Saturday 27 January 2018

" Ahannaa kairi nuvey! Ahannakee Aids jehifaivaa meeheh!



އަހަންނާ ކައިރި ނުވޭ! އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެއް!

މި ރާއްޖެއިން ހަފްތާ ބަންދު ހޭދަކޮށްލަން އަވަށްޓެރި ސްރީލަންކާއަށާއި ބެންކޮކަށް އަދިވެސް މިނޫން މިފަދަ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ޢާންމުކޮށް މިކަން ކޮށްއުޅެނީ އަތްމަތި ތަނަވަސް މީހުންނެވެ. ތެދެކެވެ. ހިތްހަމަ ޖައްސާލަން ދަތުރުކުރުމަކީ ގޯސްކަމެއް ނޫނެވެ.

 ނަމަވެސް، ގިނަ އަދަދެއްގެ މީހުން މިކަން ކޮށްއުޅެނީ މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ޢީދެއްގެ ގޮތުންނެވެ. މިފަދަ މީހުން މިފަދަ ދަތުރުތައް ކޮށްއުޅެނީ، މިރާއްޖެއިން މިބައިމީހުންގެ މުޑުދާރު ޝަހުވާނީ އެދުންތަކަށް ހިތް އެދޭވަރުގެ ފުރުޞަތްތަކެއް ލިބެން ނޯންނާތީއެވެ. ބައެއް ފަހަރު އަނބިމީހާއަށް ފަޅާއަރާފާނެތީއެވެ. އެހެންކަމުން، އަތު ނުޖެހޭ ހިސާބަކަށް ދަނީއެވެ. އެގޮތުން މިޤައުމުތަކަށް ގޮސް ނައިޓް ކުލަބްތަކަށް ދެއެވެ. ޑިސްކޯ ޑީޖޭ ފަދަ ތަންތަނުގައި އެމީހުންގެ އަބުރުވެރިކަން ވެއްޔާ މޮޑެލައެވެ. އަދި ކަސްބީ އަންހެނުން ގޮވައިގެން، ރާބޮއެ، އެނދު ދާންމަތިތައް މުޑުދާރުކުރެއެވެ.  

އެހެންކަމުން، މިލިޔުމުގެ މަޤްސަދަކީ، މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރާ މީހުންނަށް އިންޒާރުކުރުމެވެ. ކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ހަޤީޤީ ޢިބްރަތްތެރި ވާހަކައެއްގެ ޒަރީއާއިންނެވެ.

*******************

މި ވާހަކައަކީ ސަޢުދި ޢަރަބިޔާގެ ވަރަށް މަޝްހޫރު ޝެއިޚެއްކަމުގައިވާ، އައްޝެއިޚް މުޙަންމަދު އަލްޢަރީފީ ވިދާޅުވެދެއްވި ވާހަކައެކެވެ. އޭނާގެ މުޚާޞަރާއެއްގައެވެ. އޭނާ ވިދާޅުވިއެވެ:" އެއްދުވަހަކު އަޅުގަނޑުގެ ދަރުސެއް ނިމުނުތަނާހެން ޒުވާންފުރައިގެ ފިރިހެން ކުއްޖެއް ތެދުވިއެވެ. އަދި އޭނާއަށް ކުރިމަތިވި ވަރަށް ޢިބްރަތްތެރި ވާހަކައެއް ކިޔާދޭން ފެށިއެވެ."

އެ ޒުވާނާ ކިޔައިދިނެވެ. " އަޅުގަނޑަކީ މާ ދީންވެރި ކުއްޖެއް ނޫނެވެ. ނަމަވެސް، މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމަށް އަބަދުވެސް އަޅުގަނޑު ބިރުގަނެއެވެ. އެއްދުވަހަކު އަޅުގަނޑުގެ ރައްޓެހީން އަވަށްޓެރި ޚަލީޖްގެ ޤައުމަކަށް ޗުއްޓީ ހޭދަކޮށް، މަޖާކޮށްލުމަށް ދާން ސައްލާކުރިއެވެ. އަޅުގަނޑުވެސް އެމީހުންނާއި އެކު ދާން އެއްބަސްވީމެވެ.

މި ދަތުރުގައި އަޅުގަނޑުގެ ރައްޓެހީން ވަރަށް ބޮޑަށް މަޖާ ނަގާ ހެދިއެވެ. ޙަރާމެއް ޙަލާލެއް ނުބަލައެވެ. އެގޮތުން، މިބައިމީހުން ކުރާ މިފަދަ ބޮޑެތި ޖަރީމާތަކުގައި އަޅުގަނޑުވެސް ބައިވެރިކުރަން ވަރަށް މައްސަކަތްކުރިއެވެ. ނަމަވެސް، އަޅުގަނޑު އެއަށްވުރޭން ހުޝިޔާރެވެ. ތެދެއްމެއެވެ. އަޅުގަނޑަކީ މާ ދީންވެރި ތަޤްވާވެރިއެއް ނޫނެވެ. ނަމަވެސް، ބޮޑުވެގެންވާ ޙަރާމްކަންތައްތަކަށް އަރައިގަތުމަށް ބިރުވެތިވަމެވެ.

އާދަކާދައިގެ މަތިން، އެއްރެޔަކު އަޅުގަނޑުގެ ރައްޓެހީން ބޭރަށް ދިޔައެވެ. މިބައިމީހުން ބޭރަށް ދިޔުމާއެކު އަޅުގަނޑު ހުންނަ ކޮޓަރިޔަށް ވަދެ ތަޅުލީމެވެ. އިރުކޮޅަކުން، މިބައިމީހުން އެނބުރި އައެވެ. ކަސްބީ އަންހެނުންތަކެއް ގޮވައިގެންނެވެ. އަޅުގަނޑު ކޮޓަރީގައި ހުރިއިރު، މިބައިމީހުންގެ ހީ ސަމާސާކުގެ އަޑު ވަރަށް ބާރަށް އިވެމުންދެއެވެ. އަޅުގަނޑު މިބައިމީހުންގެ މަޅީގަ ޖައްސަން އުޅޭނެކަންވެސް ދަނެހުރީމެވެ. އެހެންކަމުން، ކޮޓަރީގެ ދޮރު ނުހުޅުވުމަށް އަޒުމު ކަނޑައެޅީމެވެ. އިރުކޮޅަކުން މި މީހުން ދޮރުގައި ތަޅަން ފެށިއެވެ. ހުޅުވުމަށްއެދި ގޮވަން ފެށިއެވެ. އަޅުގަނޑު ދޮރެއް ނުހުޅުވާނަމޭ ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. ނަމަވެސް، ދެން އެމީހުން ބުނަން ފެށީ، ކޮޓަރީގަ އޮތް މޯބައިލް ޗަރޖަރު ދިއްކޮށްލަބަލާށެވެ. އެހެންކަމުން، އޭތި ދިނުމަށް ދޮރުހުޅުވީމެވެ. ހަމަ އެހިނދު، އެމީހުން އެތަނުން ކަސްބީ އަންހެނެއް ކޮޓަރި ތެރެއަށް ވެއްދިއެވެ. އަދި ބޭރުން ކޮޓަރީގެ ދޮރު ތަޅުލާ ބަންދުކުރިއެވެ. އެހެންކަމުން، ކޮޓަރިތެރޭގައި އަޅުގަނޑާއި މި އަންހެންކުއްޖާ ތާށިވީއެވެ. އަޅުގަނޑު އެމީހުންނަށް ދޮރު ހުޅުވުމަށް އާދޭސްކުރީމެވެ.  

ދެން މިކަސްބީ އަންހެނާ، އަޅުގަނޑު ގާތުގައި ހަޑިމުޑުދާރު ޢަމަލު ހިންގަން އެދެންފެށިއެވެ.  އަޅުގަނޑުގެ ހިތަށްވެސް ޝައިޠާނާ ވަސްވާސް ލައިދޭން ފެށިއެވެ. އެ އަންހެނާގެ ގޮވާލުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް، ﷲ ގެ ޢަޒާބަށް ބިރުވެތިވީމެވެ. އެކަސްބީ އަންހެނާ ގާތު އަޅުގަނޑާއި ކައިރި ނުވުމަށް އިންޒާރުކުރީމެވެ. ﷲގެ ފަރާތުން ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކަމަށް އެދެން ފެށީމެވެ. ނަމަވެސް، މި ކަސްބީ އަންހެނާގެ ހިތަށް އެއްވެސް އެއްޗެއް އަރާކަމަކަށް ނުވިއެވެ. އެންމެ ފަހުން، ދޮގެއް ހަދައިގެން ވިޔަސް، މި އަންހެނާގެ ވަކިތަކުން ސަލާމަތްވެވޭތޯ ބެލީމެވެ. އެގޮތުން އޭނަޔާ ދިމާލަށް ބުނީމެވެ. "އަހަންނާ ދުރަށް ދޭ! އަހަރެން މިހިރީ އެއިޑްސް ޖެހިފާ".

ނަމަވެސް، މިކަނބުލޭގެއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. އަޅުގަނޑު އެހެން ބުނުމުންވެސް މިކަނބުލޭގެ ހުރި " ކޫލް " ކަމުން އަޅުގަނޑު ހައިރާންވެ އަންތަރީސްވިއެވެ. އަނެއްކާވެސް އަޅުގަނޑު ތަންކޮޅެއް ހަރުކަށި ރާގެއްގައި ބުނީމެވެ. "އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެކެވެ. ކަލެއަށް އެއިޑްސް އެއީ ކޯންޗެއްކަން އެނގޭ ހެއްޔެވެ؟". އޭނަ ވަރަށް ހަމަޖެހިލައިފަ އަހާލިއެވެ. " ކަލެއަށް އެއިޑްސް ޖެހުނުތާ ކިތައް އަހަރުވެއްޖެތަ؟". އަޅުގަނޑު ބުނީމެވެ. އެއިޑްސްގެ އެންމެ ފަހުމަރުހަލާގައެވެ. އެނާ ބުންޏެވެ. " ހާސްނުވާށެވެ. އަހަރެންނަކީވެސް އެއިޑްސް ޖެހިފައިވާ މީހަކީމެވެ. މިހާރު އެ ބަލި ޖެހުނުތާ ދެ އަހަރުވެދާނެއެވެ."

ހަމަ އެހިނދު މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއި ކަށަކުޅަދުންވަންތަކަން އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއިލާހު އަޅުގަނޑަށް މި ކުރިމަތި ކުރެއްވީ ވަރަށްވެސް ބޮޑު އިމްތިޙާނެއްކަން ކަށަވަރުވިއެވެ. އަޅުގަނޑު އެ ހަޑިމުޑުދާރު ފާޙިޝްކަމަށް އަރައިގަނެވުނު ނަމަ، އަޅުގަނޑަށް ދެ ދުނިޔޭގެ އަޒާބުވެސް ލިބުނީހެވެ. އަޅުގަނޑު އެފާހިޝްކަންތައް ކުރަން މާތްﷲ އަށް ލަދުވެތިވެ ބިރުވެތިވުމުގެ ސަބަބުން، މާތްﷲ އަޅުގަނޑު ދެ ދުނިޔޭގެ ރައްކާތެރިކަން ދެއްވިއެވެ. އެނުބައި ބަލިން ރައްކާތެރިކުރެއްވިއެވެ.

ދެން ހަމަ ވަޤުތުން، އަޅުގަނޑުގެ އެކުވެރީންނަށް ގޮވަން ފެށީމެވެ. " އެއިޑްސް، މީނާ މީ އެއިޑްސް ޖެހިފައި ހުރި އަންހެނެއް". އެމީހުން އެ އަޑު އިވުމުން އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. ކަންދިމާވި ގޮތް އެމީހުންނަށް ކިޔައިދިނީމެވެ. ދެން އެމީހުން ބިރުން، އެ ހުރިހާ ކަސްބީންތައް ވަޤުތުން ނެރެ ކޮޓަރިން ބޭރުކޮށްލައިފިއެވެ.

**************

މިއީ ހަޤީޤީ ހާދިޡާއެކެވެ. މާތްﷲ އިންސާނާ އިމްތިޙާން ކުރައްވާނެ ގަޑިއެއް އެކަކަށްވެސް ނޭނގޭނެއެވެ. އެ އިމްތިޙާނުން ފޭލުވެއްޖެނަމަ މުޅި އުމުރަށް އެ ކުރެވުނު ކަންތަކަށް ހިތާމަކުރަން ޖެހިދާނެއެވެ. ދެ ދުނިޔޭގެ ޢަޒާބު އެމީހަކަށް ހައްޤުވެދާނެއެވެ. މާތް ﷲ ގެ ޢަޒާބަށް ބިރުވެތިވާށެވެ. އެއިލާހު ޙަރާމްކުރެއްވި ބޮޑެތި ފާފަތަކުން ރައްކާތެރިވާށެވެ. ކުރެވޭ ފާފައަކީ ނުވަތަ ނާޖާއިޒުގޮތުގައި ލިބޭ ކުޑަކުޑަ ވަޤުތީ ލައްޒަތަކީ ތިމާގެ ދެދުނިޔެ ހަލާކުކޮށްލަނިވި ބޮޑު މުޞީބާތަކަށްވެސް ވެދާނެއެވެ.

އެހެންކަމުން، މިފަދަ ފާޙިޝް ޢަމަލުތައް ހިންގައި މަޖާ ކުރުމަށްދާ މީހުންނަށް ގޮވައިލަމެވެ. މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް ބިރުވެތިވާށެވެ. އެއިލާހުގެ ކޯފާއަކަށް ބިރުވެތިވާށެވެ. ވަޤުތީ ލައްޒަތުގެ ގޮތުގައި، ދާއިމީ ބޮޑު ޢަޒާބެއް އައިސްދާނެއެވެ. ތިކަން ހަމަ ވަޤުތުން ހުއްޓާލާށެވެ. ތައުބާވާށެވެ. ﷲގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. މާތް ﷲ ގެ ރަޙްމަތުގެ ދޮރުތައްވަނީ ހުޅުވާލެވިފައެވެ. އެދޮރުން ވަންނާށެވެ. ފުއްސެވުމާއި ރުއްސެވުން ލިބިގަންނާށެވެ.

(ނޯޓް: ވާހަކަ ލިޔުމުގައި ކުޑަކުޑަ އުނިއިތުރުކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ވާހަކާއިގެ މައިގަނޑާއި ޙާދިޡާތައް އެވަނީ ޝައިޚް ކިޔާދެއްވިގޮތަށް ބަދަލެއް ނުގެނެސް ގެނެސްދީފައެވެ).


Saturday 20 January 2018

Thaareekhugai Reethi Nan liyun!



ތާރީޚުގައި ރީތި ނަން ލިޔުން!

ބައެއް މީހުން ވިސްނައި އުޅެނީ ތާރީޚުގައި އޭނަގެ ނަން ލިޔެވިގެންދާނެ ގޮތަކާމެދުއެވެ. އޭގެ ޒާތުގައި މިއީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް، އެއަށްވުރެ ކުރިން، މިހާރުވެސް ތިމަންނަގެ ވާހަކަ 2 ފޮތެއްގައި ތެދުވެރި ވަފާތެރި މަލާއިކަތުން ލިޔުއްވަމުންދާކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.

މި ދެ ފޮތުގައި ލިޔެވޭ ވާހަކަތަކަކީ އޭގެ ސަބަބުން ތިބާގެ ކާމިޔާބާއި ނާކާމިޔާބު ވަޒަން ކުރެވޭނެ ދެ ފޮތެވެ. އެހެންކަމުން، މީގެ ތެރެއިން ހެޔޮ ކަމުގެ ފޮތުގައި އިޚްލާޞްތެރިކަމާއެކު ގިނަ ވާހަކަތަކެއް ލިޔެވިގެންދޭތޯ މަސައްކަތް ކުރަންވާނެއެވެ.

ތާރީޚް ލިޔާ މުއައްރިޚުންނަކީ ބޭރު ފުށަށް އެއްޗެހި ލިޔެ އުޅޭ ބައެކެވެ. އަދި އޭގެ އިތުރުން އެމީހުން ލިޔާ ތާރީޚަކީ ބައެއްފަހަރު އެމީހުންގެ މިޒާޖާއި ތަބީޢަތާއި މާހައުލާ ގުޅިގެން އަންނަ އެއްޗެކެވެ. ތާރީޚު ތަފްސީރުކުރުމުގައި މިކަންތައްތަކުގެ އަސަރުކޮށް، ވަކި ކޮޅަކަށް ޖެހި، އެ ލިޔެވޭ ތާރީޚަކީ މުޅިން ތެދުވެރި ތަފްސީރަކަށް ވެގެން ނުދާގޮތްވެސް އެބަ ދިމާވެއެވެ. މީގެ މިސާލަކީ، އެކެއްގެ ކައިރީގައި ބަޠަލަކަށްވާ މީހާ، އަނެކެއްގެ ކައިރީގައި ބާޣީއަކަށް ވެގެން ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް، 2 ފަތުގައި ލިޔެވިގެންދާ ވާހަކަތަކުގައި މިފަދަ އަސަރުތަކެއް ނުހިމެނޭނެއެވެ. އެއީ ތިބާ ޙަޔާތުގައި ކުރި ކަންތައްތަކުގެ ލޯގަނޑު ތަޞްވީރެކެވެ. އޭގައި ހުންނަނީ ތިބާ ސިއްރާއި ފާޅުގައި ކުރި ކަންކަމުގެ ވާހަކައެކެވެ.

އެހެންވީމާ، ތާރީޚުގައި ލިޔެވިގެންދާނެ ކަންކަމާމެދު ވިސްނުމުގެ ބަދަލުގައި، އާޚިރަތަށް ވިސްނައިގެން މަސައްކަތްކޮށްފި އަޅެއްގެ ދުނިޔެވީ ތާރީޚުވެސް އަދި އުޚުރަވީ ތާރީޚުވެސް ރީތިވެގެންދާނެއެވެ.

Friday 19 January 2018

Uhud Hanguraamaigai Muslimun balivumun libunu baeh faidhaa!



އުޙުދު ހަނގުރާމާގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ!

1-   މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ގެ މަތިވެރިކަން އެނގިގެން ދިޔުން. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މުހިއްމުކަމާއި އެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯނުލަބައިފިނަމަ ކުރިމަތިވެދާނެ ގެއްލުމެއްގެ ބޮޑުކަން ހާމަވެގެންދިޔުން.

2-   އުޙުދުގެ މައިދާނަށް ދިޔުމަށް ޖޯޝާއި ފޯރި ދެއްކެވި ޒުވާން ޞަޙާބީންނަށް އުޙުދު ހަނގުރާމަ ވެގެން ދިޔައީ ތަޖުރިބާއިން ފުރިގެންވާ ހަނގުރާމައަކަށެވެ. އެހެނީ، މި ހަނގުރާމާގައި ދިމާވި ތަފާތު ކަންކަމުން، ކުރިޔަށް ދެން އަންނަން ހުރި ހަނގުރާމަތަކަށް ތައްޔާރުވާނެ ގޮތާއި ވިސްނުން ބަހައްޓާނެ ގޮތަކީ ކޮބައިކަން އެބޭކަލުންނަށް އެނގިގެން ދިޔުން. އެހެނީ ޒުވާނުންނަކީ ކޮންމެ ދައުލަތެއްގެވެސް އެންމެ ބޮޑު ރައުސުލްމާލެވެ. އަދި ދައުލަތެއްގެ ކާމިޔާބީއާއި ނާކާމިޔާބު ބިނާވެގެންދާނީ އެ ދައުލަތެއްގެ ޒުވާނުންގެ ހުޝިޔާރުކަމުގެ މައްޗަށެވެ.

3-   ދައުލަތެއް ފެށިގެން އަންނަ ފުރަތަމަ މަރުޙާލާގައި، ތެދުވެރިންނާއި ދޮގުވެރިންނަކީ ކޮބައިކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، މާތް ނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމް އަށް ޙަޤީޤަތުގައިވެސް ތަބާވާ ތެދުވެރި މުއުމިނުންނަކީ ކޮބައިކަން މި ހަނގުރާމައިން އެނގިގެން ދިޔައެވެ. ހަމައެއާއެކު، ޢަބްދުﷲ އިބްނު އުބައްޔު އިބްނު ސަލޫލަށް ތަބާވާ މީހުންނަކީ ކޮބައިކަން އެނގިގެން ދިޔައެވެ. އެހެންކަމުން، ކައިރި ކުރަންވީ މީހުންނާއި ދުރުގައި ބައިތިއްބަން ވީ ކޮން ބައެއްކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އަށް މި ހަނގުރާމައަށްފަހު އެނގިގެން ދިޔައެވެ.


4-   ނަޞްރަކީ މާތް ﷲ ގެ ޙަޟްރަތުން ލިބޭ އެއްޗެއްކަމާއި، އެއީ ޢަދަދާއި ހަތިޔާރުގެ މޮޅުކަމުން ލިބޭ އެއްޗެއް ނޫން ކަން މިހަނގުރާމައިން އެނގިގެން ދިޔައެވެ. އަދި ބައެއް ފަހަރު، ދަޢުވަތުގެ މައިދާނުގައި ދަތިތަކާއި މުޞީބާތާ ކުރިމަތިވުމަކީ ދިމާވެދާނެ ގޮތެއްކަމާއެކު، ޤަޟާ ޤަދަރުގެ ޢަޤީދާ އިތުރަށް ވަރުގަދަވެގެން ދިޔައެވެ. 

Tuesday 16 January 2018

Oriyaan Foto leak kurumuge Massala





އޮރިޔާން ފޮޓޯ ލީކުކުރުމުގެ މައްސަލަ

އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމަޢުގައި މިހާރު އެންމެ ބޮޑަށް ފެތުރެމުންދާ އެއް މުންކަރާތަކީ އޮރިޔާން ފޮޓޯ ލީކުކުރުމުގެ މައްސަލައެވެ. ޒަމާނީ ޓެކްނޮލޮޖީ ކުރިއަރައި ދިއުމާގުޅިގެން ގިނަ ޒުވާނުން އަތުގައި ސްމާޓް ފޯނެއް އޮވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެ ފޯނުން ކުރަން ޖެހޭ ކަންތަކައްވުރެ ބޮޑަށް ކުރަން ނުޖެހޭ ކަންކަން ކުރުން ގިނަވުމެވެ. ޒުވާނުންގެ ވާހަކަ މިތަނުގައި ޚާއްޞަކުރިޔަސް، މި ވަބާގައި ހުރިހާ ފުރައެއްގެ މީހުން ޖެހޭކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޒުވާނުން މި ދަންމަޅީގައި ޖެހޭލެއް އަވަސްވެފައި ގިނައެވެ.

ކޮންމެއަކަސް، ޒުވާންކަމުގެ ޖޯޝުގައި އަމިއްލަ އޮރިޔާން ފޮޓޯ ނެގުމަށްފަހު، މިޒަމާނުގެ ބަހުންނަމަ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވަތަ އޮންލައިންކޮށް ދިމާވެ  ފާޙިޝް ވާހަކަ ދައްކާ  ހަދާ ނުދަންނަ މީހާއަށް އެ ފޮޓޯތައް ފޮނުވުމާއި، ވީޑިއޯ ޗެޓްކުރާއިރު އޮރިޔާންވުމާއި، އަދި ކުރަން ނުޖެހޭ ތަފާތު ގިނަގުނަ ފާހިޝްކަންތައް ކުރުން ވަނީ ޒުވާނުންގެ މެދުގައި ޢާންމުވެފައެވެ. ގިނަ ފަހަރަށް އެއްވެސް ވިސްނުމެއްނެތި މިހެން ކުރެވޭ ފާފައެއްގެ ހިތި ރަހަ، އާޚިރަތަށްވުރެ ކުރިން މިދުނިޔެ މަތީގައި ފެނިގެންދާގޮތް ބައެއް މުސްލިމު އަޚުންނާއި އުޚުތުންނަށް އެބަ ދިމާވެއެވެ. އެގޮތުން، އެ ފޮޓޯތައް ނުވަތަ ވީޑިއޯތައް ލީކު ކުރެވިގެންދާ ފަހަރު އެބައާދެއެވެ. އެކިއެކި ވެބްސައިޓުތަކާއި ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުގައެވެ.

ރަނގަޅެވެ. އެ މުސްލިމު އަޚާ/އުޚްތާއަށް ކުށެއް ކުރެވިއްޖެއެވެ. ނަމަވެސް، އޭނަގެ ކުށަށް ވުރެ، އެ ލީކު ކުރާ މީހާގެ ނުވަތަ އެ ލީކު ކުރާ ބައެއްގެ ކުށް ބޮޑެވެ. މިބައިމީހުން މިކުރާ ފާފައާއި ޖަރީމާ އެތައް ގުނައެއް ބޮޑެވެ. އެހެނީ، މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ، މުއުމިނުންގެ މެދުގައި ފާޙިޝްކަންތައް ފެތުރުމަށް ލޯބިކުރާ ބަޔަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ވޭންދެނިވި އަޒާބު ހުރިކަމަށެވެ. ނިކަން ބައްލަވާށެވެ. މިއީ ހަމައެކަނި ފާޙިޝް ކަންތައް ފެތުރި ދިޔުމަށް ލޯބިކޮށްފި ބަޔަކަށް މާތް ﷲ ދެއްވާފައިވާ އިންޒާރެވެ. ދެން ނިކަން ވިސްނަވާށެވެ. އެކަން ޢަމަލީގޮތުން ފަތުރައިފި ބައެއްގެ ހާލު ހުންނާނީ ކިހައި ހިސާބެއްގަައިތޯއެވެ؟

މުސްލިމު އަޚެއްގެ އައިބަކީ ފޮރުވަން ޖެހޭ އެއްޗެކެވެ. އޭނަގެ އަބުރާއި އިއްޒަތަކީ ޙުރުމަތް ލިބިގެންވާ އެއްޗެއްސެވެ. ޙުރުމަތްތެރިވެގެންވާ ކަޢުބަތުﷲ ގެފުޅާއި، ޙުރުމަތްތެރިވެގެންވާ މައްކާގެ މާތް ބިމާއި، ޙުރުމަތްތެރިވެގެންވާ ޙައްޖު ދުވަހަށްވުރެވެސް މުސްލިމުންގެ ލެއާއި ކަރާމަތާއި އަބުރާއި ޢިއްޒަތް ޙުރުމަތްތެރިވެގެންވާ ކަމަށް ޙައްޖަތުލް ވަދާޢުގައި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ މާތް ﷲ ހެކިކުރައްވައި ބަޔާންކޮށްދެއްވާފައެވެ. މުސްލިމު އަޚެއްގެ އައިބު ފޮރުވައިފި މީހަކުގެ އައިބު މާތް ﷲ ޤިޔާމަތް ދުވަހަކުން ފޮރުއްވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރު މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ އުއްމަތަށް ދެއްވާފައެވެ.

ނަމަވެސް، ނިކަމެތި ބަލިކަށި މުސްލިމް އަޚަކަށް ނުވަތަ އުޚްތަކަށް ހެދޭ މިފަދަ ގޯހެއްގެ ނާޖާއިޒު ފައިދާ ނެގުމަށްފަހު، އެ މިސްކީނު ފަޟީޙަތްކޮށްލާއިރު މާތް ﷲ ގެ ގަދަފަދަ އަޒާބަކަށް އެފަދަ ބަޔަކު ބިރުވެތި ނުވަނީހެވެ؟

އަދި ހަމައެހެންމެ، އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދަނީ، މިފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާއެކު، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު، އެ ފޮޓޯތަކަށް "ލައިކު" ދީ، "ޝެއަރ" ކޮށް، އެހެންމީހުން "ޓެގް" ކޮށް، އޭގައިވާ ނިކަމެތި އަޚާއަށް ބަދުބަސް ބުނެ، އެފަތުރަން ކުރާ މަސައްކަތް ފެނުމުންނެވެ. މިއީ އެއްވެސް ލަދެއް ޙަޔާތެއްނެތި، ޢާއިލީ މީހުންނާއި ރައްޓެހިންނަށްވެސް ފެންނަ ގޮތަށް ފޭސްބުކު ފަދަ މީޑިއަމްތަކުގައި ކުރަމުންދާ ކަމެކެވެ. އަޅުގަނޑުމެންގެ ލަދު ޙަޔާތް ކޮބައިތޯއެވެ؟ އިސްލާމްދީނުގެ އެންމެ ޚާއްޞަ އަޚްލާޤަކީ ލަދުޙަޔާތެވެ. އެކަމަކު މިފަދަ އެންމެ ލަދުހުތުރު ޢަމަލުތަކުގައިވެސް އަޅުގަނޑުމެންގެ ލަދުޙަޔާތެއް ނެތެވެ. ދެން އަޅުގަނޑުމެންގެ ލަދުޙަޔާތް ހުންނާނީ ކޮންކަމެއްގައިތޯއެވެ ހިތަށް އަރައެވެ.

މިފަދައިން މި ފޮޓޯތައް "ޝެއަރ" ކުރާ މީހުންނަކީ ޝައްކެއްނެތް ގޮތުގައި މި ލީކު ކުރި މީހުންގެ ބައިވެރިންނަށް ނޫނީ ނުވާނެއެވެ. ފާފައިގެ ބައިވެރިންނެވެ. އެ ފޮޓޯގައިވާ އަޚާއަށް މަލާމަތްކުރި އިރު، އޭނާ ކުރި ފާފައަށް ވުރެ މާ ބޮޑު ފާފައެއް މިބައިމީހުން މިތިބީ ކޮށްގެނެވެ. މަލާމާތް އެންމެ ޙައްޤުވެގެންވަނީ މިބައިމީހުންނަށެވެ. މާތް ﷲ ގެ ކޯފާއާއި މަލާއިކަތް ބޭކަލުންގެ ލަޢުނަތް އެންމެ ޙައްޤުވެގެންވަނީ މިބައިމީހުންނަށް ނޫންތޯއެވެ؟

މި ފޮޓޯ ނިސްބަތްވާ އަޚާ ނުވަތަ އުޚްތާ، އެކަމުން ތައުބާވުމުން މާތް ﷲ އޭނައަށް ތައުބާ ލެއްވުން ގާތްވެގެންވެއެވެ. ނަމަވެސް، މި ފޮޓޯ ލީކުކޮށް، މިފޮޓޯ ފަތުރާހެދި މީހުން އެކަމުން ތައުބާވި ކަމުގައި ވިޔަސް، އެބައިމީހުންގެ ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުތެއްގެ ތެރޭގައި، އެ ފޮޓޯގައިވާ އަޚާ/އުޚްތާގެ ހިތް ޙަލާލު ލިބުން ޝަރުތުކުރާކަމެއް މިބައިމީހުންނަކަށް ނޭނގެނީބާއެވެ؟ އަދިހަމައެހެންމެ، މިފޮޓޯ މީހުން ބަލައި ހަދާހާ ހިނދަކު، އެކަން ފެތުރި މީހުން ކަށްވަޅުގައި އޮތަސް، އެމީހުންގެ ވައަތު ފަތަށް މި ފާފަ އިތުރުވަމުންދާނެ ކަމެއް ނޭނގެނީބާއެވެ؟ ކޮޅުނެތް ކޮޅަށް ބިރުވެރި ޖަރީމާއެކެވެ. މާތް ނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމް ޞަޙާބީ ބޭކަލުންނާ ސުވާލުކުރެއްވިއެވެ. އެންމެ ބޮޑު މުފްލިސަކީ (އެބަހީ: ބަގުރޫޓުވެފައިވާ މީހަކީ) ކޮބައިތޯއެވެ؟ އެބޭކަލުން ޖަވާބުދެއްވިއެވެ. އެއީ ދީނާރެއް ދިރުހަމެއް އެމީހެއްގެ އަތުގައި ނެތް މީހާއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. އެހެނެއް ނޫނެވެ. އެއީ ޤިޔާމަތް ދުވަހުން ވަރަށް ގިނަ ހެޔޮ ކަންތަކާއިގެން އަންނަ މީހާއެވެ. ނަމަވެސް، އޭނަ އެހެންމީހުންގެ ޙައްޤުތަކަށް އަރަފައިވުމުން، އެބައިމީހުންގެ ޙައްޤުތައް އަދާކުރުމުގައި އޭނަގެ ހުރިހާ ހެޔޮކަމެއް ހުސްވެ، އަނެކާގެ ނުބައި ކަންތައް ބޮލުގައި އަޅައިގެން ނަރަކައަށް ދާންޖެހެނު މީހާއެވެ.


އަޅުގަނޑުގެ އެދުމަކީ، މި ލިޔުން ކިޔާ ކޮންމެ މީހަކުވެސް ވީހާވެސް ގިނަ ބަޔަކަށް މިލިޔުން ފޯރުކޮށްދީ، އަޅުގަނޑުމެންގެ މުޖުތަމަޢުން މިވަބާ މުލުން ލުހެލުމަށް މަސައްކަތްކޮށްދެއްވުމެވެ. މާތް ﷲ އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އިޞްލާޙުކުރައްވާށިއެވެ. އާމީން!

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...