެއްކަން ކަށަވަރެވެ. އެފަދަ ކަމެއްވާނަމަ، މާތް ﷲ ގެ މަޣްފިރަތަށް އެދި ދުޢާކުރަމެވެ. މާތް ﷲ މިއަޅާގެއާއި ކިޔުންތެރިންގެ ފާފަތައް ފުއްސަވައި ރަޙްމަތްލައްވާށިއެވެ. އާމީން!

އާދެ، މިހިސާބަށް، އަޅުގަނޑުގެ ލިޔުންތައް ދިޔައިރު، ލިޔަންބޭނުންވި ހުރިހާ ވާހަކަތަކެއް ލިޔެވިފައިނުވިޔަސް، ވަރަށް ގިނަ ވާހަކަތައް ލިޔެވިފައިވާނެއެވެ. މިޢަދަދަކީ ނިންމާލާ ޢަދަދުކަމަށްވުމުން، މާގިނަ އައު ވާހަތަކެއް ހިމެނުމުގެ ވިސްނުމެއްނެތެވެ. ނަމަވެސް އެތަންމިތަނުން ފާހަނގަކޮށްލެވޭ ބައެއް ކަންކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

ކުޑަނުބައާއި ބޮޑުނުބައި!

އާދެ، "ކުޑަނުބައާއި ބޮޑުނުބައި"ގެ ވާހަކަ ކުރީ ޢަދަދެއްގައި ވާނީ ދެކެވިފައެވެ. އެވާހަކަ ދައްކަން ޖެހުނީ، މިއުޅެނީ، އެއްކޮޅުން ޢުމަރު ބުނު އަލްޚައްޠާބު (ރަޟިޔަ ﷲ ޢަންހު) އާއި ޢަމްރު ބުނު ހިޝާމު (އަބޫޖަހުލު) ކުރިމަތިލައިގެނެއްނޫނެވެ. މަޒީގައިވެސް ގޯސްތަކެއް ހަދާފައިވާ ދެބައެއްގެ ކުރިމަތިލުމެކެވެ. އެގޯސްތަކުގެ ކުޑަބޮޑު މިނާއި، ދީނާއި ޤައުމަށް އެކަމުން ކޮށްފައިވާ ނުބައި އަސަރުގެ ކުޑަބޮޑު މިނަށް ބަލައި، ދީނީ އުޞޫލުތަކާއި ޤާއިދާތަކުގެ އަލީގައި ކިރައި، މިތަނުން ޤައުމަށް އެންމެ ގެއްލުން ކުޑަކޮޅެއް ނެގުމެވެ. އެގޮތުން، درء المفاسد مقدم على جلب المصالح މިއީ ޝަރުޢީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންނަށް އައު ޤާޢިދާއަކަށް ނުވާނެއެވެ.

މަފްސަދާއި މަޞްލަޙާ ކިރުމުގައި ބަލަންޖެހެނީ، ޤައުމުގެ އެކަންކަން އޮތް މިންވަރަށެވެ. އަދި ސިޔާސީ އެއްވެސް އެދުމެއްނެތި، މިނިވަންކަމާއެކު، ދީނީ ތަރަހައިންނެވެ. ޢަދުލަށް ނަތީޖާ އަންނާނީ އޭރުންނެވެ. ނަމަވެސް، ކިރުމުގައި ކިރިޔާވެސް ހެދޭ ޚަލަލެއްގެ (ކުށެއްގެ) ސަބަބުން ނަތީޖާ ވަރަށް ބޮޑުތަން ބަދަލުވެގެންވެސް ހިނގައިދާނެއެވެ. ބައެއްފަހަރު، ގަސްދުގައި އަންނަ ޚަލަލަކަށް ނުވަދާނެއެވެ. އޮޅުމަކުންވެސް އައިސްދާނެއެވެ. އެކިއެކި ބޭފުޅުންނަކީ އެކިއެކި ޠަބީޢަތުގެ އަހުލުވެރިންކަމުގައިވުމުންވެސް ތަފާތުތަކެއް އައިސްދާނެއެވެ. އޭގެއިން އޭނައަކީ އޮޅުވާލާ މީހެއްކަމަށް ދޭހަކޮށެއްނުދެއެވެ. އަދިކިއެއްތޯއެވެ. އޭނައަކީ މަޢުޒޫރު މީހަކަށްވުންވެސް އެކަށީގެންވެއެވެ.

ނަމަވެސް، ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި، ޢިލްމުވެރި ބޭފުޅުންވެސް އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ޢުޒުރުތަކެއް ދެއްވާފައި ނުވާކަމެވެ.

މާފުކުރައްވާށެވެ. ޢިލްމުވެރިންނަށް ބަދުބަސް ބުނަނީއެއްނޫނެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައަކަށްވުމުން، މިވާހަކަ ކޮންމެވެސް މީހަކު ދެއްކުމަކީވެސް ކުރަންވެއްޖެކަމެއްނޫންތޯއެވެ. މިފަދަ ކަމެއްގެ ވާހަކަދެއްކުމަށް އެންމެ އެކަށީގެންވާ މީހެއްކަމުގެ ދަޢުވާ އަޅުގަނޑު ނުކުރާނަމެވެ. ނުވެސް ކުރެވޭނެއެވެ. ނަމަވެސް، މިފަދަ ވާހަކަ އެކަމާ އެކަށީގެންވާ ބޭފުޅުން ނުދައްކަވާނަމަ، ދެންތިބި ބަޔަކު އެކަން ކުރަން މަޖުބޫރުވާނެ ނޫންތޯއެވެ. އެގޮތުން އިޞްލާޙަށްދެކެވޭ ވާހަކަތަކުގައި އެއްވެސް ބޭފުޅަކު ހިތްބުރަނުކުރައްވާނެކަމަށް އުއްމީދުކުރަމެވެ.

ޢިލްމުވެރިން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ރައްދުދެއްވުން!

އާދެ، ބައެއްފަހަރު، ޕޯޑިމްތަކާއި ދަރުސްތަކާއި، އެހެނިހެން ތަޤްރީރުތަކުގައި، ދެން ތިއްބެވި ޢިލްމުވެރިންނަކީ، ދީން އޮޅުވާލައްވާ، މަޤާމުގެ ދަހިވެތިކަމުގައި އުޅުއްވާ، އަނިޔާވެރިކަމަށް އެހީތެރިވެދެއްވާ، ޚިޔާނާތަށް އެހީތެރިވެދެއްވާ ބޭފުޅުންކަމުގައި ސިފަކުރައްވާ، ތައުބާވުމަށް ގޮވާލައްވައި، މާތް ﷲ ގެ ޢަޒާބަށް ބިރުވެތިވުމަށް އިންޒާރުކުރައްވާ ހައްދަވާތަން އެއީ ޢާންމުކަމަކަށްވެއްޖެއެވެ. އެއްބޭފުޅަކު، އެނެއްބޭފުޅެއްގެ ރައުޔަކީ އެހާ ލާއިޤުވެގެންވާ ރައުޔެއްކަމުގައި ނުދެކިދާނެއެވެ. އަދި އެއްބޭފުޅަކު، އެނެއްބޭފުޅެއްގެ މައުޤިފުގައި ޚަލަލާއި އުނިކަން ހުރިކަމަށް ދެކިލައްވަފާނެއެވެ. އަދި ކިއެއްތޯއެވެ. އެއްބޭފުޅަކު، އަނެއްބޭފުޅެއްގެ އިޖްތިހާދަކީ ވަރަށް ގޯސް އިޖްތިހާދެއްކަމަށް ދެކިލައްވަފާނެއެވެ.

މިއިން އެއްވެސް ކަމެއްގައި މައްސަލައެއްނެތެވެ. މައްސަލަޖެހެނީ، އެއްވެސް އިޖުތިހާދެއްވެސް ނެތްކަމަށް ސިފަކޮށް، އަނެކާ އެހުރީ ކަނޑައެޅިގެން މަގުފުރެދުމެއްގައި ކަމާއި، މާތް ﷲ ގެ ދީނާ ދެކޮޅަށް ކަމަށް އިއްތިހާމުކުރާ ހިސާބުންނެވެ. މައްސަލަޖެހޭނީ، އެ އިޖުތިހާދުގެ ސަބަބުން އަނެކާ އަކީ ވިކިފައިވާ މީހެއްކަމަށް ތުހުމަތުކުރާ ހިސާބުންނެވެ. އަނެކާއަކީ ވަޒީފާއަށްޓަކައި އުޅޭ މީހެއްކަމުގެ ތުހުމަތުކުރާ ހިސާބުންނެވެ. ނުވަތަ އަނެކާއަކީ ބިރުން ފިތިފައި ހުރިމީހެއްކަމަށް ބުނާ ހިސާބުންނެވެ. ނުވަތަ އަނެކާގެ ދިޔާނަތަށް، އަނެކާގެ އިޚްލާޞްތެރިކަމަށް، އަނެކާގެ ޣީރަތްތެރިކަމަށް އިނގިލި ދިއްކުރާ ހިސާބުންނެވެ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫނެވެ.

މިފަދައިން ބަޔަކު ކަންކުރާނަމަ، މިއީ ތިޖުތިހާދަށް/ރައުޔަށް/މައުޤިފަށް ފާޑުކިޔުމެއްނޫނެވެ. އިޖުތިހާދަށް ފާޑުކިޔުމަކީ މައްސަލައެއްނޫނެވެ. ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅިފައިވާ އިޖްތިހާދަކަށް/ރައުޔަކަށް/މައުޤިފަކަށް، ރައްޔިތުންގެ ކުރިމަތީގައި ފާޑުކިޔުމަކީވެސް މައްސަލައެއްނޫނެވެ. އެއީ ބައެއްފަހަރު އެކަން އޮންނަންވެސް ޖެހޭގޮތެވެ. ޚާއްޞަކޮށް ރައްޔިތުން އެންމެންގެ މަޞްލަޙަތު އެކަމެއްގައި ހިމެނޭ ކަމެއްނަމައެވެ. މިކަން ދެން ހުންނަ މީހާގެ ދީނާޔާތަށް، އޭނާގެ ޣީރަތްތެރިކަމަށް، އިޚްލާޞްތެރިކަމަށް، ތެދުވެރިކަމަށް، ޝަޚުޞަ އިއްތިހާމުނުކޮށްވެސް ކުރެވިދާނެއެވެ.

ގިނަ ޢިލްމުވެރިންގެ މައުޤިފަކީ (ރައުޔަކީ) ކޮބާ؟

އަޅުގަނޑަށް ކެރިހުރެ ދަންނަވަން ކެރޭ ވާހަކައެއް އެބައޮތެވެ. ގިނަ ޢިލްމުވެރިން ތިއްބެވީ އަދިވެސް ޢަލްމާނިއްޔަތާ ދެކޮޅަށެވެ. ބޮޑުނުބައަކީ އެމްޑީޕީކަމަށް ބަލައިގެންނެވެ. މިހެން ބުނުމުން، އަނެއްކާވެސް ސުވާލު އުފެދިދާނެއެވެ. ލިޔުންތެރިޔާއަށް އެކަން އެނގެނީ ކިހިނަކުންތޯއެވެ؟ އާދެ، ވަރަށް ރަނގަޅު ސުވާލެކެވެ. ކުރަންޖެހޭވެސް ސުވާލެކެވެ. މީހަކު އެއްޗެކޭ ހަމަބުނާއިރަށް އެވާހަކައެއް ތެދުކޮށްގެންނުވާނެއެވެ. އެކަމާ ގުޅޭގޮތުން، އިތުރު ސުވާލުތައްކޮށް މުޅި މައްސަލަ މޭރުންކުރަންވާނެއެވެ. މިއަދު، އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްވަބާއަކީ ތުންތުންމަތީ ވާހަކައަށް ބަރޯސާކުރުމުގެ ވަބާއެވެ. ތެދުވެރިއެއް ދޮގުވެރިއެއް ނުބަލައި، މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރުމުގެ ވަބާއެވެ. ޚާއްޞަކޮށް މިފަދަ މޫސުމެއްގައެވެ. މި ލިބިގެން އުޅޭ "ޑިމޮކްރަސީއެއްގެ" ސުންޕާކަމާއެވެ!

ލޮބުވެތި ކިޔުންތެރިންނޭވެ! ތިބޭފުޅުން ސަމާލުވެތިއްބަވާށެވެ! އެހެނީ، ޙަދީޘްފުޅުގައި ވަނީ، ތުންތުންމަތިން އިވޭ ކޮންމެ އަޑެއް ފަތުރާ މީހަކީ ދޮގުވެރިއެއްކަމަށް ފުދޭކަމަށެވެ. ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު، ތިމަންނައީ މާތް ﷲ ގެ ޙަޟްރަތުގައި ދޮގުވެރިއެއް ކަމަށް ލިޔެވިފައިވުމަށް ނޭދޭނެއެވެ. އެހެންކަމުން، އެކަމަށް ސަމާލުވެތިއްބަވާށެވެ. މިވަބާ ހުއްޓޭނީ އަޅުގަނޑުމެން އެކަން ހުއްޓާލައިގެންނެވެ.

ކޮންމެއަކަސް، އެސުވާލުގެ ޖަވާބަކީ، އަޅުގަނޑަށް އެކަން އެނގެނީ އެއީ އަޅުގަނޑުގެ ދާއިރާކަމަށްވުމުންނެވެ. ދިވެހިރާއްޖޭގެ ގިނަ ޢިލްމުވެރިންނަކީ އަޅުގަނޑުގެ ރައްޓެހިންކަމަށްވުމުންނެވެ. އެބޭފުޅުންނާ ޚިޔާލުބަދަލުކުރެވި، ވާހަކަދެކެވޭ މީހެއްކަމަށްވުމުންނެވެ. ގިނަ ޢިލްމުވެރިންނަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ބޭފުޅުންނެއްނޫނެވެ. އެބޭފުޅުންނަކީ، ތަޢުލީމީ އެކިއެކި ދާއިރާތަކުގައި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގައި މުޖުތަމަޢަށް ޢިލްމު ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މިހެން ދެންނެވީމާ، ބައެއްމީހުންގެ ހިތަށް އަރާފާނެއެވެ. ތިދަންނަވާ ޢިލްމުވެރިންނަށް ސިޔާސީ ކަންކަމެއް ނޭނގޭނެތާއެވެ. މުޅިން ގޯސްވާހަކައެއް ނޫނެވެ. މުޅިން ރަނގަޅު ވާހަކައެއްވެސް ނޫނެވެ. އެހެނީ، އެބޭފުޅުންގެ ތެރޭގައި ސިޔާސީ ކަންކަން އެއްވެސް ވަރަކަށް ދިރާސާ ނުކުރައްވާ ބޭފުޅުން ތިބެދާނެއެވެ. އެކަމަކު، އެއީ ނާދިރު މަދު ބޭފުޅުންކޮޅެއްކަމަށް ބުނެވިދާނެއެވެ. ނަމަވެސް، ގިނަ ބޭފުޅުންނަކީ ރާއްޖޭގައި މިވަމުންދަނީ ކީއްކަން ރަނގަޅަށް އެނގިލައްވާ ބޭފުޅުންނެވެ. އެކަންކަމާ ފިކުރުކުރައްވާ ބޭފުޅުންނެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން ސިޔާސީ މައިދާނުގައި ހިނގާކަންކަން ހިނގަނީ އެންމެންގެ ކުރިމަތީގައެވެ. އެހެންވީމާ، ސިޔާސީ ކަންކަން އެނގޭނީ ހަމައެކަނި ސިޔާސީ މައިދާނުގައި ތިބޭ މީހުންނަށްކަމަށް ބުނާ ބުނުމަކީ، ތިމަންނަމެން ބުނާ ހުރިހާ ގޮތަކަށް ތަބާވެ ތަޢައްޞުބުވާން ބުނެވޭ ބުނުމެކެވެ. ދިވެހިންނަކީ ބުއްދިވެރިންނެވެ. ވާނުވާ އެމީހުންނަށްވެސް އެނގެއެވެ. ނޭނގޭކަމެއް އޮވެއްޖެނަމަ، ސާފުޞަރީޙަބަހުން ކިޔައިދިނީމަ، މޭރުންކުރަން އެނގޭނެއެވެ.

އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިއެއް ނުވަމުއެވެ!
ދެން އޮތީ އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިވަނީކަމަށް ބުނެ ކުރެވޭ އިއްތިހާމުގެ ވާހަކައެވެ. ދަންނަވަންތޯއެވެ. އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިއެއްނުވަމުއެވެ. އަދި ނުވެސް ވާނަމުއެވެ. އެގޮތަށް އެ އިއްތިހާމުކުރުމަކީ ކަނޑައެޅިގެން ޚުދު އަޅުގަނޑުމެންނާ ދޭތެރޭވެވޭ އަނިޔާއެއްކަމަށް ނޫނީ ނުވާނެއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅު ހެދުމަކީ ވަކިބައެއްގެ ޕޯޑިއަމުގައި ކުރެވެން ޖެހޭ ކަމެއްކަމަށްވެސް އަޅުގަނޑުމެން ނުދެކެމެވެ. އިސްލާމްދީނާ ފުށުއަރާ ކަންކަމާ ބެހޭގޮތުން، އެކިއެކި މައުޤިފުތަކުގައި އެކިއެކި ޕްލެޓްފޯމުތަކުގައި އަޅުގަނޑުމެން ދައްކާފައިވާ ވާހަކަވެސް މަދެއްނުވާނެއެވެ. ދިވެހިރާއްޖޭގެ ޢިލްމުވެރިން ރެއާއި ދުވާލު އެތަންމިތަނުގައި ދީނީ ދަރުހާއި، ދީނި ވަޢުޡުވިދާޅުވަމުން އެގެންދަވަނީ ވަރުބަލިކަމެއްނެތިއެވެ. ދީނީ ޣީރަތްތެރިކަން އެބޭފުޅުންގެ ހިތުގައި ވަކި ކުޑައެއްނުވާނެކަން ޔަޤީނެވެ. މާތް ﷲ ގެ ޝަރީޢަތަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް އެބޭފުޅުން ލޯބިކުރައްވާވަރު ވަކި ކުޑައެއްނުވާނެއެވެ. އިސްލާމީ ރިވެރި މުޖުތަމަޢަކަށް މިމުޖުތަމަޢަށް ހެދުމަށްޓަކައި އެބޭފުޅުން މަސައްކަތްކުރައްވަމުން އެގެންދަވަނީ، ހިތުގައިވާ އީމާނާއި ތަޤްވާގެ މަތިވެރިކަމުން ކަމަށް ބުނުމަކީ ދޮގަކަަށްނުވާނެއެވެ. ވުމާއެކު، އެބޭފުޅުންނަކީ އަނިޔާއަށް ރުހިގެން ތިއްބެވި، އަނިޔާއަށް ބާރުދެއްވާ ބޭފުޅުންކަމަށް ސިފަކުރެއްވުމަކީ ގޯހެކެވެ.

ތެދެކެވެ. ޢަލްމާނީފިކުރު ގެންގުޅޭ، އެބައެއްގެ މާޒީ ޚަރާބުވެފައިވާ ބައެއްގެ ޕޯޑިއަމުގައި އެކަން ކުރަން އަޅުގަނޑުމެން ބޭނުމެއްނޫނެވެ. އަޅުގަނޑުމެން އެކަން ކުރާނީ، ތިޔަފަދަ އޮޅުންބޮޅުންވެ ޚަރާބުވެފައިވާ ޕޯޑިއަމެއްގައެއް ނޫނެވެ. އަދި ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަކަށްވެސް ނޫނެވެ. މީހަކު ވެރިކަމުން ވައްޓައި، އަނެކަކު ވެރިކަމަށް އަރުވާކަށްވެސް ނޫނެވެ. އަދި އަޅުގަނޑުމެންގެ ލީޑަރަކު ޖަލުގައި އޮންނަން ޖެހުމުން، އެކަމާވެސް ނޫނެވެ. ކުޑަނުބައި ބޮޑުނުބައި ކިރޭނީ، ދީނީ ޤައުމީ މަޞްލަޙަތަކީ ކޮބައިތޯ، ދީނީ ތަރާދުނުން ކިރުމަށްފަހުއެވެ. ތިމަންނަމެން ތަބާވާ ސިޔާސީންގެ ތެރެއިން ބަޔަކު ޖަލުގައި ތިބުމަކީ، މީޒާނުތައް މުޅިން އެދިމާލަށް ފޮނުވަންޖެހޭ ކަމެއް ނޫނެވެ. އެއީ އަމިއްލަ މަޞްލަޙަތުތަކެކެވެ. މީޒާނު އޮންނަންވާނީ، ދީނާއި ޤައުމުގެ މަޞްލަޙަތުގައެވެ. އަދި ދީނީގޮތުން އައުލަވިއްޔާތު ދެވިގެންވާ ކަންކަމަށެވެ. އަދި އުޞޫލުތަކާއި ޤަވާޢިދުގެ މައްޗަށެވެ. މިކަންކަމާމެދު މިއަދު އަޅުގަނޑުމެން މިވަނީ ފުންކޮށް ވިސްނަންވެފައިކަމުގައި ދެކެމެވެ.

ނިންމާލަން، ބޭނުންވަނީ، ދުޢާއަކުންނެވެ. ލޮބުވެތި ކިޔުންތެރިން، މިދުޢާއަށް އިޚްލާޞްތެރި ހިތަކުން އާމީންއޭ ވިދާޅުވާނެކަމަށް އުއްމީދު ކުރަމެވެ. ޔާ ﷲ ! އަޅަމެންގެ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުކުރައްވާ، އިބަ ﷲ ގެ ދީނަށް ވަފާތެރި، އިބަ ﷲ ގެ ޝަރީޢަތް މީސްތަކުންގެ މެދުގައި ތަންފީޒު ކުރާނެ، ރައްޔިތުންނަށް އޯގާތެރި، ޢަދުލުވެރި ވެރިއެއް މިކުޑަކުޑަ ދިވެހިރާއްޖެއަށް މިންވަރުކުރައްވާފާނދޭއެވެ. އަޅަމެންގެ މިދިވެހިރާއްޖެއަކީ ތާއަބަދު އިސްލާމީ ދިވެހިރާއްޖެއެއްކަމުގައި ލައްވާފާނދޭއެވެ. އަދި އަޅަމެންނަކީ، އިބަ ﷲ ގެ ދީނަށް ވަފާތެރި، ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާ ފުރިހަމަ މުުއުމިނުންކަމުގައި ލައްވާފާނދޭއެވެ. އާމީން!

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...