ރިޔާސީ އިންތިޚާބު 2018 (8): ދިވެހި ފަސްގަނޑުގައި ޢަލްމާނީ ފިކުރު!
އަލްޙަމްދު لله ، ވައްޞަލާތު
ވައްސަލާމު ޢަލާ ރަސޫލިލްކަރީމް، ވަޞަޙާބަތިހީ އަޖްމަޢީން، أما بعد؛
ކުރީ ޢަދަދުގައި ވަނީ، ޢަލްމާނީފިކުރު އުފެދިގެން އައިގޮތުގެ މައްޗަށް
ކޮންމެވެސް ވަރަކަށް ބަލައިލެވިފައެވެ. މިޢަދަދުގައި އަޅުގަނޑު ބަލައިލަން
ބޭނުންވަނީ، ދިވެހިފަސްގަނޑުގައި އެކަމަށް ވަކާލާތުކުރާ މީހުން އެބަތިބިތޯއެވެ.
ޝައްކެއްނެތްގޮތުގައި، ކުރީ ޢަދަދުގައި ފާހަނގަކުރެވިފައިވާނެ ފަދައިން، މިލިޔުންތަކުގެ
އެންމެ ބޮޑު ބޭނުމަކީވެސް، ދިވެހިފަސްގަނޑަށް މިފިކުރުގެ ނުރައްކާތެރިކަމާއި،
ނާމާންކަން އޮތް މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. މިއީ ދިވެހިރާއްޖޭގައި
އޮތް މާތްވި އިސްލާމްދީނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އިސްލާމީ ޝަރީޢަތަށް
އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. މުޖުތަމަޢުގައި، އިލްޙާދާއި، ދީނީ މިނިވަންކަމާއި،
އަޚްލާޤީގޮތުން އެއްވެސް ހައްދެއްނެތްގޮތުގައި (އެލް،ޖީ،ބީ،ޓީ[1]
ރައިޓްސް ފަދަ) މިނިވަންކަން ލިބެންއޮތް އެންމެ ބޮޑު ދޮރެވެ. މިދޮރު ހުޅުވުމަކީ،
އިސްލާމީ ޝަރީޢަތް އެކީއެކައްޗަށް އެއްފަރާތްކޮށްލެވުމެވެ. ދީނަކީ، އިންސާނާއާ
އޭނާގެ ވެރިރައްބާ ދެމެދުގައި އޮންނަ އެއްޗަކަށް ހަމައެކަނިވެ، ދީނުގެ ހުރިހާ
ދައުރުތައް އުވިގެންދިޔުމެވެ. މިސްކިތާއި ޖެހިގެން ބުދުފައްޅިއެއް، ބުދުފައްޅިއާ
ޖެހިގެން ކަނީސާއެއް އެޅުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔުމެވެ. ސައިހޮޓަލާ
ޖެހިގެން ރާހޮޓަލެއް (ބަރ) ހުޅުވުމުގެ މިނިވަންކަން ލިބުމެވެ. މިހެންގޮސް ލިސްޓު
ވަރަށް ދިގުކުރެވިދާނެއެވެ. އިސްލާމީ ޝަރީޢަތް ފުނޑުފުނޑުކޮށްލުންފަދަ ކަމެކެވެ.
ދިވެހި ފަސްގަނޑުގައި ޢަލްމާނީ ފިކުރު:
ރައީސް މުޙައްމަދު ނަޝީދު:
ދިވެހިރާއްޖޭގައި ޢަލްމާނީފިކުރަށް، އެންމެ ބޮޑަށް ވަކާލާތުކުރާ މީހުންގެ
ތެރޭގައި، އެންމެ ނުފޫޒުގަދަ މީހަކީ، ރައީސް ނަޝީދެވެ. ނުފޫޒުގަދައޭ މިދެންނެވީ،
ސިޔާސީ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ ބޭފުޅަކީ، އޭނާކަމަށްވާތީއެވެ. އަދި
އެމަޤްބޫލުކަމަކީ ސިޔާސީ ވަކިޝަޚުޞަކަށް ދިވެހިރާއްޖޭގައި ލިބިފައިވާ އެންމެ ބޮޑު
މަޤްބޫލުކަމެކެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޭނައަށް "މަރުދޭ" ރައްޔިތުން
ގިނައެވެ. ސިޔާސީ މިޙަޤީޤަތަށް ބަދަލެއް އައިސްފައެއްނުވެއެވެ.
ރައީސް މުޙައްމަދު ނަޝީދަކީ ސެކިއުލާ ލިބަރަލް ޑިމޮކްރަސީއަކަށް ފާޅުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި މިހާރުވެސް ކުރައްވަމުން
ގެންދަވާ ބޭފުޅެކެވެ. ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ބޭރުގެ މީޑިއާކަށް ދެއްވި ބަސްދީގަތުމެއްގައި ލިބަރަލް ޑިމޮކްރަސީއަކަށް ގޮވާލަމުންދާކަމަށް ފާޅުގައި ވިދާޅުވެފައިވެއެވެ. އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނުގެ ސަރުކާރުން ޢަރަބިއްޔާ ސްކޫލާއި މަޢުހަދުފަދަ ދީނީ އިންސްޓިޓިއުޓް (ދީނީ ތަޢުލީމީ މުއައްސަސާތައް) ހިންގާތީ އެކަމަށް ފާޑުވިދާޅުވިއެވެ. އެއީ ލިބަރަލް ޑިމޮކްރަސީއެއްގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމެއްގައި އެކަން އެގޮތަށް ނޯންނާނެ ވާހަކަ
ވިދާޅުވިއެވެ.
އާދެ، އެކަންވީވެސް އެހެންނެވެ. ވެރިކަމަށް ހޮވިވަޑައިގަތުމުން، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން، ޢަރަބިއްޔާ ސްކޫލާއި މަޢުހަދަށް ތަފާތު ދަތިކުރުންތައް ނަޝީދުގެ ސަރުކާރުން އެކިއެކި ނަންނަމުގައި ކުރިމަތިކުރުވަމުން ދިޔައެވެ. ދިވެހި އިސްލާމް ދެމާއްދާއަކީ އިޚްތިޔާރީ މާއްދާއަކަށް ހެދުމަށް ކުރެވުނުހާ ކަމެއް ކުރިއެވެ. ހިނގަމުން ދިޔަ ޤާނޫނުލް ޢުޤޫބާތު ބިލުގައި އިސްލާމީ ޙުދޫދުތައް ހިމެނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކުމީހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލަން ފެށުމުން، އެކަމަށް ސީދާ ދެކޮޅުހަދައި، އިސްލާމީ ޙުދޫދުތަކަށާއި އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަސް ބުނެ އުޅުނެވެ. މިފަދަ މިނޫންވެސް ތަފާތު އެކިއެކި ކަންތައް ރައީސް ނަޝީދުގެ ވެރިކަމުގައި އެބޭފުޅާގެ ފަރާތުން ވަނީ ފެނިފައެވެ.
މިއީ ރައީސް ނަޝީދުގެ ފަރާތުން ފެނިފައިހުރި ބައެއް
ކަންކަމެވެ. ރައީީސް ނަޝީދުގެ މިހިރަ ކަންކަމާ ބެހޭގޮތުން، ބޮޑުބިޔަ، ހަސަތޭކައަށްވުރެ
ގިނަ ޞަފްޙާގެ "ޤަރުނުގެ ތަޞްނީފު: މުޙައްމަދު ނަޝީދުގެ (ވެރިކަމުގެ) ޝަޚްޞިއްޔަތު"
ގެ ނަމުގައި ފޮތެއްވެސް ބަޔަކުމީހުން ނެރެފައިވެއެވެ. މިހާރު އެބަޔަކު ނަޝީދާއެކު
ކޯލިޝަނެއްގައި ތިބުމަކީ ހައިރާންވެ އަންތަރީސްވާވަރުގެ ކަމަކަށްވިޔަސް އެއީ އަދި
އެހެން ވާހަކައެކެވެ. އަދިހަމައެހެންމެ، 2013 ގައި 64 ޢިލްމުވެރިން ހިމެނޭގޮތަށް
"ރައީސް ނަޝީދާއި މެދު ދީނީ ޢިލްމުވެރިންގެ ބަސް" މިނަމުގައި 51 ޞަފްޙާގެ
ބަޔާނެއްވެސް ވަނީ ނެރެފައެވެ.
ރައީސް ނަޝީދާ ބެހޭގޮތުން، އެނގެން ބޭނުންވާ މީހަކަށް މި
ދެ ރެފަރެންސް ފުދޭނެއެވެ.
އެމްޑީޕީ:
އެމްޑީޕީއޭ ބުނުމުން މިކަން ވަރަށް ޚައްޞާޞަވެގެންދާނެއެވެ.
ނަމަވެސް ދައްކަން މިއުޅެނީ މުޅި އެމްޑީޕީގެ ވާހަކައެއް ނޫނެވެ. އެމްޑީޕީގައި ތިބި
ހުރިހާ އެންމެނަކީ، ލާދީނީ ސެކިއުލާ މީހުނެއްނޫނެވެ. އެ ޕާޓީއަށް ނިސްބަތްވަނީވެސް
ދިވެހި މުސްލިމު ރައްޔިތުންނެވެ. އޭގައި އެއްވެސް ޝައްކެއް ވަހުމެއްނެތެވެ. އޭގައި
ތިބި ގިނަ ރައްޔިތުންނަކީ ބަދަލަކަށް އެދިގެން ބަދަލެއް ބޭނުންވެގެން އުޅޭ ރައްޔިތުންނެވެ.
އިންސާފާއި ހަމަހަމަކަމަށް ލޯބިކުރައްވާ ގިނަ ރައްޔިތުން އޭގައި އެބަތިއްބެވެ. ނަމަވެސް
އެބައިމީހުންގެ ބޭނުން، ސެކިއުލާ ޢަލްމާނީ މީހުން ނާޖާއިޒުގޮތުގައި ހިފަމުން
ދިޔުމަކީ އަދި މުޅިން ވަކިކަމެކެވެ.
ޙަޤީޤަތަކީ އެމްޑީޕީގެ މަތިފަޑީގައި، ޢަލްމާނީ ފިކުރަށް
ވަކާލާތުކުރާ ބަޔަކު ތިބިކަމެވެ. މީގެ ހަމައެންމެ މިސާލަކަށް ދާނަމެވެ. ރައްޔިތުންގެ
މަޖިލިސް މެމްބަރު، އީވާ ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ތިންވަނަ
ދައުރުގެ 28 ވަނަ ޖަލްސާގައި، އިސްލާމީ ޝަރީޢަތުގެ ބައެއް ޙުދޫދަތަކަށް ފާޅުގައި
އިންކާރު ކުރައްވާފައިވެއެވެ. އަދި މިފަދަ ޙުކުމްތަށް ތަންފީޒުކުރުމަކީ، އެމްޑީޕީގެ
ސިޔާސަތެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އެމްޑީޕީއަށް ތަންފީޒުކުރެވޭނީ އެމްޑީޕީގެ
ސިޔާސަތުކަމަށް ވަރަށް ޞަރީހަ ޢިބާރާތުން ވިދާޅުވިއެވެ.
ނިކަން ވިސްނަވާށެވެ. އީވާ ޢަބްދުﷲ ގެ މިވާހަކައިން ދޭހަވާ
މާނައަކީ ކޮބައިތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ތިމަންމެންގެ ސިޔާސަތެއް ނޫންކަމެވެ.
އަދި އެމްޑީޕީގެ ސިޔާސަތާ އިސްލާމީ ޝަރީޢަތާ ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެވެނީ
ނޫންތޯއެވެ. ޖަވާބު، ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.
އީވާ ޢަބްދުﷲ ފަދަ ކިތަންމެ ބަޔަކު، އެމްޑީޕީ މަތިފަޑީގައި
އެބަތިއްބެވެ. އެމީހުން ދައްކާވާހަކަ، ކަނުލައިއަޑުއަހައިގެން ހުރެއްޖެ މީހަކަށް،
މިވަނީ ކީއްކަމާއި، އެދައްކާ ވާހަކާގެ އަޞްލު ގުޅިފައިވަނީ ކިހައި ހިސާބަކާކަން ސާފުކޮށް
އެނގޭނެއެވެ. ބޭނުންވަނީ، މިފިކުރުތަކުގެ ޙަޤީޤަތް ޢިލްމީގޮތުން އެނގުމާއި،
އެބައިމީހުން ދައްކާވާހަކައަށް ވިސްނުމެވެ. އޭރު، އެވާހަކަ އެއަންނަނީ، ކޮން
ހިސާބަކުން، ކޮން އަސާސެއްގެ މައްޗަށްކަން އެނގެން އުދަނގުލެއްނުވާނެއެވެ.
ޢިލްމުވެރިންގެ ދައުރު އަންނަނީ މިހިސާބުންނެވެ. މިފަދަ
ފިކުރުތަކުގެ ޙަޤީޤަތާއި، އޭގެ އަސާސުތަކާއި، އެފަދަ ފިކުރުތައް ދަނެގަންނާނެ
ގޮތްގޮތް ޢާންމު ރައްޔިތުންނަށް ޢިލްމީ ތަރަހައިގެ ތެރެއިން ކިޔައިދީ ބުނެދިނުން ވަރަށް މުހިއްމެވެ. ދެއަތް އުރާލައިގެން،
ޤައުމަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. ތެދުވެ، މިކަންކަމަށް
ޚާއްޞަ ޢިލްމީ ފޯރަމްތަކާއި، ދަރުސްތަކާއި، ވޯކުޝޮޕްތައް ބޭއްވުމުގެ މުހިއްމުކަން
އިންތިހާއަށް މުހިއްމުވެއްޖެއެވެ. މިކަން ކުރަންވީ، އެއްވެސް ސިޔާސީ ނުފޫޒެއްގައި
ނުޖެހިއެވެ. ކުރަންވީ ކަމަކީ، ޢިލްމީގޮތުން، ޢާންމު ރައްޔިތުން މިފަދަ
ފިކުރުތަކަށް ސަމާލުކުރުވަންވީއެވެ. މިކަމުގެ ޢިލްމު ފަތުރައިގެންނެވެ. އޭރުން ކޮންމެ
ދިމާލަކުން ވަސް އައިކަމުގައިވިޔަސް، ޢަލްމާނީ ވަސް ދުވައިފިނަމަ، އެއީ ޢަލްމާނީ ފިކުރުކަން
އެރައްޔިތުންނަށް އެނގޭނެއެވެ. އަދި އެކަމުން، ރައްކާތެރިވާން އެނގޭނެއެވެ. މިއީ
ޢިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއްވެސްމެއެވެ. މިކަމަށް
ފަރުވާކުޑަކޮށްލައިގެން ތިބެވޭކަށްނެތެވެ.
އިއްޔެ، މިފިކުރުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ރައްޔިތުންނަށް
އިންޒާރުކުރައްވާ، ސަމާލުކުރައްވާ އުޅުއްވި ބޭފުޅުން، މިއަދު އެވަނީ، އެބައިމީހުންނާއެކު
ކޯލިޝަނެއްގައި އިށީނދެފައެވެ. ސިޔާސީގޮތުން، އަޅުގަނޑުމެންގެ ސިކުނޑިތަކަށް
ނުވިސްނޭފަދަ ޙާލަތެއް ދިމާވެއްޖެކަމުގައި ވިދާޅުވުމަށްފަހުއެވެ. ނަމަވެސް، މާތް ﷲ
ގެ ރަޙްމަތުން އަދި އަޅުގަނޑުމެންގެ ސިކުނޑިތައް ބަރާބަރަށް މަސައްކަތް
އެބަކުރެއެވެ. ޝަރުޢީ ޢިލްމުން އަޅުގަނޑުމެންނަށްވެސް ކޮންމެވެސް މިންވަރެއް
މޭރުންކުރަން މިހާރު އެނގެއެވެ. އަޅުގަނޑުމެންނަށް ސިޔާސީގޮތުން ނޭނގޭ ކަމެއް
އޮވެއްޖެނަމަ، އެކަމެއް ސާފު ޢިބާރާތުން ކިޔަދެއްވުމުން، ވިސްނައިގަންނަން
އެނގޭވަރުގެ ބުއްދިއެއް އެބަހުއްޓެވެ. ނެތްނަމަ، އަޅުގަނޑުމެންނަކީ، މޮޔައިންނެވެ.
މޮޔައިންގެ މައްޗަކަށް ތަކްލީފެއްނުވެއެވެ. މޮޔައިންނާމެދު
ޢަމަލުކުރަން އޮންނަނީ، އެބައިމީހުން ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލުމެވެ.
ކޮންމެއަކަސް، ކުރިން މިދެންނެވި އަޅުގަނޑުމެންގެ
އަޚުންވަނީ، ސެކިއުލާ މީހުންނަށް ރާއްޖޭގެ
ވެރިކަން ހޯދައިދެއްވަން ކަމަރުބަންނަވައިގެންނެވެ. ރާއްޖެއަށް އެންމެ ނުރައްކާތެރި،
ނާމާން، އިސްލާމްދީނަަށް އެންމެ ނުރައްކާތެރި، ނާމާން ބަޔަކީ މިވެނިއެވެނި ބަޔެކޭ
ވިދާޅުވެފައި، އެބައިމީހުންގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނައަންނަނީސް، އެބައިމީހުންނާ
އަތާއިއަތްގުޅުވާލެއްވުމުން، ރައްޔިތުންނަށް އަނެއްކާވެސް އެފިކުރުގެ
ނުރައްކާތެރިކަން ވަހުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. މިހާރު، އަނިޔާވެރިކަން މާ
ނުރައްކާތެރިވެއްޖެއެވެ. ލާދީނިއްޔަތަށްވުރެ، އަނިޔާވެރިކަމަކީ މާ ނާމާންކަމަކަށްވެއްޖެއެވެ.
މީޒާންތައް އޮޅުންބޮޅުން ވެއްޖެއެވެ. އުޞޫލުތައް، އިދިކޮޅަށް ހިގަން ފަށައިފިއެވެ. ހިތާމަކޮށް
ލޮލުން ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެކެވެ.
އެވާހަކަ ބާއްވާފައި، ސިޔާސީ ކަންކަމުގައި ނުއުޅުއްވާ، ދަޢުވަތާއި
ޢިލްމީ މައިދާންތަކުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނަށް އަޅުގަނޑު ގޮވާލަން
ބޭނުންވެއެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކަށް ގޮވައިލަން ބޭނުންވެއެވެ. ތިޔަބޭފުޅުންގެ
ޒިންމާ އަދާކުރައްވާށެވެ. މިހާރުވެސް ތިޔަބޭފުޅުން ތިތިއްބެވިގޮތަށް
ތިއްބަވައިގެން، ޢިލްމީ މަސައްކަތްތަކެއް ކޮށްދެއްވާށެވެ. ސްޕީޑު
ބާރުކޮށްދެއްވާށެވެ. ދެން ބާކީ، ރައްޔިތުންނަށް ދޫކޮށްލައްވާށެވެ. ރައްޔިތުންނަށް
އެކަމުގެ ޢިލްމު ލިބިއްޖެނަމަ، އަމިއްލައިން އެއީ ކޮންބައެއްކަން މިއީ ކޮންބައެއްކަން
ދަނެގަންނާނެއެވެ. ރައްޔިތުންނަކީ މޮޔައިންނެއްނޫނެވެ. ދިވެހިންނަކީ ބުއްދިވެރިންނެވެ.
އެބައިމީހުންނަށް ބޭނުންވަނީ ޢިލްމެވެ. ތިބޭފުޅުން އެކަން ކޮށްދެއްވާށެވެ. އިތުރު
ހިއްވަރެއްކުރައްވާށެވެ. އިންޝާﷲ، ކާމިޔާބުވާނެއެވެ.
މޯލްޑިވްސް ޑެމޮކްރަޓިކް ނެޓްވޯކްސް ފަދަ އެންޖީއޯސް:
ޢަލްމާނީ ފިކުރަށް ވަކާލާތު ކުރާމީހުންގެ ތެރޭގައި، ދިވެހިރާއްޖޭގައި ހުޅަނގުގެ ފިކުރުތަކަށް ހެދިފައިވާ ތަފާތު ސަބް-އެންޖީއޯތަކުގައި މަސައްކަތްކުރަމުންދާ ގިނަ މެމްބަރުންނަކީ މިފިކުރަށް ތާއީދުކުރާ މީހުންނެވެ. އަދި އެއެންމެންގެ ތާޢީދާއި ސަޕޯޓު އެމްޑީޕީއަށް އޮތުމަކީ، އިއްތިފާޤެއްނޫނެވެ. އެއީ އެމީހުންގެ ހުވަފެންތަކުގެ ހުޅުކޮޅެވެ. ދަންމަރެވެ. އެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖައްސާން ރާއްޖޭގައި ވުޖޫދުކުރެވިގެންދިޔަ ޕާޓީއެވެ. މިހެން މިކަން އޮތްއިރު، އަދިވެސް ވެރިކަމަށް އަންނަން އޮތް އެންމެ މަޤްބޫލު ޕާޓީއަށް އެޕާޓީ ވުމަކީ، ރާއްޖޭގެ އުދަރެހުގައި ޢަލްމާނިއްޔަތުގެ ކަޅު ބޯވިލާގަނޑު ކަހައިގެންނުދާކަމުގެ ހެއްކެކެވެ. ކުރިމަތިވެދާނެ ނާމާން ކަމެއް، ޚިޔާލަށް ގެންނަން އުދަނގޫވާހާ ނާމާނެވެ.
އަދިވެސް، ވަކިވަކި ފަރުދުންގެ ނަންތައް ހާމަކުރަން
ބެނުންނަމަ، ނަންތައް ހާމަކުރާ ވަރަށް މަޢުލޫމާތާއި ހެކިއެބަހުއްޓެވެ. މިހެން ދެންނެވިޔަސް،
މިއީ ވަންހަނާވެފައިވާ މަޢުލޫމާތާއި ހެއްކެއްނޫނެވެ. އެހެނީ، ރެއާއި ދުވާލު،
ޓްވިޓާ، ފޭސްބުކު، ޕާސަނަލް ބްލޮގް ފަދަ ޕްލެޓްފޯމްތަކުގައި އެބައިމީހުން ދައްކާ
ލިޔެ އުޅޭ އެއްޗެއްސެވެ. މިހުރިހާ ފަރުދުންނާއި، ޖަމްެޢިއްޔާ ޖަމާޢަތްތަކުގެ ތާއީދު
އެމްޑީޕީއަށް އޮތުމަކީ އިއްތިފާޤެއްކަމަށް ޤަބޫލުކޮށްގެން ތިބެންވީތޯއެވެ.
މިލިޔުންތަކަކީ، ހަމައެކަނި ޢިޝާރާތެކެވެ. މިކަންކަމާ
ބެހޭގޮތުން މުސްތަޤްބަލުގައި އިތުރު ތަފްސީލުތަކާއެކެ ލިޔުންތަކެއް ލިޔުމުގެ
ޚިޔާލުއެބަގެންގުޅެމެވެ.
މިޢަދަދު ނިންމާލާނީ، އަދިވެސް އެއްފަހަރު،
ޢިލްމުވެރިންނަށް، މިފަދަ ޚުޠޫރަތްތެރި ފިކުރުތަކުގެ ޢިލްމީ މަޢުލޫމާތު
ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، މިހާރަށްވުރެ ބޮޑަށް ހިއްވަރު ކުރެއްވުމަށް
އެދެމުންނެވެ. މާތް ﷲ ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ. އާމީން!
[1]- LGBT =Lesbian,
Gay, Bisexual, and transgender
ކުރުކޮށް ދިވެހިން ބުނަންޏާމު، މީގެ
މާނައަކީ ޖިންސީ އެދުން ބޭނުންގޮތަކަށް ބޭނުންމީހަކާއެކު ހިންގުމުގެ
މިނިވަންކަމަށް ވަކާލާތުކުރުމެވެ. އޭގެ ތެރޭގައި، އަންހެނުން އަންހެނުންނާއި، ފިރިހެނުން
ފިރިހެނުންނާ އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން އޮތުމަށް ދެކުމެވެ. އެއްޖިންސުން
ކައިވެނިކުރުމުގެ މިނިވަންކަން އޮންނާން ޖެހޭނެކަމަށް ދެކުމާއި، އެކަމަށް
ވަކާލާތުކުރުމެވެ. އެމިނިވަންކަން ނުލިބިތިބޭ މީހުންނަކީ، ޙައްޤު
ނިގުޅައިގަނެވިފައިވާ ބައެއްގެ ގޮތުގައި، ސިފަކޮށް، އެބައިމީހުންނަށް ހަމްދަރުދީ
ފައުޅުކޮށް، ޤާނޫނީ ގޮތުންނާއި، އިޖްތިމާޢީގޮތުން އެބައިމީހުންގެ އެ ޢަމަލު
ބަލައިގަތުމަށް ބާރުއެޅުމެވެ.
Mi liumaky varah haggu bas kamugai alhugan'du haggu goiy olhun filan beynun ve huri MDP membareh ge haiysiyathun faahaga koh shukuru dhannavan..alhugandu fadhain haggu goiy en'gen beynun ethah bayaku MDP ga ves thibeyne kan yageen..
ReplyDeleteI couldn't resist commenting. Well written!
ReplyDeleteOne moment of silence for ppl thinking LGBTQ is freedom😂..Islam dheen is our freedom..keep up the good work Sheikh..👍👍
ReplyDelete