Friday 31 August 2018

ރިޔާސީ އިންތިޚާބު 2018 (4) : ކުޑަނުބައާއި ބޮޑުނުބައިގެ ބާބު!

Maldives’ main opposition leader and presidential candidate Ibrahim Mohamed Solih, center, and Maldives’ self-imposed exiled former President Mohamed Nasheed, second right, attend a meeting at Mount Lavinia, a suburb of Colombo, on Monday. — AFP

ރިޔާސީ އިންތިޚާބު 2018 (4) : ކުޑަނުބައާއި ބޮޑުނުބައިގެ ބާބު!
                    
އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލި الله ، ވަޢަލާ އާލިހީ ވަޞަޙްބިހީ އަޖްމަޢީން، وبعد؛

އާދެ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ދެކޮޅުން ކުރެ އެއްވެސް ކޮޅަކީ، ދީނީ ޢިލްމުވެރިން އެކޮޅަކަށް ޤުރުބާންވެ، ކެމްޕެއިން ކުރަންޖެހޭ ވަރުގެ ކޮޅެއްނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ޢިލްމުވެރިން ކުރަންޖެހިފައި އޮތީ، (އަދި އަބަދުވެސް ކުރަމުންދަނީ) ދިވެހިރާއްޖެއަށް ދެން އަންނަ ވެރިކަމަކުން، ދީނާއި ޤައުމުގެ ޙައްޤުގައި އެންމެ ބޮޑު ނުބައަކީ/ނުރައްކަލަކީ ކޮބައިތޯ، އެއްވެސް ޒާތީކަމެއް އޭގެ ތެރެއަށް ވެއްދުމެއްނެތި، ޝަރުޢީ މިންގަނޑުން ކިރައި، އެ ބޮޑު ނުބައަކާއި/ނުރައްކަލަކާއި ދެކޮޅު ހެދުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެކަމަކުން ދީނާއި ޤައުމާއި ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރެއްވުމެވެ. މީގެ ތެރެއިން ކުޑަ ނުބައަކީ ކޮބައިކަން ރައްޔިތުންނަށް ބަޔާންކޮށްދެއްވުމެވެ. އެއްވެސް ގޮތަކަށް، އެ ކުޑަ ނުބަޔަށް، ޙައްޤުނުވާ ޒާތުގެ ޘަނާ ކިޔައި، އެވަރުގެ ވެރިއެއް/ވެރިކަމެއް ތާރީޚު ނުދެކޭމަކަމަށް ހެދުމަކީ ގޯހެކެވެ. ރައްޔިތުންނަށް ކަންކަން ބަޔާންކޮށްދޭންވާނީ، ސާފުކޮށް، އޮޅުމެއްނެތް ގޮތުގައެވެ. ރައްޔިތުންނަށް ބުނެދޭން ޖެހެނީ، އެކަމެއްގެ ޙަޤީޤަތް އޮތްގޮތަކަށެވެ. ކާފޫރު ފޮނިތޮށި އެޅުމުގެ ސަބަބުން، ކަމުގެ ޙަޤީޤީ ކުލަ ގެއްލިގެންދާނެއެވެ.

ކުޑަ ނުބައި/ނުރައްކަލުގެ ވާހަކަ ދައްކަން ފެށުމުން އެހެންކަމެއް ހަނދާންވެއްޖެއެވެ. އެއީ، މިހާރު މި އުޞޫލަށް ދިމާވެފައިވާ ފުރައްސާރައެވެ. "އަބަދުވެސް ކަލޭމެން އޮންނަނީ ކުޑަ ނުބައި، ބޮޑު ނުބައި ކިޔަންޖެހިފައި" ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންކަމުން، މި އުޞޫލާ/ޤަވާޢިދާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނެވޭތޯ ބަލާނަމެވެ.

އާދެ، އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކާއި މަކާނަކަށް (ތަނަކަށް) އެންމެ އެކަށީގެންވާ ނިޒާމެކެވެ. އެއީ އިލާހީ ނިޒާމެވެ. ރައްބާނީ ނިޒާމެވެ. ކައުނު ޚަލްޤުކުރެއްވި އަރަހުށި މާތް ﷲ ގެ ނިޒާމެވެ. މިނިޒާމުގައި ކަޓުކަމެއް، ބޯދާކަމެއް ހުންނާނެތޯއެވެ. ނުހުންނާނެއެވެ. އެކަމުން، އަރަހުށި މާތް ﷲ ވަނީ ހުސްޠާހިރުވެވޮޑިގެންނެވެ. ކަޓުކަމެއް، ބޯދާކަމެއް ހުންނާނީ އަޅުގަނޑުމެންގެ ބުއްދީގައެވެ. މި ޝަރީޢަތުގައި މިދެންނެވި، ރައްބާނީ ހިދާޔަތުވާތީ، ކޮންމެ ކަމަކަށް ޙައްލު އޮންނާނެވެ. އެއްވެސް ކަމަކާ ޖެހިގެން މުސްލިމުން ދެއަތް ބަދެވި، ކަމެއްނުކުރެވި، ތިބެންޖެހޭނެ ޙާލަތެއް މެދުވެރިއެއް ނުވާނެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް، ކިތަންމެ ދަތިކަމެއް ދިމާވިޔަސް، އެކަމަކާ ކުރިމަތިލާނެ ގޮތް މި އިލާހީ ޝަރީޢަތުގައި އެބަވެއެވެ. މި އިލާހީ ޝަރީޢަތުގައި، ޤަވާޢިދުތަކެއް، އުޞޫލުތަކެއް އެބަވެއެވެ. އޭގެ ޒަރިޔާއިން، އެތަނަކަށް/އެވަޤުތަކަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިކަން އިސްތިންބާތު/އިޖުތިހާދު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ޢިލްމުވެރިންނަށެވެ.

އެގޮތުން، ކުޑަނުބައާއި ބޮޑުނުބައިގެ ޤާޢިދާއަކީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެފައި އޮތް އުޞޫލެކެވެ. އޭގެ ތަފްޞީލަކަށް ދާކަމަށްވާނަމަ، ކަމެއްގައި އިޚްތިޔާރުތަކެއް ލިބޭއިރު، އެ އިޚްތިޔާރުތައް ތިންބަޔަކަށް ބެހިދާނެއެވެ. އެއީ، (ފުރަތަމަ ގޮތަކީ) އެ އެކަމެއްގައި މުޅިންވެސް ރަނގަޅު އިޚްތިޔާރުތަކެއް ހުރި ކަމަކަށްވުމެވެ. ނުވަތަ، (ދެވަނަގޮތަކީ) އެ ކަމެއްގައި މުޅިންވެސް ނުބައި އިޚްތިޔާރުތަކެއް ހުރި ކަމަކަށްވުމެވެ. ނުވަތަ، (ތިންވަނަ ގޮތަކީ) އެކަމެއްގައި ރަނގަޅު އިޚްތިޔާރުތަކާއި، ނުބައި އިޚްތިޔާރުތަކެއް ހިމެނޭ ކަމަކަށްވުމެވެ.

އާދެ، ދެން ޝަރުޢީ މިންގަނޑުން މި ތިން ގޮތާމެދު، ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ ބަލާލަމާތޯއެވެ. އެގޮތުން، ހުރިހާ އިޚްތިޔާރުތަކަކީ ރަނގަޅު އިޚްތިޔާރުތަކެއް ކަމުގައިވެއްޖެނަމަ، އޭގެ ތެރެއިން ހިފަންޖެހޭނީ، އެންމެ ރަނގަޅު އިޚްތިޔާރުގައެވެ. މިއާޚިލާފަށް، އެކަމެއްގައި މުޅިންވެސް ހުރީ ނުބައި އިޚްތިޔާރުތަކެއްނަމަ، އޭގައި ހިފަންޖެހޭނީ އެތަނުން އެންމެ ކުޑަނުބާގައެވެ. މިއީ އަޅުގަނޑުމެން ކިޔަމުންމިދާ ކުޑަނުބައާއި ބޮޑުނުބައިގެ ބާބެވެ. ދެންއޮތީ، އެކަމެއްގައި ރަނގަޅު އިޚްތިޔާރުތަކާއި ނުބައި އިޚްތިޔާރުތައް ހިމެނޭ ބައެވެ. މީގައި ހިފަންޖެހޭނީ، ނުބައިގޮތް ދޫކޮށްލާފައި، ރަނގަޅު ގޮތުގައެވެ. އިންސާނާއަށް އިޚްތިޔާރުކުރިމަތިވާ ކަންކަމުގައި މިތިންގޮތުން ބޭރަކަށް އެކަމެއް ނުދާނެއެވެ. ޝަރުޢުގައި މި ތިންގޮތާމެދު ޢަމަލުކުރާނެ އުޞޫލުތައް އެވަނީ ކަނޑައަޅުއްވާފައެވެ.

ނަމަވެސް، ބައެއްމީހުންނަށް މައްސަލަޖެހޭ ހިސާބަކީ، އެއްވެސް ހެވެއްނެތި، މުޅިންވެސް ނުބައި ކުރިމަތިވާ ހިސާބެވެ. އެ ހިސާބުން، ދެން މީގައި އެއްވެސް ހެވެއްނެތޭ ކިޔާފައި، ވަރިހަމަކޮށްލައި، ފަސޭހަކޮށްލާތަން އާދޭއެވެ. ނަމަވެސް، މިއީ ޝަރުޢީގޮތުން ރަނގަޅުގޮތެއް ނޫނެވެ. އެހެނީ، ނުބައިގަވެސް، އަދި ހެއުގަވެސް ދަރަޖަތަކެއް ހުރެއެވެ. އަތުގެ ފަސްއިނގިލި ތަފާތު ފަދައިން، އެއް އިންސާނަކާ އަނެއް އިންސާނެއްގެވެސް ތަފާތުތަކެއް ހުންނާނެއެވެ. ހައްތާހާވެސް ނުބައޭ ކިޔާފައި، ދޫކޮށްލެވެން ނޯންނާނެއެވެ. އެހެނީ، ނުބައިގެވެސް އެކިއެކި ދަރަޖަތައް ހުރެއެވެ. ވުމާއެކު، އޭގެއިން، އެންމެ ކުޑަ ނުބައެއްގައި/ގެއްލުމެއްގައި ހިފުމަކީ ޝަރުޢީގޮތުން ލާޒިމުކުރާކަމެކެވެ. އޭގެތެރެއިން، އެންމެ ބޮޑު ނުބައިން ސަލާމަތްވާން މަޖުބޫރުވާނެއެވެ.

ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން، ސިޔާސީ މައިދާނުގައި އުޅުއްވާ ސިޔާސީ ބޮޑެތި ނަންތަކަކީ ކޮބައިކަން އެންމެންނަށްވެސް އެނގެއެވެ. އަދި ކޮންމެ މީހެއްގެ ފަތިފުށާއި، އެމީހެއްގެ މާޒީވެސް މިއޮންނަނީ އެނގޭ ހިސާބުގައެވެ. ކަންކަމުގެ އިސްތިންބާތު ޢިލްމުވެރިންނާއި ބުއްދިވެރިންނާއި ކަމުގެ މާހިރުން ކުރައްވާނީ، އެ މާޒީގެ ޞަފުޙާތަކާއި، ސިޔާސީންނާއި ސިޔާސީ ޕާޓީތަކުން ގެންގުޅޭ ފަލްސަފާތަކާއި ފިކުރުތަކުގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރެއިން ދީނާއި ޤައުމަށް އެންމެ ފައިދާހުރި، މަޞްލަޙަތުހުރި ފިކުރާއި ފަލްސަފާއަކީ ކޮބައިކަން މާކުރީއްސުރެ މިއޮންނަނީ އެނގިފައެވެ. އެހެނީ، ކޮންމެ ސިޔާސީ ޕާޓީއަކީ ސިޔާސީ ފިކުރެއްގެ މައްޗަށް ނުވަތަ ސިިޔާސީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެންކަމުން، މިކަންކަމުގެ އިސްތިންބާތުކުރުމަކީ މާއުދަނގޫ ކަމެއްނޫނެވެ. ދާދި ފަސޭހަކަމެކެވެ.

ޝަރުޢީ ޤާއިދާގެ ތެރެއިން ވަރަށް މަތިވެރި ޤާއިދާއެއް މިކަހަލަ ކަންކަމުގައި އައުދެއެވެ. އެއީ درء المفاسد مقدم على جلب المصالح އެވެ. މާނައަކީ، ކުރިމަތިވެދާނެ ގެއްލުމެއް ދުރުކުރުމަކީ، ލިބިދާނެ މަޞްލަޙަތަކަށްވުރެ އިސްކަންދެވިގެންވާ ކަމެކެވެ. މިއީ، ދުނިޔެވީ ނަޒަރުންވެސް މިކަންކަން ހިނގާގޮތެވެ. މިޤާއިދާއެކު، މިޢަދަދުގެ ލިޔުން ނިންމާލާނަމެވެ. ބާކީބައި ދެން ލިޔާ ޢަދަދެއްގައި ހިމަނާލުމުގެ ތައުފީޤަށްއެދޭ ޙާލުއެވެ.

ވައްސަލާމު ޢަލައިކުމް...



Tuesday 28 August 2018

ރިޔާސީ އިންތިޚާބު 2018 (3) ޢިލްމުވެރިންނާއި ޢާންމު ރައްޔިތުންނަށް...

photo: khabaru.mv


ރިޔާސީ އިންތިޚާބު 2018 (3) ޢިލްމުވެރިންނާއި ޢާންމު ރައްޔިތުންނަށް...

الحمد لله والصلاة والسلام على رسول الله ، وبعد؛

ކުރީ އަދަދުގައި ވަނީ " އީޔޫއާއި ވަޤުތު އޮންލައިނު" ގެ ވާހަކަ ދެކެވިފައެވެ. މިއަދު އެހެން ވާހަކައަކަށް ބަލައިލަމާތޯއެވެ.

އާދެ، ވަރަށް ގިނަމީހުން ސުވާލުކޮށް އުޅޭ ކަމެކެވެ. ރިޔާސީ އިންތިޚާބަށް ޢިލްމުވެރިން ދެބަޔަކަށް ބެހުނު ވާހަކައެވެ. މީގެ ތެރެއިން، ރަނގަޅީ ކޮންބައެއްކަން އޮޅިއްޖެކަމުގެ ވާހަކައެވެ.

ތެދެކެވެ. ޢިލްމުވެރިން ވަނީ ދެބަޔަކަށް ބެހިފައެވެ. ހަމައެއާއެކު، އަޅުގަނޑު ޤަބޫލުކުރާ ހިތްއޮތީ، އެބޭފުޅުންވެސް ކޮޅެއް ނިންމުމުގައި ވިސްނައި ބަލައިފާވާނޭ ކަންކަން ހުންނާނެކަމަށެވެ. އޭގައި ޖާއިޒު ރަނގަޅު ސަބަބުތަކާއި، އެއްވެސް ތާކުންތާކު ނުޖެހޭ ސަބަބުތައްވެސް ހުރެދާނެއެވެ. ކޮންމެއަކަސް، ޢިލްމުވެރިންނަށްވީތީ، އެބޭފުޅުންނާ ދޭތެރޭ ހެޔޮ ހީކުރުމަކުން ހީކުރުމަކީ ކުރުން ލާޒިމު ކަމެކެވެ. އެހެނީ، އެއީ އަޞްލެވެ. އެބޭފުޅުން ކަމެއް ނިންމަވާނީ، އެބޭފުޅުންނަށް ފެނިލައްވާ، ޝަރުޢީ އެންމެ ރަނގަޅު ގޮތަށެވެ.

މިއާ ޚިލާފަށް، ޢިލްމަށް ނިސްބަތްވާ ބައެއްމީހުން، ގޯސް ނިންމުންތަކެއް ނިންމާފާނެކަމީވެސް ވެދާނެކަމެކެވެ. އެކަމުގައި ތަފާތު ދުނިޔެވީ ސަބަބުތައް ހުރެދާނެއެވެ. ނަމަވެސް، މިއީ ނާދިރު ވަކިވަކި ފަރުދީ ޙާލަތެކޭވެސް ބުނެވިދާނެއެވެ. ވުމާއެކު، މިއީ ޢިލްމުވެރިންނަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމު ގެއްލުވާލައިގެންވާނެ ކަމެއް ނޫނެވެ.

ތެދެކެވެ. ބައެއްފަހަރު، އަޅުގަނޑުގެ ހިތަށްވެސް އަރައެވެ. ޢިލްމުވެރިންގެ އަގުވެއްޓިފައިވަނީ، އެބޭފުޅުންގެ ތެރެއިން ޢިލްމަށް ނިޞްބަތްވާ ބައެއް މީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ނަމަވެސް، ފުންކޮށް ވިސްނާލުމުން، އެއީ އޭގެ އެއް ސަބަބުކަމަށްވެދާނެއެވެ. ޢިލްމަށް ނިޞްބަތްވާ ބޭފުޅުންގެ ތެރޭގައި މިދެންނެވިފަދަ މީހުން އެބަތިއްބެވެ. އެމީހުންގެ ސަބަބުން ހުރިހާ ޢިލްމުވެރިންނަށް ބަދުބަސްތައް ރައްދުވެގެންދެއެވެ. ނުވަތަ ރައްދުކުރެވެއެވެ. ނަމަވެސް، މިއީ އޭގެތެރެއިން، އެއް ސަބަބެވެ. މީގައި ބައިވަރު ސަބަބުތައް ހުރެދާނެއެވެ. ހުރެދާނެއެއް ނޫނެވެ. ހުންނާނެއެވެ. އެގޮތުން، ރާވާގެންނާއި، ނުރާވާވެސް، ޢިލްމުވެރިންގެ އަގުވައްޓާލަން، ބަޔަކުމީހުން މިމުޖުތަމަޢުގައި މަސައްކަތްކޮށްފައިވާކަމީ ޙަޤީޤަތެކެވެ. ނަމަވެސް އެކަމުގެ ތަފްޞީލަކަށް މިތަނުގައި ދިޔުމަކީ މުނާސާބު ރަނގަޅު ކަމެއްކަމަށް ނުދެކެމެވެ.

ކޮންމެއަކަސް، ޢިލްމުވެރިންނާއި ދާޢީންނަށް އިލްތިމާސުކޮށްލަން ބޭނުންވަނީ، ތިޔަބޭފުޅުންނަކީ އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުއްލަވަން ތިއްބެވި ބޭފުޅުންނަށްވުމާއެކު، މިދީނުގެ ދަޢުވަތަށް އައިސްދާނޭފަދަ އެއްވެސް ނުބައި ސުލޫކަކާއި އަޚްލާޤެއް ތިބޭފުޅުންގެ ފަރާތުން މުޖުތަމަޢުގެ އަފުރާދުންނަށް ފެނުމަކީ ގޯހެކެވެ. އެއީ ސީރިއަސް މައްސަލައެކެވެ. އެފަދަ ކަމެއް ތިޔަބޭފުޅުންގެ ފަރާތުން ފެނިގެން ނުވާނެއެވެ. މީގައި ވާހަކަ މިދައްކަނީ، ހުންނަ ކުދިކުދި އިޚްތިލާފުތަކުގެ ވާހަކައެއް ނޫނެވެ. މީގައި ވާހަކަ މިދައްކަނީ، އަޚްލާޤާއި ސުލޫކީ މިންގަނޑާއި، އުޅުމާއި ގުޅުމުގެ ވާހަކައެވެ. އެ ސުލޫކީ މިންގަނޑާއި، އަޚްލާޤު ހިފެހެއްޓުމަކީ ޢިލްމުވެރިންނާއި ދާޢީންގެ އެންމެ އިސް އެއް ވާޖިބެވެ. އެއަށް ފަރުވާކުޑަވުމުގެ ސަބަބުން ދީނީ ދަޢުވަތާއި ޢިލްމުވެރިންނަށް އައިސްދާނެ ބަދުބަހަކީ، އެއްވެސް އުޒުރެއް އެކަމުގައި ދެއްކޭނެ ކަމެއްނޫނެވެ. އެއްހާސް އުޒުރު ދެއްކިޔަސް، އެއިން އެއްވެސް އުޒުރެއް ޤަބޫލުކުރެވޭނެ ކަމެއްވެސް ނޫނެވެ. މިއާ ޚިލާފަށް، ޢިލްމީގޮތުންނާއި ޢަމަލީ މައިދާނުގައި ޖެހޭ ދޭދޭ އިޚްތިލާފަކީ މައްސަލައެއްނޫނެވެ. ދީނީ ނަޒަރުންވެސް އަދި ދުނިޔެވީ ނަޒަރުންވެސް އެއީ ހަމަ އެއްވެސް މައްސަލައެއްނޫނެވެ.އެއީ ޠަބީޢީ ކަމެކެވެ. ނުވެ ނުދާނޭ ކަމެކެވެ. އޭގައިވެސް މައްސަލައަކަށްވާނީ، ޤަބޫލުކުރާ އުޞޫލުތަކާއި ޚިލާފަށް، އެމީހެއްގެ ޟަމީރާވެސް ޚިލާފަށް، ޙައްޤުކަމަށް ދެކޭގޮތް ދޫކޮށްލާފައި، އޭގެ އިދިކޮޅުގައި ހިފައިފިނަމައެވެ. އެއީ އޭގެ ޒާތުގައި މައްސަލައެކެވެ.

ކޮންމެއަކަސް، މިހިސާބަށް ވާހަކަ އައުމުން، ޢާންމު މުސްލިމުންނަށް ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ. ނަޞޭޙަތެއް އެބައޮތެވެ. ވަޞިއްޔަތެއް އެބައޮތެވެ. ޢިލްމުވެރިންގެ މެދުގައި ހުންނަ މުޢުތަބަރު ޢިލްމީ ޚިލާފުތަކަކީ، އޭގެ ސަބަބުން، ޢިލްމުވެރިންނަށް ބަދުބަސް ރައްދުކުރުން، ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ޢިލްމުވެރިންނަށް ފުރައްސާރަ ކުރުމަކީ، ބޮޑުވެގެންވާ ކުށެކެވެ. ބޮޑު ފާފައެކެވެ. އެހެނީ، ދީނީގޮތުންވެސް ޢިލްމުވެރިންގެ މެދުގައި އުފެދިފައި ހުންނަ އެފަދަ ޚިލާފުތަކަކީ، މައްސަލައެއް ނޫނެވެ. އެކަހަލަ ކަންކަމާ ގުޅިގެން ޢިލްމުވެރިންގެ އަގުވައްޓާލައި، އިޙްތިރާމު ކުޑަކޮށް މީސްމީހުންގެ މެދުގައި ވާހަކަދެއްކުމަކީ، ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އެއީ ޣީބާގެވެސް އެންމެ ނުބައި އެއްޣީބާކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، މިކަމަށް ތިޔަ އަޚުންނާއި އުޚުތުން ސަމާލުވުން ހުއްޓެވެ. މިއީ ހުންނަ މުޢުތަބަރު ޚިލާފީ ކަންކަމުގެ ވާހަކައެކެވެ. ދުނިޔެވީގޮތުން، މުޢާމަލާތުގެގޮތުން، ނަގަންޖެހޭ އަދި ނިންމަންޖެހޭ ނިންމުންތަކުގައި ހުރެދާނެ އިޚްތިލާފުތަކުގެ ވާހަކައެވެ.

ދެން އޮތީ، ޢިލްމަށް ނިސްބަތްވާ މީހެއްގެ ފަރާތުން ފެންނަ، ސުލޫކީ އަޚްލާޤީ ކަމެއްގެ ސަބަބުން، ހުރިހާ ޢިލްމުވެރިންނާއި ދާޢީންނަށް އެބަސް ރައްދުވާގޮަތަށް ބުނާ ބުނުމެވެ. މިއީވެސް ކަނޑައެޅިގެން ގޯހެކެވެ. ފަރުދެއްގެ ސަބަބުން، އިސްލާމީ ދަޢުވަތާއި، އެ ދަޢުވަތު ދެއްވާ ޢިލްމުވެރިންނާއި، ދާޢީންނަށް އެންމެން ޝާމިލުވާގޮތަށް ކުޑައިމީސް ބަސްބުނުމަކީ، ދީނީ ދަޢުވަތަށް މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި، ދީނީ ޢިލްމުވެރިންނަށް މީސްތަކުންގެ މެދުގައި އޮންނަ އިޙުތިރާމު ނަގައިލުމެވެ. މިއީ ދީނީގޮތުންވެސް ވަރަށް ބޮޑު ގޯހެކެވެ. ނޭނގި ދީނީ ދަޢުވަތަށް ދެވޭ ގެއްލުމެކެވެ. މި ދީނަކީ އެންމެންގެ ދީނެވެ. މިދީނުގެ ދަޢުވަތަކީ އެންމެންގެ ދަޢުވަތެކެވެ. ޢިލްމުވެރިންނާއި ޢާންމު މުސްލިމުން މިކަމުގައި ތަފާތެއްނެތެވެ. ދީނަށް ނަޞްރުދިނުމާއި، ލާބައާއި މަންފާ ދީނީ ދަޢުވަތަށް ހޯދައިދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ފަރުދީގޮތުން ޢިލްމަށްް ނިސްބަތްވާ މީހެއްގެ ފަރާތުން ފެންނަ ކަމަކާމެދު، މީސްމީހުންގެ މެދުގައި ވާހަކަ ދެއްކުމަކީވެސް ޣީބަ ބުނުމުގެ ދަށުން ހުއްދަވާނެކަމެއް ނޫނެވެ. އެވާހަކައެއް ދައްކަން ޖެހޭނީ، ދައްކަން ޖެހިއްޖެ ޙާލަތެއްގައި، އެމީހެއްގެ ކައިރީގައި، ނުވަތަ އެކަމަކާ ގުޅޭ އިދާރާއެއްގައެވެ. އެކަމަކާ ގުޅުން ހުރި މިންވަރެއްގެ މައްޗަށެވެ. މުޅި ދަޢުވަތަށް އެކަމުގެ އަސަރުކުރާގޮތަށް އެވާހަކަ ދެއްކުމަކީ ހެދޭނެ ގޯހެކެވެ. އެއީ، މިދީނަށް ނަފްރަތުކުރާ، ޢިލްމުވެރިންނަށް ނަފްރަތުކުރާ މީހުންނަށް ދެވޭނެ އެންމެ ބޮޑު އެހީއެވެ. އެއީ ޝައިޠާނާއަށް ދެވޭނެ އެންމެ ބޮޑު އެހީއެވެ. އެމުޖުތަމަޢެއްގައި ދީނީ ޢިލްމުވެރިންގެ އަގުވެއްޓިފައިވާ ނުވަތަ އަގު ވައްޓާލެވިފައިވާ މުޖުތަމަޢަކީ، ޝައިޠާނާއަށް ކުޅެން އެންމެ ފަސޭހަވާނެ މުޖުތަމައެވެ. ސަބަބަކީ، ޢިލްމުވެރިން ދައްކަވާ ވާހަކަ، އެއީ މުޖުތަމަޢުން ޤަބޫލުކުރާނެ ވާހަކައަކަށް ނުވާނެއެވެ. އެބައިމީހުން އެންމެން ވާގިދީ ފޯރި ނަގާނީ، ޢިލްމުވެރިންނަށް ބަދުބަސް ބުނެވޭ ހިނދެއްގައެވެ. މިއީ، މިދީނަށް ނަފްރަތުކުރާ، މިދީނުގެ ޝިޢާރުތަކަށް ނަފްރަތުކުރާ މީހުން އެންމެ އުފާވާނޭ ކަންކަމެވެ. މިއަދު އަޅުގަނޑުމެންގެވެސް ޙާލަތަކީ މިއީ ނޫންތޯއެވެ އަޅުގަނޑުގެ ހިތަށް އަރައެވެ.

މިއަދު އަޅުގަނޑުމެންގެ މެދުގައި ކަންތައް ހިނގަމުންދާގޮތް ނިކަން ބައްލަވާށެވެ. ޚާއްޞަކޮށް މިދުވަސްވަރު، ކަންކަން ހިނގަމުން މިދަނީ އޭގެ އެންމެ ހުތުރު ގޮތަށެވެ. ޢިލްމުވެރިންނާއި، ދާޢީންގެ "މަހަކީ" އަތުޖެހެން ހުރި އެންމެ "އަގުހެޔޮ މަހަށް" ވެއްޖެއެވެ. "އެމަސް" މީރުވެފައި ކާލަން އަރާމީކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވޭ ބަހެއް އޮންނާނެއެވެ. ޢިލްމުވެރިންގެ މަހަކީ ވިހައެކެވެ. އޭގެ މުރާދަކީ، ކާލަން ފަސޭހަވެފައި، މީރު ވިޔަސް، އެ މަސް ކެއުމުގެ ސަބަބުން މީހާ ވިހަވެ، އެމީހެއްގެ "ފުރާނައަށް" ގެއްލުންވެދާނެފަދަ ކަމެކެވެ. ނަމަވެސް، ކަން ހިނގަމުން މިދަނީ މިބީދައިން ނޫންތޯއެވެ.


މިކަމަށް އަޅުގަނޑުމެން އެންމެން ސަމާލުވާން ނަޞޭހާތްތެރިވާ ޙާލު މިއަދުގެ ލިޔުން ނިންމާލާނަމެވެ. 

Thursday 23 August 2018

Riyaasee Inthikhaab 2018 (2) EU ai Vaguthu


Photo: khabaru.mv


ރިޔާސީ އިންތިޚާބު 2018 (2)


ޙަމްދު ހުރީ ގަދަ ކީރިތިވަންތަ މާތް ﷲ ގެ ޙަޟްރަތަށެވެ. ޞަލަވާތާއި ސަލާމްހުރީ އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދުލް އަމީނުގެ މައްޗަށެވެ.

އަނެއްކާވެސް ރިޔާސީ އިންތިޚާބާ ބެހޭގޮތުން ހިތުގައި އޮތް ޝުޢޫރުތަކެއް އޮއްސާލުމުގެ ގޮތުން ލިޔަން ފަށައިގަންނަމެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދަށް އެދެމުންނެވެ.

ވާހަކަ ފަށައިގަންނާނެ ހިސާބެއް ހިތުގައި ނެތެވެ. ދައްކަން ހުރި ވާހަކާއިގެ ގިނަކަމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ތަރުތީބެއް ނެތަސް ކޮންމެވެސް ހިސާބަކުން ފެށޭތޯ ބަލާނަމެވެ.

އެގޮތުން، ބައެއް އޮންލައިން ނޫސްތަކުގެ ފަލަ ޞުރުޚީއަށް އެރި އަޅުގަނޑަށް ނިސްބަތްކުރެވުނު " އީޔޫގޭ" ވާހަކައިން ފަށައިގަންނަން ހިނގާށެވެ. އެ ޚަބަރުގެ ސަބަބުން، ބައެއްމީހުންނަށް އެކަންވީ "ބޮޑު ކާރިޘާ"އަކަށެވެ. އަޅުގަނޑާ ބެހޭގޮތުން ފޭސްބުކުގައި "ކޮމެންޓް" ކުރި ގިނަ މީހުންނަކީ އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ މީހުންނެވެ. ބައެެއްމީހުންގެ ކޮމެންޓުތަކުގައި ޤަބޫލުކުރެވޭ ބިނާކުރަނިވި ފާޑުކިޔުންތައް ހުރިއިރު ގިނަމީހުންގެ ކޮމެންޓު ހުރީ އަޅުގަނޑުގެ ޝަޚުޞު ކަތިލުމާ ދިމާލަށެވެ. ހަޑިހުތުރު އެއްޗެހި ކިޔުމާ ދިމާލަށެވެ. ނަމަވެސް، އެކަމުގެ ފަރުވާލެއް ނެތެވެ. އެއީ އެބުނާ ޑިމޮކްރަސީގެ ވައްތަރުކަމަށްވެސް ވެދާނެއެވެ. ފޮތެއްގައި ލިޔެވިފައިނެތަސް، އޭގައި އޮންނަނީ އެންމެ އަޑުގަދަވެފައި އެންމެ ހަޑިހުތުރު އެއްޗެހި ކިޔާ މީހަކީ އެއްވަނަ ލިބޭ މީހާކަމަށްވެދާނެއެވެ. ފާޑުކިޔުމުގައި އަޚްލާޤީ މިންގަނޑުގައި ހިފެހެއްޓުމަކީ ނިކަމެތިކަމެއްކަމަށް ވަނީ ކަމަށްވެސް ވެދާނެއެވެ. އަދި ހަމައެހެންމެ، އަނެއްމީހާ ދައްކާ ވާހަކައަށް ޖަވާބު ނުދީ، މާދުރުދުރުން، ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް ނަގައި، ކަމާ ނުވެސް ގުޅޭގޮތުން ވާހަކަ ދައްކައި، " ކަލޭމެންވެސް ވަކި ޠާހިރެއްނޫނޭ" ބުނާކަހަލަ އުޞޫލެއް ކަމަށްވެސް ވެދާނެއެވެ.  

ކޮންމެއަކަސް އެވާހަކަ ބާއްވަމާ ހިނގާށެވެ. ބާއްވާފައި، އެޚަބަރު ކަވަރުކުރި އެއް އޮންލައިން ނޫސްކަމަށްވާ ވަޤުތު ނޫހަށް ބަލައިލަމާތޯއެވެ. ވަޤުތު ނޫހަކީ އަބަދުވެސް މިފަދަ ޖަރީމާ ހިންގާ ނޫހެކެވެ. މީހަކު ބުނާ ވާހަކައެއް ނުވަތަ ލިޔެފައިވާ ވާހަކައެއް އޭގެ މަފްހޫމު ނުގެއްލޭގޮތަށް ނޫހުގެ ޞުރުޚީ ޖަހެމުގެ ކުޅަދާނަކަން ލިބިގެންވާ ނޫސްވެރިންތަކެއް އެމީހުންގެ ނެތީކަމަށްވެސް ވެދާނެއެވެ. ނުވަތަ މާމޮޅުކޮށްލަން، ކިޔުންތެރިންގެ ސަމާލުކަން ދަމައިގަތުމުގެ ގޮތުން ގަސްތުގައި ކުރާ ކަމަކަށްވެސް ވެދާނެއެވެ. އެކަމުން ވެބްސައިޓަށް ލިބޭ "ހިޓްސް" ގިނަވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އެހެން އެކަން ކުރަންވާނީ އެމީހުންގެ އަމިއްލަ ރިޕޯޓާއި މަޒުމޫނުތަކުގައި ނޫންތޯއެވެ. މީހަކަށް ނިސްބަތްކޮށް ޚަބަރެއް ގެނެސްދޭނަމަ، ޞުރުޚީ ލިޔަންވާނީ އެމީހަކު ބުނި ވާހަކައެއްގެ މުރާދު ނުގެއްލޭގޮތަށް ނޫންތޯއެވެ. އެހެންނޫނީ، އެ ހެދެނީ މީހެއްގެ މައްޗަށް ކަނޑައެޅިގެންހުރި ދޮގެއް ނޫންތޯއެވެ. އެއަށް ޒިންމާދާރު ނޫސްވެރިކަމޭ ކިޔޭނެތޯއެވެ؟ ނުވަތަ އެމީހުންނަށް މީހުން ދައްކާވާހަކަ ފަހުމުކުރަން ނޭނގެނީކަމަށްވުންވެސް އެކަށީގެންވެއެވެ.

ވަޤުތު އޮންލައިންގައި ޖަހާފައިވާ ޞުރުޚީ


ކޮންމެއަކަސް، އެމީހުންގެ ޝިކާރަކަށް މިފަހަރުވެފައި މިއޮތީ އަޅުގަނޑެވެ. އަޅުގަނޑު ފޭސްބުކު ޕޭޖުގައި ޖެހި ޕޯސްޓުގައި އީޔޫއާ ބެހޭގޮތުން، ބުނެފައިވަނީ، އީޔޫގެ ތާއީދާއެކު ބަޔަކު ވެރިކަމަށް އައިސްފިނަމަ، އެއީ ނުރަކަލެއްގެ ގޮތުގައެވެ. އެހެނީ، އީޔޫއަކީ އަސާސީ އުޞޫލުތަކަކާއި އަގުކުރުންތަކަކާއި ޙައްޤުތަކެއް ޤަބޫލުކުރާ ޔޫނިއަންއެކެވެ. އަދި އެބައިމީހުންގެ އެ އަސާސީ "ވެލިޔުސް" އެބައިމީހުންގެ ނުފޫޒުފޯރާ ހުރިހާ ޤައުމެއްގައި ތަންފީޒުކުރުމަކީ އެބަައިމީހުންގެ އެންމެ ބޮޑު އެއް އަސާސީ އެޖެންޑާއެވެ. އެހެންކަމުން، އެފަދަ ވެލިޔުސްތައް ތަންފީޒުކުރަން އެބައިމީހުން ބާރުއަޅާނެކަމީ، ޝައްކެއްއޮތް ކަމެއް ނޫނެވެ. ސުވާލު އުފެދެނީ، އެފަދަ ފިއްތުންތަކަށް އެވެރިންގެ ތާއީދު ލިބިގެން އަންނަ ސަރުކާރަކަށް ކެތްކުރެވޭނީ ކިހައިވަރަކަށްތޯ ސުވާލު އުފެދޭކަމަށެވެ. ދެން އަޅުގަނޑު ބަޔާންކުރީ، އެމީހުން ވަކާލާތުކުރާ އެންމެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ދީނީ މިނިވަންކަމުން ފެށިގެން އެއްޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމަަޢުން ބަލައިގަތުމަށް ބާރުއެޅުން ހިމެނޭކަށެވެ. ނިކަން ބައްލަވާށެވެ. އެއްޖިންސުން ގުޅުން ހިންގަން އެބައިމީހުން ބާރު އަޅާނެއޭ އަޅުގަނޑު ބުނެފައި އެބައިންތޯއެވެ؟ ދިވެހިބަސް މޭރުން ކުރަން އެނގޭ ކޮންމެ މީހަކަށް މިދެޢިބާރާތުގައި ހުރި ފަރަޤު އެނގޭނެއެވެ. ނަމަވެސް، އެކަން ނޭނގުނު ބަޔަކަށްމިވީ ވަޤުތު އޮންލައިން ނޫހެވެ. ފަހަރެއްގައި، އެބައިމީހުން އެވެރިކަމެއް ދިފާޢުކުރަން ޕްރޮޕަގެންޑާ ފަތުރާ ވެރިކަމަށް ފައިދާހުރި ގޮތެއްގައި އެޚަބަރު ގެނެސްދޭންވެގެން، ހިތު ހުރިގޮތަކަށް ޞުރުޚީ ޖަހާލީކަމަށްވެސް ވެދާނެއެވެ.




މިހާރު، އެކަމުންވީ، ފައިދާއަށްވުރެ ގެއްލުންކަން ކަށަވަރެވެ. އެހެނީ، އިދިކޮޅު އިއްތިހާދުގެ މީހުންނަށްވެސް އެޚަބަރުވީ ބޮޑު ޖޯކަކަށެވެ. ސަރުކާރުން ގަނެލާފައިވާ މުއްލާއެއް ފާޑެއްގެ ކޮސްވާހަކައެއް ގޮވައިފިކަމަށް ބަލައި މުޅި މީސްމީޑިއާ އެޚަބަރުން އެބައިމީހުން ފުރައިލިއެވެ. ޚުދު އަޅުގަނޑަށްވެސް އެ ޞުރުޚީވީ ބޮޑު ޖޯކަކަށެވެ. ކޮންމެ ޝެއިޚެއް އެހެން ވިދާޅުވިކަމުގައިވިޔަސް އަޅުގަނޑަށްވެސް އެކަންވާނީ ވަރަށް ހެއްވާކަމަކަށެވެ. ނަމަވެސް، ވަޤުތަށް އެވަރު ނުވިސްނުނީ ކަމަށްވެދާނެއެވެ. އިދިކޮޅު އިއްތިހާދާ ދެކޮޅަށް އެންޓި-ކެމްޕޭން ކުރަން ހިފާފައި ތިބިވަރުން އެކަމުގެ ހޭވެރިކަމެއް ނެތީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، މިކަމެއް މިހެން ހިނގައިދިއުމުން، އެކަމާބެހޭގޮތުން، އަޅުގަނޑުގެ ފޭސްބުކުޕޭޖުގައި، ވަޤުތު އޮންލައިނަށް، ޒިންމާދާރުވާން ގޮވާލައި، އެޞުރުޚީ އިސްލާޙުކުރަން ގޮވާލައި ޕޯސްޓެއްވެސް ކުރީމެވެ.




 ނަމަވެސް، އަޅުގަނޑު ހަނދާން ނެތުނީއެވެ. ވަޤުތު އޮންލައިނަކީ ވަޤުތު އޮންލައިނެވެ. "ބަޅެއްގެ ނިގޫ ސަންފާ އޮނަކަށް ލިޔަސް އެ ތެދުނުވާނޭ"ޔޭ ކާބަފައިންގެ ފަރާތުން ވާރިދުވެގެން އައިސްފައި އޮންނަ ހަރުބަހެއްގައި އޮވޭ ނޫންތޯއެވެ. އެކަން އެނގިލައްވާނީ ދިވެހި އަދީބުންނަށް ކަންނޭނގެއެވެ. ކޮންމެއަކަސް އެ ތެދެއް ނުވިއެވެ. ވުމާއެކު، މިއަދަށް މިވަރުން ފުއްދާލަމާތޯއެވެ. ދެން އޮތްބައި ދެން ލިޔާ ލިޔުމަކަށް ބޭއްވީއެވެ.  




ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...