Thursday 20 September 2018

ރިޔާސީ އިންތިޚާބު 2018 (10): ނިންމާލުން!



ރިޔާސީ އިންތިޚާބު 2018 (10): ނިންމާލުން!

އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލި ﷲ ، ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސައްލަމަ ތަސްލީމަން ކަޘީރާ ، أما بعد؛

އާދެ، ރިޔާސީ އިންތިޚާބާ 2018 އާ ބެހޭގޮތުން އަޅުގަނޑު ލިޔަމުން އައި ސިލްސިލާ ނިންމާލާ ޢަދަދުކަމުގައި މިޢަދަދު ހެދުމަށް ގަސްދުކުރަމެވެ. އެއްވެސް ވަންހަނާކަމެއްނެތްގޮތުގައި އަޅުގަނޑުގެ ޝުޢޫރުތައް ވާނީ މި ސިލްސިލާގައި ގެނެސްދެވިފައެވެ. އާދެ، ސަބަބުތަކެއް ނެތިއެއްނޫނެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙާ ބެހޭގޮތުން، ގިނަގުނަ ސުވާލުތަކެއް އައިސް އަޅުގަނޑުގެ ޚިޔާއި ފިކުރަކީ ކޮބައިތޯ ބެލުމަށް ބައެއް އަޚުންނާއި އުޚުތުން އެދެމުން ދިއުމާއެކުއެވެ.

އެހެންކަމުން، އިންޞާފުގެ ނަޒަރަކުން، ދީނީ ތަރާދުނަކުން، އަޅުގަނޑުގެ ޚިޔާލާއި ފިކުރު ހިއްސާކުރުމަށްޓަކައި މި ސިލްސިލާގެ ދަށުންވަނީ ލިޔުންތަކެއް ލިޔެވިފައެވެ. އޭގެ ފައިދާވެސް ވަރަށް ގިނަ އަޚުންނާއި އުޚުތުންނަށްވަނީ ކޮށްފައެވެ. ލިބޭ މެސުޖުންނާއި އަންނަ ފޯނުކޯލުތަކުން އެކަން ހާމަވެގެންދެއެވެ. އެކަމުގެ ހުރިހާ ޙަމްދެއްހުރީ ﷲ ތަޢާލާއަށެވެ. މިއީ އެކަލާނގެ ވަޖުހުފުޅުއަދާއިގެން އަޅުގަނޑު ލިޔުނު ލިޔުންތަކެއްކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެއެވެ. ބަސްބުނެފައިވާނީ އެކަލާނގެ ދީނަށްޓަކައެވެ. އެކަލާނގެ ދީނަށް އައިސްދާނެ ލޮޅުމަކަށް ބަލާފައެވެ. މިކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ދީނީ އަދި ޤައުމީ މަޞްލަޙަތަށް ބަލާފައެވެ. މާޒީން ލިބޭ ޢިބްރަތްތަކަށް ބަލާފައެވެ. މިކަމުގައި އަޅުގަނޑަށް ކުރިމަތިވެދާނޭ ފުރައްސާރައަކަށް، އަދި ލިބިދާނޭ ޘަނާއަކަށް އެއްވެސް ވަރަކަށް ފިކުރުކޮށްފައެއްނުވާނެއެވެ. ޘަވާބާއި ދަރުމައެދެނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. ހެޔޮ ބަސްތަކެއް ލިޔެވިފައިވާނަމަ އެއީ މާތް ﷲ ގެ ތައުފީޤެވެ. ގޯސްބަހެއް ނުވަތަ ކުށެއް ލިޔެވިފައިވާނަމަ، އެއީ ނިކަމެތި މިއަޅާގެ ފުށުން އައިކަމެއްކަން ކަށަވަރެވެ. އެފަދަ ކަމެއްވާނަމަ، މާތް ﷲ ގެ މަޣްފިރަތަށް އެދި ދުޢާކުރަމެވެ. މާތް ﷲ މިއަޅާގެއާއި ކިޔުންތެރިންގެ ފާފަތައް ފުއްސަވައި ރަޙްމަތްލައްވާށިއެވެ. އާމީން!

އާދެ، މިހިސާބަށް، އަޅުގަނޑުގެ ލިޔުންތައް ދިޔައިރު، ލިޔަންބޭނުންވި ހުރިހާ ވާހަކަތަކެއް ލިޔެވިފައިނުވިޔަސް، ވަރަށް ގިނަ ވާހަކަތައް ލިޔެވިފައިވާނެއެވެ. މިޢަދަދަކީ ނިންމާލާ ޢަދަދުކަމަށްވުމުން، މާގިނަ އައު ވާހަތަކެއް ހިމެނުމުގެ ވިސްނުމެއްނެތެވެ. ނަމަވެސް އެތަންމިތަނުން ފާހަނގަކޮށްލެވޭ ބައެއް ކަންކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

ކުޑަނުބައާއި ބޮޑުނުބައި!

އާދެ، "ކުޑަނުބައާއި ބޮޑުނުބައި"ގެ ވާހަކަ ކުރީ ޢަދަދެއްގައި ވާނީ ދެކެވިފައެވެ. އެވާހަކަ ދައްކަން ޖެހުނީ، މިއުޅެނީ، އެއްކޮޅުން ޢުމަރު ބުނު އަލްޚައްޠާބު (ރަޟިޔަ ﷲ ޢަންހު) އާއި ޢަމްރު ބުނު ހިޝާމު (އަބޫޖަހުލު) ކުރިމަތިލައިގެނެއްނޫނެވެ. މަޒީގައިވެސް ގޯސްތަކެއް ހަދާފައިވާ ދެބައެއްގެ ކުރިމަތިލުމެކެވެ. އެގޯސްތަކުގެ ކުޑަބޮޑު މިނާއި، ދީނާއި ޤައުމަށް އެކަމުން ކޮށްފައިވާ ނުބައި އަސަރުގެ ކުޑަބޮޑު މިނަށް ބަލައި، ދީނީ އުޞޫލުތަކާއި ޤާއިދާތަކުގެ އަލީގައި ކިރައި، މިތަނުން ޤައުމަށް އެންމެ ގެއްލުން ކުޑަކޮޅެއް ނެގުމެވެ. އެގޮތުން، درء المفاسد مقدم على جلب المصالح މިއީ ޝަރުޢީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންނަށް އައު ޤާޢިދާއަކަށް ނުވާނެއެވެ.

މަފްސަދާއި މަޞްލަޙާ ކިރުމުގައި ބަލަންޖެހެނީ، ޤައުމުގެ އެކަންކަން އޮތް މިންވަރަށެވެ. އަދި ސިޔާސީ އެއްވެސް އެދުމެއްނެތި، މިނިވަންކަމާއެކު، ދީނީ ތަރަހައިންނެވެ. ޢަދުލަށް ނަތީޖާ އަންނާނީ އޭރުންނެވެ. ނަމަވެސް، ކިރުމުގައި ކިރިޔާވެސް ހެދޭ ޚަލަލެއްގެ (ކުށެއްގެ) ސަބަބުން ނަތީޖާ ވަރަށް ބޮޑުތަން ބަދަލުވެގެންވެސް ހިނގައިދާނެއެވެ. ބައެއްފަހަރު، ގަސްދުގައި އަންނަ ޚަލަލަކަށް ނުވަދާނެއެވެ. އޮޅުމަކުންވެސް އައިސްދާނެއެވެ. އެކިއެކި ބޭފުޅުންނަކީ އެކިއެކި ޠަބީޢަތުގެ އަހުލުވެރިންކަމުގައިވުމުންވެސް ތަފާތުތަކެއް އައިސްދާނެއެވެ. އޭގެއިން އޭނައަކީ އޮޅުވާލާ މީހެއްކަމަށް ދޭހަކޮށެއްނުދެއެވެ. އަދިކިއެއްތޯއެވެ. އޭނައަކީ މަޢުޒޫރު މީހަކަށްވުންވެސް އެކަށީގެންވެއެވެ.

ނަމަވެސް، ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި، ޢިލްމުވެރި ބޭފުޅުންވެސް އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ޢުޒުރުތަކެއް ދެއްވާފައި ނުވާކަމެވެ.

މާފުކުރައްވާށެވެ. ޢިލްމުވެރިންނަށް ބަދުބަސް ބުނަނީއެއްނޫނެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައަކަށްވުމުން، މިވާހަކަ ކޮންމެވެސް މީހަކު ދެއްކުމަކީވެސް ކުރަންވެއްޖެކަމެއްނޫންތޯއެވެ. މިފަދަ ކަމެއްގެ ވާހަކަދެއްކުމަށް އެންމެ އެކަށީގެންވާ މީހެއްކަމުގެ ދަޢުވާ އަޅުގަނޑު ނުކުރާނަމެވެ. ނުވެސް ކުރެވޭނެއެވެ. ނަމަވެސް، މިފަދަ ވާހަކަ އެކަމާ އެކަށީގެންވާ ބޭފުޅުން ނުދައްކަވާނަމަ، ދެންތިބި ބަޔަކު އެކަން ކުރަން މަޖުބޫރުވާނެ ނޫންތޯއެވެ. އެގޮތުން އިޞްލާޙަށްދެކެވޭ ވާހަކަތަކުގައި އެއްވެސް ބޭފުޅަކު ހިތްބުރަނުކުރައްވާނެކަމަށް އުއްމީދުކުރަމެވެ.

ޢިލްމުވެރިން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ރައްދުދެއްވުން!

އާދެ، ބައެއްފަހަރު، ޕޯޑިމްތަކާއި ދަރުސްތަކާއި، އެހެނިހެން ތަޤްރީރުތަކުގައި، ދެން ތިއްބެވި ޢިލްމުވެރިންނަކީ، ދީން އޮޅުވާލައްވާ، މަޤާމުގެ ދަހިވެތިކަމުގައި އުޅުއްވާ، އަނިޔާވެރިކަމަށް އެހީތެރިވެދެއްވާ، ޚިޔާނާތަށް އެހީތެރިވެދެއްވާ ބޭފުޅުންކަމުގައި ސިފަކުރައްވާ، ތައުބާވުމަށް ގޮވާލައްވައި، މާތް ﷲ ގެ ޢަޒާބަށް ބިރުވެތިވުމަށް އިންޒާރުކުރައްވާ ހައްދަވާތަން އެއީ ޢާންމުކަމަކަށްވެއްޖެއެވެ. އެއްބޭފުޅަކު، އެނެއްބޭފުޅެއްގެ ރައުޔަކީ އެހާ ލާއިޤުވެގެންވާ ރައުޔެއްކަމުގައި ނުދެކިދާނެއެވެ. އަދި އެއްބޭފުޅަކު، އެނެއްބޭފުޅެއްގެ މައުޤިފުގައި ޚަލަލާއި އުނިކަން ހުރިކަމަށް ދެކިލައްވަފާނެއެވެ. އަދި ކިއެއްތޯއެވެ. އެއްބޭފުޅަކު، އަނެއްބޭފުޅެއްގެ އިޖްތިހާދަކީ ވަރަށް ގޯސް އިޖްތިހާދެއްކަމަށް ދެކިލައްވަފާނެއެވެ.

މިއިން އެއްވެސް ކަމެއްގައި މައްސަލައެއްނެތެވެ. މައްސަލަޖެހެނީ، އެއްވެސް އިޖުތިހާދެއްވެސް ނެތްކަމަށް ސިފަކޮށް، އަނެކާ އެހުރީ ކަނޑައެޅިގެން މަގުފުރެދުމެއްގައި ކަމާއި، މާތް ﷲ ގެ ދީނާ ދެކޮޅަށް ކަމަށް އިއްތިހާމުކުރާ ހިސާބުންނެވެ. މައްސަލަޖެހޭނީ، އެ އިޖުތިހާދުގެ ސަބަބުން އަނެކާ އަކީ ވިކިފައިވާ މީހެއްކަމަށް ތުހުމަތުކުރާ ހިސާބުންނެވެ. އަނެކާއަކީ ވަޒީފާއަށްޓަކައި އުޅޭ މީހެއްކަމުގެ ތުހުމަތުކުރާ ހިސާބުންނެވެ. ނުވަތަ އަނެކާއަކީ ބިރުން ފިތިފައި ހުރިމީހެއްކަމަށް ބުނާ ހިސާބުންނެވެ. ނުވަތަ އަނެކާގެ ދިޔާނަތަށް، އަނެކާގެ އިޚްލާޞްތެރިކަމަށް، އަނެކާގެ ޣީރަތްތެރިކަމަށް އިނގިލި ދިއްކުރާ ހިސާބުންނެވެ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫނެވެ.

މިފަދައިން ބަޔަކު ކަންކުރާނަމަ، މިއީ ތިޖުތިހާދަށް/ރައުޔަށް/މައުޤިފަށް ފާޑުކިޔުމެއްނޫނެވެ. އިޖުތިހާދަށް ފާޑުކިޔުމަކީ މައްސަލައެއްނޫނެވެ. ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅިފައިވާ އިޖްތިހާދަކަށް/ރައުޔަކަށް/މައުޤިފަކަށް، ރައްޔިތުންގެ ކުރިމަތީގައި ފާޑުކިޔުމަކީވެސް މައްސަލައެއްނޫނެވެ. އެއީ ބައެއްފަހަރު އެކަން އޮންނަންވެސް ޖެހޭގޮތެވެ. ޚާއްޞަކޮށް ރައްޔިތުން އެންމެންގެ މަޞްލަޙަތު އެކަމެއްގައި ހިމެނޭ ކަމެއްނަމައެވެ. މިކަން ދެން ހުންނަ މީހާގެ ދީނާޔާތަށް، އޭނާގެ ޣީރަތްތެރިކަމަށް، އިޚްލާޞްތެރިކަމަށް، ތެދުވެރިކަމަށް، ޝަޚުޞަ އިއްތިހާމުނުކޮށްވެސް ކުރެވިދާނެއެވެ.

ގިނަ ޢިލްމުވެރިންގެ މައުޤިފަކީ (ރައުޔަކީ) ކޮބާ؟

އަޅުގަނޑަށް ކެރިހުރެ ދަންނަވަން ކެރޭ ވާހަކައެއް އެބައޮތެވެ. ގިނަ ޢިލްމުވެރިން ތިއްބެވީ އަދިވެސް ޢަލްމާނިއްޔަތާ ދެކޮޅަށެވެ. ބޮޑުނުބައަކީ އެމްޑީޕީކަމަށް ބަލައިގެންނެވެ. މިހެން ބުނުމުން، އަނެއްކާވެސް ސުވާލު އުފެދިދާނެއެވެ. ލިޔުންތެރިޔާއަށް އެކަން އެނގެނީ ކިހިނަކުންތޯއެވެ؟ އާދެ، ވަރަށް ރަނގަޅު ސުވާލެކެވެ. ކުރަންޖެހޭވެސް ސުވާލެކެވެ. މީހަކު އެއްޗެކޭ ހަމަބުނާއިރަށް އެވާހަކައެއް ތެދުކޮށްގެންނުވާނެއެވެ. އެކަމާ ގުޅޭގޮތުން، އިތުރު ސުވާލުތައްކޮށް މުޅި މައްސަލަ މޭރުންކުރަންވާނެއެވެ. މިއަދު، އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްވަބާއަކީ ތުންތުންމަތީ ވާހަކައަށް ބަރޯސާކުރުމުގެ ވަބާއެވެ. ތެދުވެރިއެއް ދޮގުވެރިއެއް ނުބަލައި، މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރުމުގެ ވަބާއެވެ. ޚާއްޞަކޮށް މިފަދަ މޫސުމެއްގައެވެ. މި ލިބިގެން އުޅޭ "ޑިމޮކްރަސީއެއްގެ" ސުންޕާކަމާއެވެ!

ލޮބުވެތި ކިޔުންތެރިންނޭވެ! ތިބޭފުޅުން ސަމާލުވެތިއްބަވާށެވެ! އެހެނީ، ޙަދީޘްފުޅުގައި ވަނީ، ތުންތުންމަތިން އިވޭ ކޮންމެ އަޑެއް ފަތުރާ މީހަކީ ދޮގުވެރިއެއްކަމަށް ފުދޭކަމަށެވެ. ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު، ތިމަންނައީ މާތް ﷲ ގެ ޙަޟްރަތުގައި ދޮގުވެރިއެއް ކަމަށް ލިޔެވިފައިވުމަށް ނޭދޭނެއެވެ. އެހެންކަމުން، އެކަމަށް ސަމާލުވެތިއްބަވާށެވެ. މިވަބާ ހުއްޓޭނީ އަޅުގަނޑުމެން އެކަން ހުއްޓާލައިގެންނެވެ.

ކޮންމެއަކަސް، އެސުވާލުގެ ޖަވާބަކީ، އަޅުގަނޑަށް އެކަން އެނގެނީ އެއީ އަޅުގަނޑުގެ ދާއިރާކަމަށްވުމުންނެވެ. ދިވެހިރާއްޖޭގެ ގިނަ ޢިލްމުވެރިންނަކީ އަޅުގަނޑުގެ ރައްޓެހިންކަމަށްވުމުންނެވެ. އެބޭފުޅުންނާ ޚިޔާލުބަދަލުކުރެވި، ވާހަކަދެކެވޭ މީހެއްކަމަށްވުމުންނެވެ. ގިނަ ޢިލްމުވެރިންނަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ބޭފުޅުންނެއްނޫނެވެ. އެބޭފުޅުންނަކީ، ތަޢުލީމީ އެކިއެކި ދާއިރާތަކުގައި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގައި މުޖުތަމަޢަށް ޢިލްމު ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މިހެން ދެންނެވީމާ، ބައެއްމީހުންގެ ހިތަށް އަރާފާނެއެވެ. ތިދަންނަވާ ޢިލްމުވެރިންނަށް ސިޔާސީ ކަންކަމެއް ނޭނގޭނެތާއެވެ. މުޅިން ގޯސްވާހަކައެއް ނޫނެވެ. މުޅިން ރަނގަޅު ވާހަކައެއްވެސް ނޫނެވެ. އެހެނީ، އެބޭފުޅުންގެ ތެރޭގައި ސިޔާސީ ކަންކަން އެއްވެސް ވަރަކަށް ދިރާސާ ނުކުރައްވާ ބޭފުޅުން ތިބެދާނެއެވެ. އެކަމަކު، އެއީ ނާދިރު މަދު ބޭފުޅުންކޮޅެއްކަމަށް ބުނެވިދާނެއެވެ. ނަމަވެސް، ގިނަ ބޭފުޅުންނަކީ ރާއްޖޭގައި މިވަމުންދަނީ ކީއްކަން ރަނގަޅަށް އެނގިލައްވާ ބޭފުޅުންނެވެ. އެކަންކަމާ ފިކުރުކުރައްވާ ބޭފުޅުންނެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން ސިޔާސީ މައިދާނުގައި ހިނގާކަންކަން ހިނގަނީ އެންމެންގެ ކުރިމަތީގައެވެ. އެހެންވީމާ، ސިޔާސީ ކަންކަން އެނގޭނީ ހަމައެކަނި ސިޔާސީ މައިދާނުގައި ތިބޭ މީހުންނަށްކަމަށް ބުނާ ބުނުމަކީ، ތިމަންނަމެން ބުނާ ހުރިހާ ގޮތަކަށް ތަބާވެ ތަޢައްޞުބުވާން ބުނެވޭ ބުނުމެކެވެ. ދިވެހިންނަކީ ބުއްދިވެރިންނެވެ. ވާނުވާ އެމީހުންނަށްވެސް އެނގެއެވެ. ނޭނގޭކަމެއް އޮވެއްޖެނަމަ، ސާފުޞަރީޙަބަހުން ކިޔައިދިނީމަ، މޭރުންކުރަން އެނގޭނެއެވެ.

އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިއެއް ނުވަމުއެވެ!
ދެން އޮތީ އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިވަނީކަމަށް ބުނެ ކުރެވޭ އިއްތިހާމުގެ ވާހަކައެވެ. ދަންނަވަންތޯއެވެ. އަނިޔާވެރިކަމަށް އަޅުގަނޑުމެން އެހީތެރިއެއްނުވަމުއެވެ. އަދި ނުވެސް ވާނަމުއެވެ. އެގޮތަށް އެ އިއްތިހާމުކުރުމަކީ ކަނޑައެޅިގެން ޚުދު އަޅުގަނޑުމެންނާ ދޭތެރޭވެވޭ އަނިޔާއެއްކަމަށް ނޫނީ ނުވާނެއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅު ހެދުމަކީ ވަކިބައެއްގެ ޕޯޑިއަމުގައި ކުރެވެން ޖެހޭ ކަމެއްކަމަށްވެސް އަޅުގަނޑުމެން ނުދެކެމެވެ. އިސްލާމްދީނާ ފުށުއަރާ ކަންކަމާ ބެހޭގޮތުން، އެކިއެކި މައުޤިފުތަކުގައި އެކިއެކި ޕްލެޓްފޯމުތަކުގައި އަޅުގަނޑުމެން ދައްކާފައިވާ ވާހަކަވެސް މަދެއްނުވާނެއެވެ. ދިވެހިރާއްޖޭގެ ޢިލްމުވެރިން ރެއާއި ދުވާލު އެތަންމިތަނުގައި ދީނީ ދަރުހާއި، ދީނި ވަޢުޡުވިދާޅުވަމުން އެގެންދަވަނީ ވަރުބަލިކަމެއްނެތިއެވެ. ދީނީ ޣީރަތްތެރިކަން އެބޭފުޅުންގެ ހިތުގައި ވަކި ކުޑައެއްނުވާނެކަން ޔަޤީނެވެ. މާތް ﷲ ގެ ޝަރީޢަތަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް އެބޭފުޅުން ލޯބިކުރައްވާވަރު ވަކި ކުޑައެއްނުވާނެއެވެ. އިސްލާމީ ރިވެރި މުޖުތަމަޢަކަށް މިމުޖުތަމަޢަށް ހެދުމަށްޓަކައި އެބޭފުޅުން މަސައްކަތްކުރައްވަމުން އެގެންދަވަނީ، ހިތުގައިވާ އީމާނާއި ތަޤްވާގެ މަތިވެރިކަމުން ކަމަށް ބުނުމަކީ ދޮގަކަަށްނުވާނެއެވެ. ވުމާއެކު، އެބޭފުޅުންނަކީ އަނިޔާއަށް ރުހިގެން ތިއްބެވި، އަނިޔާއަށް ބާރުދެއްވާ ބޭފުޅުންކަމަށް ސިފަކުރެއްވުމަކީ ގޯހެކެވެ.

ތެދެކެވެ. ޢަލްމާނީފިކުރު ގެންގުޅޭ، އެބައެއްގެ މާޒީ ޚަރާބުވެފައިވާ ބައެއްގެ ޕޯޑިއަމުގައި އެކަން ކުރަން އަޅުގަނޑުމެން ބޭނުމެއްނޫނެވެ. އަޅުގަނޑުމެން އެކަން ކުރާނީ، ތިޔަފަދަ އޮޅުންބޮޅުންވެ ޚަރާބުވެފައިވާ ޕޯޑިއަމެއްގައެއް ނޫނެވެ. އަދި ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަކަށްވެސް ނޫނެވެ. މީހަކު ވެރިކަމުން ވައްޓައި، އަނެކަކު ވެރިކަމަށް އަރުވާކަށްވެސް ނޫނެވެ. އަދި އަޅުގަނޑުމެންގެ ލީޑަރަކު ޖަލުގައި އޮންނަން ޖެހުމުން، އެކަމާވެސް ނޫނެވެ. ކުޑަނުބައި ބޮޑުނުބައި ކިރޭނީ، ދީނީ ޤައުމީ މަޞްލަޙަތަކީ ކޮބައިތޯ، ދީނީ ތަރާދުނުން ކިރުމަށްފަހުއެވެ. ތިމަންނަމެން ތަބާވާ ސިޔާސީންގެ ތެރެއިން ބަޔަކު ޖަލުގައި ތިބުމަކީ، މީޒާނުތައް މުޅިން އެދިމާލަށް ފޮނުވަންޖެހޭ ކަމެއް ނޫނެވެ. އެއީ އަމިއްލަ މަޞްލަޙަތުތަކެކެވެ. މީޒާނު އޮންނަންވާނީ، ދީނާއި ޤައުމުގެ މަޞްލަޙަތުގައެވެ. އަދި ދީނީގޮތުން އައުލަވިއްޔާތު ދެވިގެންވާ ކަންކަމަށެވެ. އަދި އުޞޫލުތަކާއި ޤަވާޢިދުގެ މައްޗަށެވެ. މިކަންކަމާމެދު މިއަދު އަޅުގަނޑުމެން މިވަނީ ފުންކޮށް ވިސްނަންވެފައިކަމުގައި ދެކެމެވެ.

ނިންމާލަން، ބޭނުންވަނީ، ދުޢާއަކުންނެވެ. ލޮބުވެތި ކިޔުންތެރިން، މިދުޢާއަށް އިޚްލާޞްތެރި ހިތަކުން އާމީންއޭ ވިދާޅުވާނެކަމަށް އުއްމީދު ކުރަމެވެ. ޔާ ﷲ ! އަޅަމެންގެ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުކުރައްވާ، އިބަ ﷲ ގެ ދީނަށް ވަފާތެރި، އިބަ ﷲ ގެ ޝަރީޢަތް މީސްތަކުންގެ މެދުގައި ތަންފީޒު ކުރާނެ، ރައްޔިތުންނަށް އޯގާތެރި، ޢަދުލުވެރި ވެރިއެއް މިކުޑަކުޑަ ދިވެހިރާއްޖެއަށް މިންވަރުކުރައްވާފާނދޭއެވެ. އަޅަމެންގެ މިދިވެހިރާއްޖެއަކީ ތާއަބަދު އިސްލާމީ ދިވެހިރާއްޖެއެއްކަމުގައި ލައްވާފާނދޭއެވެ. އަދި އަޅަމެންނަކީ، އިބަ ﷲ ގެ ދީނަށް ވަފާތެރި، ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާ ފުރިހަމަ މުުއުމިނުންކަމުގައި ލައްވާފާނދޭއެވެ. އާމީން!

Sunday 16 September 2018

ރިޔާސީ އިންތިޚާބު 2018 (9): އިބޫއަކީ އަންނިތަ؟



ރިޔާސީ އިންތިޚާބު 2018 (9): އިބޫއަކީ އަންނިތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ، أما بعد؛

ކުރީ ދެ ޢަދަދުގައި ވާނީ ޢަލްމާނިއްޔަތާ ބެހޭގޮތުން، ކޮންމެވެސް ވަރަކަށް، މަޢުލޫމާތު ހިއްސާކުރެވިފައެވެ. އެޢަދަދަށް އައިސްފައިވާ ޚިޔާލުތަކަށް ބަލާއިރު، ބައެއް ޚިޔާލުތަކުގައި ހުރީ، "އިބޫ އަކީ އަންނިއެއް ނޫނެވެ" ނުވަތަ "އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ އަންނިއެއް ނޫނެވެ" މިފަދަ ޚިޔާލުތަކެކެވެ.

ވަރަށް ރަނގަޅު ވާހަކައެކެވެ. ވަރަށް ތެދުވާހަކައެކެވެ. އިބޫ އަކީ ޅ. ހިންނަވަރު، ނޫރާނިއާގެއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ، އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އަދި އަންނިއަކީ، ކ. މާލެ، ކެނެރީގެއަށް ނިސްބަތްވެވަޑައިގަންވަނާ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ، މުޙައްމަދު ނަޝީދެވެ. މިވަރަށް މިދެންނެވީ، މިއީ ދެ އިންސާނެއްކަން ދެެ ޝަޚުޞެއްކަން އަޅުގަނޑުމެންނަށްވެސް އެނގޭކަން ހާމަކޮށްދިނުމަށެވެ. މިއުޅެނީ، އެޙަޤީޤަތް އޮޅިގެން ނޫންކަން ބުނެދިނުމުގެ ގޮތުންނެވެ. އަޅުގަނޑުމެން މިދަންނަވީ، މި ދެ ޝަޚުޞުންގެ ގުޅޭ ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ. ނަމަވެސް އޭގެ ކުރިން، އިބްރާހީމް މުޙައްމަދުގެ ކުރު ތަޢާރަފަކަށް ބަލައިލަމާތޯއެވެ.

އިބޫއަކީ ކާކު؟
އިބްރާހީމް މުޙައްމަދު ޞޯލިޙު މަޝްހޫރުވެފައިވަނީ އިބޫގެ ނަމުންނެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޅ. ހިންނަވަރަށެވެ. އުމުރުފުޅަކީ 54 އަހަރެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ބޮޑުބޭބެ ސިއްކަ އަޙްމަދު އިސްމާޢީލު މަނިކުގެދަރި، ފަޒްނާ އަޙްމަދާއެވެ.

އިބޫއާ ރައީސް ނަޝީދުގެ އެކުވެރިކަމަކީ އިބޫ ފާހަނގަކުރައްވާގޮތުން އަބަދުވެސް ވަރަށް ވަރުގަދަ އެކުވެރިކަމެކެވެ. 40 އަހަރުގެ ދުވަސްވީ އެކުވެރިކަމެކެވެ. އަދި އެ އެކުވެރިކަމަކީ ކުރިއަށް އޮތްތާގައިވެސް ދުވަހަކުވެސް ހީނަރުވެގެންނުދާނޭ އެކުވެރިކަމެއްކަމަށް އިބޫ ސިފަކުރައްވައެވެ. މިއީ އިބޫގެ ދޫފުޅުން ދެއްވާފައިވާ ޓީވީ އިންޓަވިއުތަކުގައި ހާމަކުރައްވާފައިވާ ޙަޤީޤަތްތަކެކެވެ.

އިބޫއާ އެމްޑީޕީއާ އޮތީ ކޮން ގުޅުމެއް؟
މުޙައްމަދު އިބްރާހީމް ޞޯލިޙު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ 1993 ގައެވެ. އެއީ އެބޭފުޅާގެ އުމުރުން 30 އަހަރުގައެވެ. ޅ. އަތޮޅު މެމްބަރެއްގެ ގޮތުގައެވެ. އެއަށްފަހު، މިއަދާހަމައަށް 25 އަހަރުވީއިރުވެސް އެހުންނެވީ މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ.

އިބޫ އަކީ، އެމްޑީޕީ އުފެއްދުމުގައި އެންމެ އިހުއްސުރެން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން، 2001 ގައި 42 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ އުފައްދަން ކުރެވުނު މަސައްކަތުގައިވެސް އިބޫ ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު، ސްރީލަންކާގައި 2003 ވަނަ އަހަރު، އަމިއްލައަށް ސްރީލަންކާއަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދާއި އިބޫފަދަ ބޭފުޅުންގެ ބައިވެރިވަޑައިގަތުމާއެކު، އެމްޑީޕީ އުފެދިގެން ދިޔައެވެ. އަދި ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އިބޫ ހަމަޖެހިގެން ދިޔައެވެ. އެއަށްފަހު، މަލްޓި-ޕާޓީ ނިޒާމަށް ވަކާލާތު ކުރުމުގައި މަޖިލިސް ތެރެއިންނާއި، 2004 ވަނަ އަހަރު މިނިވަން ބަހުސްގެ ނަމުގައި ބޭއްވުނު ޙަރަކާތްތަކުގެ އެމްޑީޕީގެ ފަރާތުން އިސް ދައުރެއް އިބޫ އަދާކުރައްވާފައިވެއެވެ. އޭގެ ދެ އަހަރު ފަހުން، މަލްޓި-ޕާޓީ ނިޒާމަށް ހުއްދަ ދެވިގެން ދިޔައިރު، ސްރީލަންކާގައި އަރުވާލެވިގެން އެމްޑީޕީގެ މައި ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ހުންނެވިއިރު، މާލޭގައި އިސް ލީޑަރެއްގެ ރޯލު އަދާކުރަމުން ދިޔައީ އިބޫއެވެ.

މިހުރިހާ ކަމަކުން، އިބޫއާ އެމްޑީޕީއާ އޮންނަ ގުޅުން ހާމަވެގެންދެއެވެ. އިބޫއަކީ އެމްޑީޕީގެ ފައުންޑަރެކެވެ. އެއް މުއައްސިސެވެ. އަދި ހަމައެހެންމެ، ސިޔާސީ ގޮތުންނާއި އެކުވެރިކަމުގެ ގޮތުންނާއި، އަދި ޢާއިލީގޮތުން އަންނިއާ ދެމެދުގައި އޮތް ގުޅުންވެސް އެނގިހާމަވެގެންދެއެވެ. އިބޫއަކީ އަބަދުވެސް އަންނިގެ ހިޔަންޏެއްްފަދައިން އަންނިއާ އެންމެ ގާތުން މަސައްކަތްކުރައްވާ، އަންނިއަށް އެންމެ ބޮޑަށް އެހީތެރިވެވަޑައިގެން އުޅުއްވާ އެއްބޭފުޅާއެވެ.

އަޅުގަނޑުމެން ދެކޮޅު ހަދަނީ އެމްޑީޕީއާއެވެ!

އާދެ، އަޅުގަނޑުމެން ދެކޮޅު ހަދަނީ، އެމްޑީޕީގެ ސިޔާސަތާއެވެ. ސެކިއުލާ ޑިމޮކްރަސީއާއެވެ. ޢަލްމާނިއްޔަތާއެވެ. އެކަން މީގެ ކުރީ ޢަދަދު ކިޔުއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އެނގިލައްވާނެއެވެ. އެހެންކަމުން، އެވާހަކަތައް އިތުރަށް ތަކުރާރު ކުރުމުގެ ބޭނުމެއްނެތެވެ.

ތެދެކެވެ. އިބޫއަކީ އަންނިއެއް ނޫނެވެ. އިބޫއަކީ އަންނިގެ ސިޔާސަތަށް އެންމެ ބޮޑަށް ތައުރީފުކުރައްވާ އެއްބޭފުޅާއެވެ. އިބޫއަކީ އަންނިގެ ޚިޔާލާތާއި ފިކުރަކީ އެންމެ ރަނގަޅު ޚިޔާލާތާއި ފިކުރުކަމަށް ވިދާޅުވާ ބޭފުޅާއެވެ. ތިމަންނަގެ ވެރިކަމެއްގައި އަންނިގެ "ވިޝަން"އާ އެއްގޮތަށް ވެރިކަން ކޮށްދެއްވާނަމޭ ވިދާޅުވާ ބޭފުޅާއެވެ. ޙަޤީޤީ ޖަޒީރާ ރައީސަކީ އަންނި ކަމަށް ވިދާޅުވާ ބޭފުޅާއެވެ. އަންނިއަކީ ނޫ އިޤްތިޞާދުގެ ބާނީ ކަމަށް ވިދާޅުވާ ބޭފުޅާއެވެ. އިބޫއަކީ އަންނިގެ ޅިޔަނެކެވެ. އިބޫއަކީ، ރީނދޫކުލައިން ޖަރީވެފައި ހުންނެވި، އޭގެ އެންމެ އިސް އެއް ބާނީއެވެ. އެ ފިކުރުގެ އެންމެ އިސް އެއް މުއައްސިސެވެ. އިބޫ ޚުދު އަންނިއާއި އެމްޑީޕީއާ މެދު ފަޚުރުވެވަޑައިގަންނަވާކަމަށް ފާޅުގައި ވިދާޅުވެއެވެ.

މިހިސާބަށް ވާހަކަ ދިޔުމުން، ކުރިން، އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްކަމަށް ވިދާޅުވި ބޭފުޅުން ފަހަރެއްގައި ވިދާޅުވެފާނެއެވެ. " އަނެއްކާވެސް، ޝަފީޢުއަށް ތިޔައޮތީ ވަރަށް ބޮޑަށް އޮޅިފައެވެ. އިބޫއަކީ ލާދީނީ ބޭފުޅެއް ނޫނެވެ. އިބޫއަކީ ވަރަށް މަޝްވަރާގެ މަތިން ކަންކަން ކުރައްވާ، ވަރަށް ޚުލްޤުފުޅު ހެޔޮ، ވަރަށް މަޑުމައިތިރި، ފަސްބާގައި އެއްވެސް ކިލަނބުކަމެއްނެތް ބޭފުޅެކެވެ. ބާރު އޮންނަނީ އިބޫ އަތުގައެވެ. އަދި އަންނިއާއި ޔާމިނު ސިޔާސީ މައިދާނުން ދުރުކުރެވޭނީވެސް އިބޫއަށެވެ. އޭރުން، އެމްޑީޕީ އޮންނާނީ އިބޫ އަތުގައެވެ. މިހާރުވެސް އިބޫ އަތަށް އެމްޑީޕީގެ ބާރު އަރައިފިއެވެ. އެހެނީ، އަންނި ބޭނުންވީ އިބޫ ނޫން އެހެން ކެނޑިޑޭޓެކެވެ. ނަމަވެސް، އަހަރުމެންގެ ބާރުން، އަހަރުމެން މަސައްކަތްކުރި ވަރުން، އިބޫއަށް އެއޮތީ ކެންޑިޑޭޓުކަންވެސް ލިބިފައެވެ. އަހަރެމެންނާ އިބޫއާ މިކަމުގައި ވަރަށް ބޮޑަށް މަޝްވަރާކުރެވިއްޖެއެވެ. ކޯލިޝަން ހެދުމަށްފަހު، އަދި އޭގެ ކުރިންވެސް އިބޫއާއެކު އަހަރެމެންނަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އިބޫ ވަރަށް ރަނގަޅެވެ. އެމްޑީޕީގެ ދެން ތިއްބެވި ބޭފުޅުން ގޮތެއް ނޫނެވެ. އެހެންވީމާ، ދިވެހިރާއްޖެއިން، ޢަލްމާނިއްޔަތާއި ލާދީނިއްޔަތުވެސް ނައްތާލަން މިއީ އެންމެ ރަނގަޅު ފުރުޞަތެވެ. އިބޫ ކަންކަން ނިންމަވާނީ މަޝްވަރާގެ އުސޫލުންނެވެ. އަހަރެމެން ބުނާގޮތަށް ހައްދަވާނެއެވެ."

ދެންކޮމެއަކަސް، މިވާހަކަތަށް، ވަރަށް ކުރިޔަށް ގެންގޮސް، އިބޫ ކޮންމެހެން ހޮވަން ޖެހިއްޖެކަމުގެ "ޙުއްޖަތް" ދައްކަވާނެއެވެ. އަދި، މިއީ ޤައުމަށް މި ވަޤުތަށް އެންމެ ލާބަޔާއި މަންފާހުރި ގޮތްކަމަށްވެސް ވިދާޅުވާނެއެވެ.

ވަރަށް ރަނގަޅެވެ. ތިޔައީ ތިބޭފުޅުންގެ ވިސްނުންފުޅެވެ. ތިބޭފުޅުންގެ ތަޞައްވުރެވެ. ނަމަވެސް، ދެރަކަމަކީ، ވިސްނާ ވިސްނާ މިތަޞައްވުރު މަސައްކަތްކޮށްފާނެކަމަށް އަޅުގަނޑުގެ ވިސްނުމަކަން ނައިކަމެވެ. އާދޭހެވެ. ތިބޭފުޅުންގެ ހިތަށް ތިޔަ އެރީ ރަނގަޅު އެއްޗެއްކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުގެ ވިސްނުން ކޮށީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު، ދަންނަވަންތޯއެވެ. އެވިސްނުން ނައިސްގެން އުޅޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރެއިން، އެއްބައި ވާހަކަ އިސްވެ ހިނގައްޖެވެސް މެއެވެ. އެއީ، އިބޫއާ އެމްޑީޕީއާ އޮތްގުޅުމާއި، އެޕާޓީގެ އިސްވެރިންނާ އޮތްގުޅުމާއި، ޚާއްޞަކޮށް އަންނިއާ އޮތްގުޅުމުގެ ވާހަކައެވެ. އަދިވެސް ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެއިން ބައެއް ވާހަކަތައް މިލިޔުމުގައި ހިމަނާލެވޭތޯ ބަލާނަމެވެ.   

އެގޮތުން، އިބޫއަކީ އަންނިގެ ވެރިކަމުގައިވެސް، އަދި މިއަދާ ހަމައަށްވެސް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރެވެ. ދަތްކުނޑިވިކާފައި އެމްޑީޕީ ދެކެ އަޅުގަނޑުމެން އެންމެ ގަދަޔަށް ރުޅިއައި ދުވަސްވަރުވެސް އެޕާޓީގެ އެންމެ ވަރުގަދަ އެއްގުނަނުގެ ލީޑަރެވެ. ތިޔަ ވިދާޅުވާ، ލާދީނީ އަންނިގެ ވެރިކަމުގައިވެސް، ދެގޮތެއްނުވެ ސާބިތުވެ ހުންނެވި އެއްލީޑަރެވެ. އެމްޑީޕީގެ ވެރިކަމުގައި ހުރިހާ ޖަރީމާތަކެއް ހިންގި ދުވަސްވަރުވެސް އޭގެ އެންމެ މަތީ އެއްމަޤާމު ފުރުއްވި ބޭފުޅެވެ. 23 ޑިސެމްބަރުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަހަލަގޮަތަކަށް އެމްޑީޕީ ސަރުކާރުގެ ލާދީނިއްޔަތާ ދެކޮޅަށް، އިސްލާމްދީނުގެ ހިމާޔަތުގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއަށް، ރައްދު ދިނުމުގެ ގޮތުން، އެމްޑީޕީން ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާގޮތަށް "މެދުމިނުގެ" ނަމުގައި ބޭއްވި މުޒަހާރާގައިވެސް އެންމެ ކުރީ ސަފުގައި ހުންނެވި އެއްބޭފުޅަކީ އިބޫއެވެ. އެމުޒާހަރާގައި އަންނި މާތް ނަބިއްޔާ صلى الله عليه وسلم އަށް ނުސީދާގޮތެއްގައި ހަޖޫޖެހިއިރު، ހިނިތުން މޫނަކާއެކު އަތްޕުޅު ޖައްސަވަން ހުންނެވި އެއްބޭފުޅަކީ އިބޫއެވެ. އަޅުގަނޑަށް ނުވިސްނިގެން އުޅެނީ މިހެންވެއެވެ. ތިބޭފުޅުން ތިޔަދައްކަވާ ވާހަކަފުޅާ މިހިރަމިހިރަ ކަންކަން ގުޅުވާނީ ކިހިނަކުންތޯއެވެ.

ތެދެކެވެ. އެ މުޒާހަރާގައިވެސް އިބޫ ހުންނެވީ، ވަރަށް މަޑުމައިތިރިކަމާއެކު ހިނިތުން މޫނެއްގައެވެ. އެހާ ޙަރާކާތް ގިނަ ނުކުރައްވައެވެ. ބައެއްފަހަރު، ދިދަ އުފުއްލަވާ އަތްޖައްސަވައެވެ.

ތެދެކެވެ. އޭރުވެސް، މިހާރުވެސް އެ މަޑުމައިތިރިކަމުގެ ސިފަ އެބަހުއްޓެވެ. އެކަމަށް އަޅުގަނޑުވެސް ދެކޮޅެއް ނަހަދާނަމެވެ. އެމްޑީޕީން ޖަރީމާތައް ހިންގިއިރުވެސް އިބޫ މަޑުމައިތިރިކޮށް ހުންނެވިއެވެ. މަޑުމައިތިރިކަމުގެ ސިފައަށް އަޅުގަނޑުވެސް ލޯބިކުރަމެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. އަޅުގަނޑަކީވެސް މަޑުމައިތިރި، ރުޅިމަޑު މީހަކަށްވިނަމަ، ކިހައި ރަނގަޅުވީސްހެވެ. އެހެންޏާމު، މިބޭކާރު ވާހަކަތައް ނުލިޔެ، ބަސްއަހާ މީހެއްފަދައިން ހުރެވުނީސް ނޫން ހެއްޔެވެ. އެކަމަކު، ނަމަނަމައިން ކުރާނޭ ފައިދާއެއްނެތެވެ. ޙަދީޘްފުޅުގައި އޮތީ، ނަމަނަމައިން ދޮރުހުޅުވިގެންދާނީ ޝައިޠާނީ ވަސްވާހަށެވެ.

ކޮންމެއަކަސް، މީހެއްގެ ގާގައި ރަނގަޅު ސިފައެއް ހުރެއްޖެނަމަ، އެކަން ފާހަނގަކޮށް، އެކަމަށް ތަޢުރީފު ކުރުމަކީ ނެތްކަމެއްނޫނެވެ. އެއީ ޢަދުލުވެރިވުމެވެ. އެހެންކަމުން، ކާފަރެއްގެ ކިބައިންވެސް ރަނގަޅު ސިފަތަކެއް ފެނިއްޖެނަމަ، އެކަންކަމަށް ތަޢުރީފުކުރުމަކީ ދީން މަނާކުރާކަމެއްނޫނެވެ. ބައެއްފަހަރު، އެކަމަށް ދީނުން ހިއްވަރުވެސް ދެއްވާކަމެކެވެ. މިކަން އެނގިގެންދަނީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުންނެވެ. ދެން އަނެއްކާ، އަޅުގަނޑު އިބޫއަކީ ކާފަރެކޭ ބުނެފިއޭ ވިދާޅުނުވާށެވެ. އިބޫއަކީ މުސްލިމެކެވެ. އަދި މުސްލިމެއްގެ ގާގައި އެފަދަ ރީތި ސިފަތަކެއް ހުރެއްޖެނަމަ، ތައުރީފުކުރުން މާބޮޑަށް އައުލާވެގެންވޭ ނޫންތޯއެވެ.

ކޯލިޝަން މަސައްކަތް ކުރާނެތަ؟

ދެން އޮތީ މިހަދައިގެން އުޅޭ ކޯލިޝަނުގެ ވާހަކައެވެ. އިބޫއަކީ އަންނިއެއް ނޫނެވެ. އަދި އިބޫއަކީ ޝެއިޚް އިމްރާނެއްވެސް ނޫނެވެ. އެވަރު އެންމެންނަށްވެސް އެނގެއެވެ.

ކޯލިޝަނަށް ބަލާއިރު މިއޮތީ، 4 ސިޔާސީ ފިކުރެކެވެ. އެމްޑީޕީ، ޢަދާލަތު، ޖޭޕީ އަދި މައުމޫނު ފެކްޝަނެވެ. އެމްޑީޕީ އަކީ ސެކިއުލާ ޑިމޮކްރަސީއަކަށް ވަކާލާތުކުރާ ފިކުރެކެވެ. ޢަދާލަތަކީ، އިސްލާމީ ފިކުރެކެވެ. ވެރިކަމުގެ ހުރިހާ ކަމެއްވެސް ދީނީ ތަރަހައިގެ ތެރެއިން ދިޔުމަށް ވަކާލާތުކުރާ ފިކުރެކެވެ. ނަމަވެސް، ތެދުތެދަށް ދަންނަވާނަމަ، ޖުމްހޫރީ ޕާޓީއަކީ ކޮންކަހަލަ ފިކުރެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެއީ ޤާޞިމުގެ އުފެއްދުމެއްކަމެވެ. ހަމަ ޔަޤީނުންވެސް، ލާދީނީއެއް ނުވާނެއެވެ. ދީނީ ޢިލްމުވެރިންނާ (ޚާއްޞަކޮށް، ޢަދާލަތު ޢިލްމުވެރިންނާ ޤާޞިމާ ގުޅުން ބޮޑެވެ. އެހެންކަމުން، ހުރިހާ ކަމެއް ފުރިހަމަ ނުވިޔަސް، ދީނީ ޢިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ބުނެވިދާނެއެވެ.) ދެންއޮތީ މައުމޫނު ފެކްޝަނެވެ. މައުމޫނު ފެކްޝަނަކީ، ވަޠަނީ ދީނީ ފިކުރެކެވެ.

ކޮންމެއަކަސް، ފިކުރުތަށް ބެހިފައިވަނީ މިގޮތަށެވެ. މިތަނުން، އެމްޑީޕީ ފިކުރަކީ، ޢަދާލަތާއި، ޖޭޕީއާއި މައުމޫނާ މުޅިން އިދިކޮޅު ފިކުރެކެވެ. ޢަދާލަތަކީ، އެމްޑީޕީއާއި މައުމޫނާ ކަނޑިއާކަނޑި ފިކުރެކެވެ. ޖޭޕީއަކީ އޭރަކު ދިމާވި ބަޔަކާވެސް ގުޅިދާނެ ފިކުރެއްކަމަށް ބަލަމާތޯއެވެ. އެހެނީ، ޤާސިމަށް އުދަނގޫ ނުކޮށް، ޤާސިމުގެ ވިޔަފާރިއަށް ގެއްލުން ނުދޭހާ ހިނދަކު، އެބޭފުޅާ އެބަޔަކާއެކު ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅެކެވެ. މިހެން ދެންނެވިޔަސް، ލާދީނިއްޔަތެއް ފައުޅުވެއްޖެނަމަ، އެބަޔަކާއެކު ކުރިޔަށް ވަޑައިގެންފާނޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ޤާސިމާމެދު އަޅުގަނޑުގެ އޮންނަނީ، ހެޔޮ ހިތެކެވެ. ޤާނޫނު އަސާސީގައި، އެހިމެނުއްވި އިސްލާމްކަމުގެ ނުކުތާގެ ސަބަބުންނެވެ. މާތް ﷲ ޤާޞިމަށް ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން!

މިވާހަކަތައް ލިޔަމުންދާއިރު، އަޅުގަނޑުގެ ހިތަށް އެރި އެއްޗެއް ވަރަށް ތެދުތެދަށް ދަންނަވަންތޯއެވެ. އަޅުގަނޑު ހިތަށްއެރީ، ހުދު މިބޭފުޅުންވެސް މިއީ "ވޯކު"ކޮށްފާނޭ ކޯލިޝަނެއްކަމަށް ހިތާހިތުން ޤަބޫލެއްނުކުރާނެއެވެ. މިއީ އެހާވެސް ސާފުކަމެކެވެ. އެހެންކަމުން، އަޅުގަނޑު ކީއްކުރަން ލިޔާ ބޭކާރު ވާހަކަތަކެއްތޯއެވެ. ނަމަވެސް، އެހެން ހިތަށް އެރި ނަމަވެސް، އެއާވިދިގެން އެހެން އެއްޗެއްވެސް ހިތަށް އަރައެވެ. އެއީ ދިވެހިރައްޔިތުންނަކީ ވަރަށް އަވަހަށް ކަންކަން ހަނދާންނެތޭ ބައެކެވެ. މިހެން ބުނުމުން، މިއީ އަނެއްކާ ދިވެހިރައްޔިތުން ނިކަމެތިކުރީ ކަމަށް ނުބަލާށެވެ. ބަދުބަސް ބުނީކަމަށް ނުބަލާށެވެ. އެހެނީ، މިއީ އަޅުގަނޑުވެސް ހިމެނޭގޮތުގައި، އަޅުގަނޑުމެންގެ ޙާލަތު ހުންނަގޮތެވެ. ސިޔާސީން، މިއަދު ވަކި އެއްޗެއް، މާދަމާ އެއާ މުޅިން އިދިކޮޅު އެއްޗެއް ކީމަވެސް އަޅުގަނޑުމެން ތިބޭނީ އަތްޖަހާށެވެ. އަދި، އެއީ އެންމެ ތެދުކަމަށް ބަލައިގެންނެވެ. ނަމަވެސް، ދިވެހިރައްޔިތުންގެ ތެރެއިން ޙައްޤަށް ލޯބިކުރާ މީހުންވެސް މަދެއްނޫނެވެ. ކަންކަން އޮޅުން ފިލުވަން ބޭނުންވާ މީހުންވެސް ވަރަށް ގިނައެވެ. އެހެންކަމުން، މިވާހަކަތަކުން ވަރަށް ގިނަމީހުންނަށް ކޮންމެވެސް ވަރެއްގެ މަޢުލޫމާތާއި ޚިޔާލާތެއް ލިބިގެންދާނެކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، ވާހަކައާއިގެން ކުރިޔަށްދާނަމެވެ.

އާދެ، އޮޅުންބޮޅުން މިފަދަ ކޯލިޝަނެއްގެ ކުރިމަގު ދިގެއް ނުވާނެއެވެ. އެހެނީ، މިއީ އަބަދުވެސް ފިކުރު ދިމާނުވާ ހަތުރުންނެވެ. އިބޫއަށް ވެރިކަން ލިބުމަށްފަހު، ސަރުކާރު ބަހާނެ ގޮތާމެދު މައްސަލަ ޖެހުމަކީ ނުވެނުދާނެ ކަމެކެވެ. އެއީ މިހާރު އަނގަބަހުންވިޔަސް، އަދި ކަރުދާހުގައިވިޔަސް އެއްބަސްވުމެއް އޮތަސް އެކަންވާނެ ގޮތެވެ. މާގިނަ ދުވަހެއްނުވެ، ދެން ނުކުންނާނީ، މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމުގައި ދާއިރާތައް ބަހާނެގޮތާމެދު ނުކުންނާނެ މައްސަލައެވެ. މިވެސް އެގްރީމެންޓުކުރެވި އެބަަސްވެވިފައި އޮވެދާނެއެވެ. އެކަމަކު، ދަންނާށެވެ. އެމްޑީޕީއަކީ އެމްޑީޕީއެވެ. ޕީޕީއެމް ކޯލިޝަނުގައި ޢަދާލަތަށް އޭރު ލިބުނު ލަނޑު އަދިވެސް ޢަދާލަތު ބޭފުޅުން ހަނދުމަހުންނާނެއެވެ. ދެން އޭގައި ބުނެވިދާނެއެވެ. " ތިމަންނަމެން، އޭރު ދިޔައީ އެއްވެސް އެއްބަސްވުމެއްނެތި، އެއްވެސް ޝަރުޠެއްނެތިއެވެ. އެހެންކަމުން، އެމީހުންނަށް އޭރު އެހެން ހަދަން ފުރުޞަތު ލިބުނީއެވެ. މިފަހަރު މިދަނީ ވަރުގަދަ އެގްރީމަންޓުތަކެއް ހެދިގެންނެވެ. އެއްބަސްވުންތަކާއި، އެގްރީމަންޓުތައް ހެދިފައިވާނީ ވަރަށް ތަފްސީލުކޮށެވެ. އަދި އެ އެއްބަަސްވުންތަކަށް އިބޫ ވަރަށް ބޮޑަށް އިޙްތިރާމުކުރައްވާނެކަން ޔަޤީނެވެ."

އާދޭހެވެ. އެގޮތަށް އެހެންވެއްޖެނަމަ، ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް، މި މޮޔަމީހާއަށް ހީވާ އެއްޗެއްވެސް ބުނެފާނަމެވެ. މިހެން ދެންނެވީމަ، އަބަދުވެސް ޝަފީޢުމެންނަށް އޮންނަނީ ކުށް ހީވެފައެވެ، ވިދާޅުނުވާށެވެ. އަޅުގަނޑުވެސް ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުޞަތުދެއްވާށެވެ. އެއަށްފަހު، މޮޔަމީހާ ބުނި އެއްޗެއްކަމަށް ބަލައި، އެކަމާ އަޅައިނުލައްވާ ދޫކޮށްލައްވާށެވެ.

އާދެ، ސިޔާސީ މައިދާނަށް ބަލާއިރު، އަޅުގަނޑަށް ފެންނަނީ، މީތި މަސައްކަތްނުކުރާނެ ތަނެވެ. އެހެނީ، މިއީ ފިކުރީގޮތުންނާއި ފަލްސަފީގޮތުން އަދުއްވުންކަމުގައިވުމުން، އެއްބަޔަކު އަނެއްބަޔަކަށް ލިބޭ ދާއިރާ މަދުވުމުން ބޮޑާ ހާކާނެކަމާމެދު ޝައްކެއްވެސް ނެތެވެ. މިހާތަނަށް ކޯލިޝަން ހެދުނު ކޮންމެ ފަހަރަކު އެކަންވެފައިވެސް އޮތީ އެހެންނެވެ. އެއީ މިޤައުމުގެ ސިޔާސީ ޙަޤީޤަތެކެވެ. އެމްޑިީޕީއަކީ، ބޮޑު ޕާޓީކަމަށްވުމުން، ރައީސުލްޖުމްހޫރިއްޔާއަކީ އެމީހުންގެ މީހަކަށްވުމުން، ޢަދާލަތާއި މައުމޫނާއި ޤާސިމަށް ސައްތައިންސައްތަ އިތުބާރުކުރެވެން ނެތުމުން، އެޕާޓީން ދޫދޭން ބޭނުމެއް ނުވާނެއެވެ. އެކަމުގެ ބަހަނާއަކަށް ވާނީ، ވެރިކަމެއް ހިންގުމުގައި، އެންމެ މުހިއްމު އެއްތަނަކީ މަޖިލީހެވެ. މަޖިލިސް ލިބުމަކީ، ހަމަޖެހިގެން ވެރިކަމެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ގެރެންޓީއެކެވެ. ސަރުކާރުން ބޭނުންވާ ބިލުތަކާއި، ބަޖެޓާއި، އަދިވެސް އެހެނިހެން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި، މިހެންގޮސް ވަރަށް ގިނަ މަޞްލަޙަތުތަކެއް ހިމެނޭ ތަނެވެ. އެތަނުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވާނެއެވެ. އެކަމުގައި، އެހެންބަޔަކަށް ގިނަ ޓިކެޓުތަކެއް ދޭން ބޭނުމެއްނުވާނެއެވެ.  

ނަމަވެސް، އިބޫއަކީ މަޑުމައިތިރި، އެންމެނާ ގުޅޭ، މަޝްވަރާގެ އަހުލުވެރި ބޭފުޅަކަށްވުމުން، މަޝްވަރާގެ މަތިން އެކަން ގޮސްދާނެކަމަށް ބައެއްމީހުންނަށް ހީވެފައި އޮވެދާނެއެވެ. އަދި މިހާރުވެސް އިބޫ އެގެންދަވަނީ ތަފާތު ފިކުރުތަކުގެ މީހުން ގޮވައިގެންކަމަށް ބުނެފާނެއެވެ. އެކަމަކު، ދަންނަވަންތޯއެވެ. އެކަން އެހެންވުމަށްވުރެ ނުވުން ގާތެވެ. މިހާރު، ބަޔަކު ބުނިހާ އެއްޗަކަށް ހާނ ހޫނއެވެ، ވިދާޅުވެގެން އިބޫއަށް ކުރިޔަށް ދެވިދާނެއެވެ. އަދި އެގެންދަވަނީވެސް ކުރިޔަށެވެ. ނަމަވެސް، ވެރިކަން ލިބުމުން، ކަންކަން ޢަމަލީ މައިދާނުގައި ތަންފީޒުކުރަންޖެހޭ ހިސާބަށް ދިޔުމުން، ޙަޤީޤީ ކޯޅުން ފެށޭނެއެވެ. އޭރުން، އެއްބަޔަކުވެސް ދުލެއްނުދޭނެއެވެ. މިހާރު ތަންފީޒުކުރަންޖެހޭ ކަމެއްނެތެވެ. މިހާރު އޮތީ، އެބަޔަކު ބޭނުން މާއްދާއެއް މެނިފެސްޓޯގައި ހިމެނުމާއި، ޖަލްސާގައި ދައްކާނެ ނުކުތާތަށް ބުނެދިނުމެވެ. އޭގައި، ކުދިކުދި އަރައިރުން ހުއްޓަސް މަޞްލަޙަތަށް އެބަޔަކު ބޭނުންގޮތަކަށް އެކަންވާނޭ ކަމަށް އެއްބަސްވެވިދާނެއެވެ. ކޮންމެގޮތެއް ހަދާފައިވެސް، މިހާރު ބޭނުންވަނީ ވެރިކަމެވެ. މިވެރިކަން ވެއްޓުމެވެ.

އާދެ، އިބޫގެ މަޑުމައިތިރިކަމަކީ، ބައެއްފަހަރު ހެވަކަށް ވިޔަސް، އެއީ ވަރަށް ބޮޑު ގެއްލުމެއްވެސް މެއެވެ. އެހެނީ، މިފަދަ ކަމެއްގައި، އެމްޑީޕީގެ އިސް ދެންތިބި ވެރިން އިބޫއަށް ދުލެއްނުކުރާނެއެވެ. ޢަދާލަތަށް އެމީހުންގެ ހިތުގައި އޮންނަނީ އަމަށަކު ރުޅިއެއްނޫންކަންވެސް މިދަނޑިވަޅު ހަނދާންނައްތާލައިގެން ނުވާނެއެވެ. މިއުޅެނީ، އައިޑިއޮލޮޖީގެ ތަފާތެވެ. ފެނާއި ތެލުގެ ތަފާތެވެ. އަދި އިބޫއަށް އެމީހުންނާ ދެކޮޅަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިގަންނަވާއެކޭވެސް ބުނެވޭކަށްނެތެވެ. މިއީ މާޒީ ބުނާގޮތެކެވެ. ޣައިބަށް ދައުވާކުރަނީއެއް ނޫނެވެ. އެހެނީ، މުސްތަޤުބަލަށް އިންސާނުން ތައްޔާރުވަނީ މާޒީން ޢިބްރަތްލިބިގެންނެވެ. މާޒީގައި އިބޫގެ ލީޑާޝިޕްގެ ދަށުން މަޖިލިސް ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ. މީގެ އެއްމިސާލަކީ، ޤައުމުގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭގޮތަށް ފާސްކުރި ބިލުވެސް އެމްޑީޕީ ޕާލިމަންޓް މެމްބަރުންގެ ތެރެއިން ބަޔަކު ހަޅޭފަޅޭ ލަވައި، ފްރީލައިން ވިޕެއް ނެރުވާ، އެބިލު ޕީޕިއެމާ ގުޅިގެން، ވޯޓުލާ ފާސްކުރި އިރުވެސް، އެކަމާ ދެރަވެ ކަރުނަ އަޅުއްވައި، ނޫސްތަކަށް އިންޓަވިއު ދެއްވުން ނޫންކަމެއް އިބޫއަށް ކުރެއްވިފައެއް ނުވެއެވެ. މީގެ އެންމެ ހެއްވާ ތަންކޮޅަކީ، އެބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ޤައުމު ނުވިއްކާށޭ، ޤައުމަށް ޚިޔާނާތްތެރި ނުވާށޭ، ޤައުމަށް ޤައްދާރުވެރި ނުވާށޭ ބުނެ، މުޒާހަރާކޮށް، މަޖިލީހުގައި ހަޅުތާލުކޮށް ހެދީވެސް އެމްޑީޕީންނެވެ. ކިޔުންތެރިންނަށް ހަނދާން އައު ކޮށްލުމުގެ ގޮތުން ދަންނަވަމެވެ. މިއީ އެއްކަލަ، އެކިޔާ ގޯނިގޯންޏަށް ފައިސާ އަޅައިގެން، އިދިކޮޅު މަޖްލީސް މެމްބަރުން ރިޝްވަތުހިފިކަމަށް ދެކެވޭ ވާހަކައެވެ.

"ކްލެޝް އޮފް އައިޑިއޮލޮޖީސް" ނުވަތަ އެއްފިކުރު އަނެއްފިކުރާ ފުށުއަރާ ހިނދުވާނީ ކިހިނެއް؟!

ސަރުކާރު ހިންގުމުގެ ކަންކަމުގައި، މިފިކުރުތައް ފުށުއަރާ މައްސަލައެއްގައި ކަންތައްވެގެންދާނެ ގޮތަކާމެދު ވިސްނާލަމާ ހިނގާށެވެ. ކުރިން ދެންނެވި ފަދައިން މިއީ ތަފާތު އިދިކޮޅު ފުށުއަރާ ފިކުރުތަކެކެވެ. އެފަދަ ދަނޑިވަޅެއްގައި އިބޫ ކަންތައްކުރާނީ ކޮންގޮތަކަށްތޯއެވެ. ޝެއިޚް އިމްރާން ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ މައުމޫނު ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ ޤާސިމު ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ އަންނި ބޭނުންފުޅުވާ ގޮތަށްތޯއެވެ. އަންނި ހުއްޓަސް ނެތަސް، އިބޫއަށް އިސްވާނީ އެމްޑީޕީ ފިކުރު ނޫންތޯއެވެ. އެހެނީ، އެއީ އަންނި ހުއްޓަސް ނެތަސް އިބޫގެ ޕާޓީއެވެ. އިބޫއަށް އިބޫގެ ޕާޓީ މުހިއްމުވާނެ ނޫންތޯއެވެ. އަދި ވެރިކަމުގައި ހުންނަވާ ދުވަސްވަރު، އެންމެ ބޮޑު އެހީއާއި ރުހުން އިބޫ ބޭނުންފުޅުވާނީވެސް އެމްޑީޕީގެ ނޫންތޯއެވެ. ޢަދާލަތުގެއެއް ނޫނެއްނޫންތޯއެވެ. މިއީ ހަމަބުއްދި ނޫންތޯއެވެ.

އަދި އެހެންނުވާންވީ ސަބަބެއްނެތެވެ. އެހެނީ، އެމްޑީޕީއަކީ އިބޫގެ އަމިއްލަ ޕާޓީއެވެ. އެންމެ ބޮޑު ޕާޓީއެވެ. މަޖިލީހުގެ ތެރޭގައި އެންމެ ގޮނޑިވެސް ގިނަވާނެ ޕާޓީކަމަށް ބަލަމާ ހިނގާށެވެ. ވުމާއެކު، އިބޫއަށް އެހެން ފިކުރެއް ކުރިޔަށް ނެރެވޭނެތޯއެވެ. އެ ހިސާބުން، އެފަދައިން އެއްފަހަރު ކަންތައްވެ، ދެވަނަ ފަހަރު ކަންތައްވެ، ތިންވަނަ ފަހަރު ކަންތައްވާއިރަށް ކޯލިޝަން ރޫޅެން ފަށާނެއެވެ. އެއްބަޔަކު، އެމްޑީޕީ މާ ޚުދުމުޚުތާރުކަމަށް ބުނެ ނުކުންނައިރު، އަނެއްބަޔަކު ނުކުންނާނީ، ލާދީނީއޭ ކިޔާފައިކަމަށްވުންވެސް އެކަށީގެންވެއެވެ. މިހެން އަޅުގަނޑު ދެންނެވުމުން، ޣައިބުގެ ވާހަކަދައްކާ ކަމަށްވެދާނެއެވެ. ޣައިބުގައިވާ ކަންކަން ނޭނގޭނެ ކަމަށް ބުނެފާނެއެވެ. އެހެންކަމުން، އަނެއްކާވެސް ހަނދާންކޮށްދެމެވެ. މިއީ ޣައިބަށް ދައުވާކުރުމެއް ނޫނެވެ. މިއަށް ކިޔަނީ، މާޒީން ޢިބުރަތް ނެގުމެވެ. މިކަން 2008 ގައި ނުވޭތޯއެވެ. މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރު ކަށްޓެއް ނުޖަހާނޭ ޙަދީޘްފުޅުގައި އޮންނަނީވެސް މިކަހަލަ ކަންކަމަށް ސަމާލުވެ ތިބުމަށެވެ.

މިހެން ބުނުމުން، ބައެއްމީހުން ބުނެފާނެއެވެ. ރަނގަޅެވެ. ތިހެން ވެދާނެއެވެ. އޭގެ މައްސަލައެއްނެތެވެ. އެކަމަކު، މިހާރު ބޭނުންވަނީ އަނިޔާވެރިކަން ނިންމުމަށެވެ. ވައްކަން ނިމުމަކަށް ގެނައުމަށެވެ. އެއީ ވާޖިބެކެވެ. ރަނގަޅެވެ. އެއީ ވާޖިބެކެވެ. އެކަމަކު، އެ ވާޖިބާއެކު، އެހެން ވާޖިބެއް އެބައާދެއެވެ. އެއީ، އެއަށްވުރެ، ޤައުމުގެ ޙަލާތު ގޯސް ނުވާނެކަމުގެ ޔާޤީންކަން އޮތުމެވެ. އެކަމަކު، ތިބޭފުޅުންނަށް އެ ޔަޤީންކަމެއްނެތެވެ. ތިބޭފުޅުންގެ ބަހަކަށްވެފައިވަނީ، އެފަދަ ދުވަހެއް ދިމާވެއްޖެނަމަ، ނުކުންނާނީއެވެ. އަދި ޙައްޤުބަސް ބުނާނީއެވެ. މިޖެހުނީ ކޮންތާކުތޯއެވެ؟!! މިއީ ކުޅޭކުޅޭ ކުޅިވަރެއްތޯއެވެ. މިހިރަ މިހިރަ ކަންކަމާހެދި، ތިބޭފުޅުންގެ އުޞޫލުތަކަކީ ކޮބައިކަން ރައްޔިތުންނަށް އޮޅިއްޖެއެވެ. އިއްޔެ، ލާދީނިއްޔަތު އެންމެ ނުރައްކާވެ، މިއަދު އެއީ ދެވަނަ ދަރަޖައިގެ ކަމަކަށް އެބަވެއެވެ. މާޒީގައި ދެކެވުނު ވާހަކަތައް، ރައްޔިތުންގެ ކަންފަތުން ފިލައިގެން ނުގޮސް ހަރުލާފައި އެބަހުއްޓެވެ. އެންމެ ކުޑަމިނުން، ޞަރީޙަކޮށް މިވާ ގޮތެއް ރައްޔިތުންނަށް ކިޔައި ދެއްވުމުން، ރައްޔިތުންނަށް ތިޔަބޭފުޅުންގެ ވެލިއުސްތަކާއި އުޞޫލުތައް އޮޅިގެން، ރައްޔިތުންނަށް ވާނުވާ ނޭނގިގެން އުޅޭކަށް ނުޖެހޭނެއެވެ. މިހެން ދެންނެވީމާ، ހީވެދާނެއެވެ. " މިޝަފީޢު، އަނެއްކާ މިފެށީ ކޮންވާހަކައެއްހޭ؟ އެހެނީ، އަހަރެމެން ޕޯޑިއަމްތަކުގައި މިވެގެން އުޅޭގޮތް އެބަ ކިޔައިދެމެވެ. އެބަ ބުނަމެވެ. މިއުޅެނީ، އެންމެންވެގެން އަނިޔާވެރިކަން ނިމުމަކަށް ގެންނަންވެގެންނޭއެވެ. އަހަރެމެންގެ ފިކުރުތައް ތަފާތެވެ. ވިސްނުންވެސް ތަފާތެވެ. އެކަމަކު، މިއުޅެނީ، ވައްކަމާ ދެކޮޅަށް ތެދުވެގެންނެއެވެ. މިއުޅެނީ ކޮރަޕްޝަން ނައްތާލަންވެގެނެންނެވެ. މިއުޅެނީ، ހެޔޮ ވެރިއަކު އައްޔަން ކުރަންވެގެންނެވެ."

އާދެ، ތިބޭފުޅުން އެކަން އެބަކުރައްވަމުއެވެ. މާބޮޑަށްވެސް އެބަކުރައްވައެވެ. ބައެއްފަހަރު، ތަންކޮޅެއް މައްޗަށް ދާހެން ހީވާ ވަރަށްވެސް އެބަކުރައްވައެވެ. އެކަމަކު، އަޅުގަނޑު މިދައްކަނީ އެ ވާހަކައެއް ނޫނެވެ. އަޅުގަނޑު މިދަންނަވަނީ، އިއްޔެ، ލާދީނީވި ބަޔަކު މިއަދު ދީނީ ވެއްޖެތޯއެވެ. އިއްޔެ ރާއްޖެއަށް އެންމެ ނުރައްކާތެރި ފަލްސަފާއެއް ގެންނަން އުޅުނު ބަޔަކު، އެފަލްސަފާ ދޫކޮށްލައިފިހެއްޔެވެ. ތިބޭފުޅުންނަށް ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ވައްކަމާއި، ޚިޔާނާތާ ދެކޮޅަށް މަސައްކަތް ކުރެވެންވަނީ ދިވެހިރާއްޖެއަށް އެންމެ ނާމާން ނުރައްކާތެރި މީހުންގެ ޕޯޑިއަމުގައިތޯއެވެ. އެއީ ކޮރަޕްޝަނާއި، ޚިޔާނާތާއި، އަނިޔާވެރިކަމާއި، ލާދީނިއްޔަތުން ފަސްބައި ސާފު ބައެއްތޯއެވެ؟! ތިބޭފުޅުންގެ އަމިއްލަ މިނިވަންކަން ކޮބައިތޯއެވެ؟ ތިބޭފުޅުންގެ އުޞޫލުތައް ކޮބައިތޯއެވެ؟ ރައްޔިތުންނަށް ނުވިސްނިގެން މިއުޅެނީ އެކަންކަމެވެ. ދެން ވިދާޅުވެފާނެއެވެ. އަނިޔާވެރިކަން މިހާރު މާބޮޑެވެ. ވައްކަން މާބޮޑެވެ. ބައްލަވާ، ތިބޭފުޅުންގެ ބަހުން، " 30 އަހަރުގެ އަނިޔާވެރި ޑިކްޓޭޓަރު"، އިންނެވީ ކޮންކޮޅެއްގައިތޯއެވެ؟ އެ އަނިޔާވެރިކަމުގެ "ކަރުސަތުނާމާ" އަދިވެސް ރައްޔިތުން ހަނދާން އެބަހުއްޓެވެ. ހަމައެފަދައިން، ތިބޭފުޅުން "މރ. ލާދީނިއްޔަތު"ގެ ލަޤަބު އެރުއްވި ބޭފުޅާ އިންނެވީ ކޮންކޮޅެއްގައިތޯއެވެ؟ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަން މަދުތޯއެވެ؟ މުރާޖަޢާކުރައްވާށެވެ. ނުޙައްޤުން މީހުން ޖަލަށްލި ވަރު މަދުތޯއެވެ؟ ވެރިކަން ވެއްޓުނީވެސް އެހައިޖާނުގައި ނޫންތޯއެވެ؟ އެހެންވީމާ، ޤައުމަށް މިއީ އެންމެ ފައިދާ ހުރި ގޮތޭ ވިދާޅުވެފައި، ތިފަދަ ކޮޅަކަށް އެރުއްވުމުން ރައްޔިތުންނަށް ސުވާލުތަކެއް އުފެދޭނެއެވެ. މިނިވަންކަން މަތީގައި ތިއްބަވައިގެން ޙައްޤުބަސް ވިދާޅުވުމަށް، ތިބޭފުޅުންނަށް ބަޔަކު މަޖުބޫރު އެބަ ކުރުވާތޯއެވެ؟ ނޫނީ ތިކަމުގައި އޮތީ އަމިއްލަ މަޞްލަޙަތެއްތޯއެވެ؟ ޙައްޤު ބަސް ބުނެގެން ޖަލަށްލާފާނެކަމުގެ ބިރުތޯއެވެ؟ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން، ޕާޓީ އުވާލާނެކަމުގެ ބިރުތޯއެވެ؟ ތިއީ، މުޅިންވެސް އަމިއްލަ މަޞްލަޙަތުތަކެކެވެ. ޤައުމީ މަޞްލަޙަތުތަކެއް ނޫނެވެ. ރައްޔިތުންގެ މަޞްލަޙަތުތަކެއް ނޫނެވެ. ޖަލަށްވެސް ލެވިދާނެއެވެ. ޕާޓީވެސް އުވާލެވިދާނެއެވެ. އެކަމަކު، ތިބޭފުޅުން ހިފެހެއްޓި އުޞޫލުތައް އޮޅުންބޮޅުންނުވެ، ހިފެހެއްޓުނީސްކަން ކަށަވަރެވެ. މާދަންވެސް، އެހެން ނަމެއްގައި އައުމުންވެސް، ރައްޔިތުންގެ އިތުބާރު އޮންނާނެއެވެ. އަދި ކިއެއްތޯއެވެ. ރާއްޖޭގެ އެންމެ ނުފޫޒުގަދަ ޕާޓީއަށް ވުމުގެ ފުރުޞަތު އެންމެ ބޮޑު ގޮތަކީވެސް އެއީއެވެ. މިއީ ތުރުކީ ވިލާތުންވެސް ލިބޭ ފިލާވަޅެއް ނޫންތޯއެވެ؟ އެކަންވެސް އެންމެ ރަނގަޅަށް އެނގިލައްވާނީ ތިބޭފުޅުންނަށެވެ.

ނިންމާލަން ބޭނުންވަނީ، ސުވާލުތަކަކުންނެވެ.

1-  އެމްޑީޕީއަށް މިޝަނަރީ ފަންޑުތައް (ކަނީސާތަކުން އަންނަ ފަންޑު) ހުއްޓި، އެމްޑީޕީ އެކަމަށް ތައުބާވެއްޖެތޯ؟
2-  އެމްޑީޕީގެ ލާދީނީ ސިޔާސަތު، ދީނީ ސިޔާސަތަކަށް ބަދަލުކޮށް، އެކަމުން އެމީހުން ތައުބާވެއްޖެތޯ؟
3-  މާތް ﷲ ގެ ދީނާއި، ރަސޫލާ (صلى الله عليه وسلم) އަށް ކުރި ފުރައްސާރައަށް ތައުބާވެއްޖެތޯ؟
4-  މަޖިލީހުގައި އިސްލާމްދީނުގެ ބައެއް ޙުކުމްތަކަށް ފާޅުގައި (އީވާ ޢަބްދުﷲ ފަދަ މެމްބަރުން) އިންކާރުކޮށް ދެއްކި ވާހަކަތަކަށް ތައުބާވެއްޖެތޯ؟
5-  އަތްކެނޑުމާއި ރަޖަމްކުރުމާއި މަރުގެ ޙުކުމްފަދަ ޙުކުމްތަކަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ކުރި މަސައްކަތަށް ތައުބާވެއްޖެތޯ؟ އެ ސިޔާސަތު ބަދަލުކޮށްފިތޯ؟
6-  ރާއްޖޭގައި ނަޞާރާދީން ފަތުރަން އުޅުނު ފާދިރީ ހާޑިންގުހަމާ އޮތް ގުޅުން ކަނޑާލައިފިތޯ؟ އޭނަ އެމްޑީޕީއަށް ކެމްޕޭނުކޮށްދެން ނުުއުޅޭތޯއެވެ؟
7-  ޢަދާލަތު ޕާޓީއާއި އެޕާޓީގެ ޢިލްމުވެރިންނަކީ ހައްދުފަހަނައަޅައިފައިވާ ޓެރަރިސްޓުންކަމަށް ބޭރު ދުނިޔެއަށް ދިން އިންޓަވިއުތަކަށް މާފަށް އެދި އެތަޞައްވަރު ބަދަލުކޮށްފިތޯއެވެ؟
8-  ދިވެހިރާއްޖޭގައި ތިބި، ސެކިއުލާ، މުލްޙިދު، އަދިވެސް ކިޔަން ލަދުގަންނަފަދަ ކަންކަމަށް ވަކާލާތުކުރާ މީހުންގެ ތާއީދު މިހާރު އެމްޑީޕީއަކަށް ނޯވޭތޯއެވެ؟ އެމްޑީޕީން އެމީހުންނާ ގުޅުން ކަނޑާލައިފިތޯއެވެ؟
މިސުވާލުތަކަށް އީޖާބީ ޖަވާބެއްދެއްވާފިންޏާމު، މިއަދުން މިއަދަށް ތިބޭފުޅުންނަށް ބައިޢަތު ހިފަން ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ. ވައްސަލާމު ޢަލައިކުމް!

Wednesday 12 September 2018

ރިޔާސީ އިންތިޚާބު 2018 (8): ދިވެހި ފަސްގަނޑުގައި ޢަލްމާނީ ފިކުރު!



ރިޔާސީ އިންތިޚާބު 2018 (8): ދިވެހި ފަސްގަނޑުގައި ޢަލްމާނީ ފިކުރު!


އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލިލްކަރީމް، ވަޞަޙާބަތިހީ އަޖްމަޢީން، أما بعد؛

ކުރީ ޢަދަދުގައި ވަނީ، ޢަލްމާނީފިކުރު އުފެދިގެން އައިގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލައިލެވިފައެވެ. މިޢަދަދުގައި އަޅުގަނޑު ބަލައިލަން ބޭނުންވަނީ، ދިވެހިފަސްގަނޑުގައި އެކަމަށް ވަކާލާތުކުރާ މީހުން އެބަތިބިތޯއެވެ.

ޝައްކެއްނެތްގޮތުގައި، ކުރީ ޢަދަދުގައި ފާހަނގަކުރެވިފައިވާނެ ފަދައިން، މިލިޔުންތަކުގެ އެންމެ ބޮޑު ބޭނުމަކީވެސް، ދިވެހިފަސްގަނޑަށް މިފިކުރުގެ ނުރައްކާތެރިކަމާއި، ނާމާންކަން އޮތް މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. މިއީ ދިވެހިރާއްޖޭގައި އޮތް މާތްވި އިސްލާމްދީނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އިސްލާމީ ޝަރީޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. މުޖުތަމަޢުގައި، އިލްޙާދާއި، ދީނީ މިނިވަންކަމާއި، އަޚްލާޤީގޮތުން އެއްވެސް ހައްދެއްނެތްގޮތުގައި (އެލް،ޖީ،ބީ،ޓީ[1] ރައިޓްސް ފަދަ) މިނިވަންކަން ލިބެންއޮތް އެންމެ ބޮޑު ދޮރެވެ. މިދޮރު ހުޅުވުމަކީ، އިސްލާމީ ޝަރީޢަތް އެކީއެކައްޗަށް އެއްފަރާތްކޮށްލެވުމެވެ. ދީނަކީ، އިންސާނާއާ އޭނާގެ ވެރިރައްބާ ދެމެދުގައި އޮންނަ އެއްޗަކަށް ހަމައެކަނިވެ، ދީނުގެ ހުރިހާ ދައުރުތައް އުވިގެންދިޔުމެވެ. މިސްކިތާއި ޖެހިގެން ބުދުފައްޅިއެއް، ބުދުފައްޅިއާ ޖެހިގެން ކަނީސާއެއް އެޅުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔުމެވެ. ސައިހޮޓަލާ ޖެހިގެން ރާހޮޓަލެއް (ބަރ) ހުޅުވުމުގެ މިނިވަންކަން ލިބުމެވެ. މިހެންގޮސް ލިސްޓު ވަރަށް ދިގުކުރެވިދާނެއެވެ. އިސްލާމީ ޝަރީޢަތް ފުނޑުފުނޑުކޮށްލުންފަދަ ކަމެކެވެ.  


ދިވެހި ފަސްގަނޑުގައި ޢަލްމާނީ ފިކުރު:

      ރައީސް މުޙައްމަދު ނަޝީދު:
ދިވެހިރާއްޖޭގައި ޢަލްމާނީފިކުރަށް، އެންމެ ބޮޑަށް ވަކާލާތުކުރާ މީހުންގެ ތެރޭގައި، އެންމެ ނުފޫޒުގަދަ މީހަކީ، ރައީސް ނަޝީދެވެ. ނުފޫޒުގަދައޭ މިދެންނެވީ، ސިޔާސީ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ ބޭފުޅަކީ، އޭނާކަމަށްވާތީއެވެ. އަދި އެމަޤްބޫލުކަމަކީ ސިޔާސީ ވަކިޝަޚުޞަކަށް ދިވެހިރާއްޖޭގައި ލިބިފައިވާ އެންމެ ބޮޑު މަޤްބޫލުކަމެކެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޭނައަށް "މަރުދޭ" ރައްޔިތުން ގިނައެވެ. ސިޔާސީ މިޙަޤީޤަތަށް ބަދަލެއް އައިސްފައެއްނުވެއެވެ.  
ރައީސް މުޙައްމަދު ނަޝީދަކީ ސެކިއުލާ ލިބަރަލް ޑިމޮކްރަސީއަކަށް ފާޅުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ބޭރުގެ މީޑިއާކަށް ދެއްވި ބަސްދީގަތުމެއްގައި ލިބަރަލް ޑިމޮކްރަސީއަކަށް ގޮވާލަމުންދާކަމަށް ފާޅުގައި ވިދާޅުވެފައިވެއެވެ. އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނުގެ ސަރުކާރުން ޢަރަބިއްޔާ ސްކޫލާއި މަޢުހަދުފަދަ ދީނީ އިންސްޓިޓިއުޓް (ދީނީ ތަޢުލީމީ މުއައްސަސާތައް) ހިންގާތީ އެކަމަށް ފާޑުވިދާޅުވިއެވެ. އެއީ ލިބަރަލް ޑިމޮކްރަސީއެއްގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމެއްގައި އެކަން އެގޮތަށް ނޯންނާނެ ވާހަކަ ވިދާޅުވިއެވެ.



އާދެ، އެކަންވީވެސް އެހެންނެވެ. ވެރިކަމަށް ހޮވިވަޑައިގަތުމުން، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން، ޢަރަބިއްޔާ ސްކޫލާއި މަޢުހަދަށް ތަފާތު ދަތިކުރުންތައް ނަޝީދުގެ ސަރުކާރުން އެކިއެކި ނަންނަމުގައި ކުރިމަތިކުރުވަމުން ދިޔައެވެ. ދިވެހި އިސްލާމް ދެމާއްދާއަކީ އިޚްތިޔާރީ މާއްދާއަކަށް ހެދުމަށް ކުރެވުނުހާ ކަމެއް ކުރިއެވެ. ހިނގަމުން ދިޔަ ޤާނޫނުލް ޢުޤޫބާތު ބިލުގައި އިސްލާމީ ޙުދޫދުތައް ހިމެނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކުމީހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލަން ފެށުމުން، އެކަމަށް ސީދާ ދެކޮޅުހަދައި، އިސްލާމީ ޙުދޫދުތަކަށާއި އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަސް ބުނެ އުޅުނެވެ. މިފަދަ މިނޫންވެސް ތަފާތު އެކިއެކި ކަންތައް ރައީސް ނަޝީދުގެ ވެރިކަމުގައި އެބޭފުޅާގެ ފަރާތުން ވަނީ ފެނިފައެވެ.



މިއީ ރައީސް ނަޝީދުގެ ފަރާތުން ފެނިފައިހުރި ބައެއް ކަންކަމެވެ. ރައީީސް ނަޝީދުގެ މިހިރަ ކަންކަމާ ބެހޭގޮތުން، ބޮޑުބިޔަ، ހަސަތޭކައަށްވުރެ ގިނަ ޞަފްޙާގެ "ޤަރުނުގެ ތަޞްނީފު: މުޙައްމަދު ނަޝީދުގެ (ވެރިކަމުގެ) ޝަޚްޞިއްޔަތު" ގެ ނަމުގައި ފޮތެއްވެސް ބަޔަކުމީހުން ނެރެފައިވެއެވެ. މިހާރު އެބަޔަކު ނަޝީދާއެކު ކޯލިޝަނެއްގައި ތިބުމަކީ ހައިރާންވެ އަންތަރީސްވާވަރުގެ ކަމަކަށްވިޔަސް އެއީ އަދި އެހެން ވާހަކައެކެވެ. އަދިހަމައެހެންމެ، 2013 ގައި 64 ޢިލްމުވެރިން ހިމެނޭގޮތަށް "ރައީސް ނަޝީދާއި މެދު ދީނީ ޢިލްމުވެރިންގެ ބަސް" މިނަމުގައި 51 ޞަފްޙާގެ ބަޔާނެއްވެސް ވަނީ ނެރެފައެވެ.



ރައީސް ނަޝީދާ ބެހޭގޮތުން، އެނގެން ބޭނުންވާ މީހަކަށް މި ދެ ރެފަރެންސް ފުދޭނެއެވެ.

އެމްޑީޕީ:
އެމްޑީޕީއޭ ބުނުމުން މިކަން ވަރަށް ޚައްޞާޞަވެގެންދާނެއެވެ. ނަމަވެސް ދައްކަން މިއުޅެނީ މުޅި އެމްޑީޕީގެ ވާހަކައެއް ނޫނެވެ. އެމްޑީޕީގައި ތިބި ހުރިހާ އެންމެނަކީ، ލާދީނީ ސެކިއުލާ މީހުނެއްނޫނެވެ. އެ ޕާޓީއަށް ނިސްބަތްވަނީވެސް ދިވެހި މުސްލިމު ރައްޔިތުންނެވެ. އޭގައި އެއްވެސް ޝައްކެއް ވަހުމެއްނެތެވެ. އޭގައި ތިބި ގިނަ ރައްޔިތުންނަކީ ބަދަލަކަށް އެދިގެން ބަދަލެއް ބޭނުންވެގެން އުޅޭ ރައްޔިތުންނެވެ. އިންސާފާއި ހަމަހަމަކަމަށް ލޯބިކުރައްވާ ގިނަ ރައްޔިތުން އޭގައި އެބަތިއްބެވެ. ނަމަވެސް އެބައިމީހުންގެ ބޭނުން، ސެކިއުލާ ޢަލްމާނީ މީހުން ނާޖާއިޒުގޮތުގައި ހިފަމުން ދިޔުމަކީ އަދި މުޅިން ވަކިކަމެކެވެ.

ޙަޤީޤަތަކީ އެމްޑީޕީގެ މަތިފަޑީގައި، ޢަލްމާނީ ފިކުރަށް ވަކާލާތުކުރާ ބަޔަކު ތިބިކަމެވެ. މީގެ ހަމައެންމެ މިސާލަކަށް ދާނަމެވެ. ރައްޔިތުންގެ މަޖިލިސް މެމްބަރު، އީވާ ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، އިސްލާމީ ޝަރީޢަތުގެ ބައެއް ޙުދޫދަތަކަށް ފާޅުގައި އިންކާރު ކުރައްވާފައިވެއެވެ. އަދި މިފަދަ ޙުކުމްތަށް ތަންފީޒުކުރުމަކީ، އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އެމްޑީޕީއަށް ތަންފީޒުކުރެވޭނީ އެމްޑީޕީގެ ސިޔާސަތުކަމަށް ވަރަށް ޞަރީހަ ޢިބާރާތުން ވިދާޅުވިއެވެ.



ނިކަން ވިސްނަވާށެވެ. އީވާ ޢަބްދުﷲ ގެ މިވާހަކައިން ދޭހަވާ މާނައަކީ ކޮބައިތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ތިމަންމެންގެ ސިޔާސަތެއް ނޫންކަމެވެ. އަދި އެމްޑީޕީގެ ސިޔާސަތާ އިސްލާމީ ޝަރީޢަތާ ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެވެނީ ނޫންތޯއެވެ. ޖަވާބު، ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

އީވާ ޢަބްދުﷲ ފަދަ ކިތަންމެ ބަޔަކު، އެމްޑީޕީ މަތިފަޑީގައި އެބަތިއްބެވެ. އެމީހުން ދައްކާވާހަކަ، ކަނުލައިއަޑުއަހައިގެން ހުރެއްޖެ މީހަކަށް، މިވަނީ ކީއްކަމާއި، އެދައްކާ ވާހަކާގެ އަޞްލު ގުޅިފައިވަނީ ކިހައި ހިސާބަކާކަން ސާފުކޮށް އެނގޭނެއެވެ. ބޭނުންވަނީ، މިފިކުރުތަކުގެ ޙަޤީޤަތް ޢިލްމީގޮތުން އެނގުމާއި، އެބައިމީހުން ދައްކާވާހަކައަށް ވިސްނުމެވެ. އޭރު، އެވާހަކަ އެއަންނަނީ، ކޮން ހިސާބަކުން، ކޮން އަސާސެއްގެ މައްޗަށްކަން އެނގެން އުދަނގުލެއްނުވާނެއެވެ.



ޢިލްމުވެރިންގެ ދައުރު އަންނަނީ މިހިސާބުންނެވެ. މިފަދަ ފިކުރުތަކުގެ ޙަޤީޤަތާއި، އޭގެ އަސާސުތަކާއި، އެފަދަ ފިކުރުތައް ދަނެގަންނާނެ ގޮތްގޮތް ޢާންމު ރައްޔިތުންނަށް ޢިލްމީ ތަރަހައިގެ ތެރެއިން ކިޔައިދީ  ބުނެދިނުން ވަރަށް މުހިއްމެވެ. ދެއަތް އުރާލައިގެން، ޤައުމަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. ތެދުވެ، މިކަންކަމަށް ޚާއްޞަ ޢިލްމީ ފޯރަމްތަކާއި، ދަރުސްތަކާއި، ވޯކުޝޮޕްތައް ބޭއްވުމުގެ މުހިއްމުކަން އިންތިހާއަށް މުހިއްމުވެއްޖެއެވެ. މިކަން ކުރަންވީ، އެއްވެސް ސިޔާސީ ނުފޫޒެއްގައި ނުޖެހިއެވެ. ކުރަންވީ ކަމަކީ، ޢިލްމީގޮތުން، ޢާންމު ރައްޔިތުން މިފަދަ ފިކުރުތަކަށް ސަމާލުކުރުވަންވީއެވެ. މިކަމުގެ ޢިލްމު ފަތުރައިގެންނެވެ. އޭރުން ކޮންމެ ދިމާލަކުން ވަސް އައިކަމުގައިވިޔަސް، ޢަލްމާނީ ވަސް ދުވައިފިނަމަ، އެއީ ޢަލްމާނީ ފިކުރުކަން އެރައްޔިތުންނަށް އެނގޭނެއެވެ. އަދި އެކަމުން، ރައްކާތެރިވާން އެނގޭނެއެވެ. މިއީ ޢިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއްވެސްމެއެވެ. މިކަމަށް ފަރުވާކުޑަކޮށްލައިގެން ތިބެވޭކަށްނެތެވެ.

އިއްޔެ، މިފިކުރުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ރައްޔިތުންނަށް އިންޒާރުކުރައްވާ، ސަމާލުކުރައްވާ އުޅުއްވި ބޭފުޅުން، މިއަދު އެވަނީ، އެބައިމީހުންނާއެކު ކޯލިޝަނެއްގައި އިށީނދެފައެވެ. ސިޔާސީގޮތުން، އަޅުގަނޑުމެންގެ ސިކުނޑިތަކަށް ނުވިސްނޭފަދަ ޙާލަތެއް ދިމާވެއްޖެކަމުގައި ވިދާޅުވުމަށްފަހުއެވެ. ނަމަވެސް، މާތް ﷲ ގެ ރަޙްމަތުން އަދި އަޅުގަނޑުމެންގެ ސިކުނޑިތައް ބަރާބަރަށް މަސައްކަތް އެބަކުރެއެވެ. ޝަރުޢީ ޢިލްމުން އަޅުގަނޑުމެންނަށްވެސް ކޮންމެވެސް މިންވަރެއް މޭރުންކުރަން މިހާރު އެނގެއެވެ. އަޅުގަނޑުމެންނަށް ސިޔާސީގޮތުން ނޭނގޭ ކަމެއް އޮވެއްޖެނަމަ، އެކަމެއް ސާފު ޢިބާރާތުން ކިޔަދެއްވުމުން، ވިސްނައިގަންނަން އެނގޭވަރުގެ ބުއްދިއެއް އެބަހުއްޓެވެ. ނެތްނަމަ، އަޅުގަނޑުމެންނަކީ، މޮޔައިންނެވެ. މޮޔައިންގެ މައްޗަކަށް ތަކްލީފެއްނުވެއެވެ.   މޮޔައިންނާމެދު ޢަމަލުކުރަން އޮންނަނީ، އެބައިމީހުން ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލުމެވެ.

ކޮންމެއަކަސް، ކުރިން މިދެންނެވި އަޅުގަނޑުމެންގެ އަޚުންވަނީ،  ސެކިއުލާ މީހުންނަށް ރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ކަމަރުބަންނަވައިގެންނެވެ. ރާއްޖެއަށް އެންމެ ނުރައްކާތެރި، ނާމާން، އިސްލާމްދީނަަށް އެންމެ ނުރައްކާތެރި، ނާމާން ބަޔަކީ މިވެނިއެވެނި ބަޔެކޭ ވިދާޅުވެފައި، އެބައިމީހުންގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނައަންނަނީސް، އެބައިމީހުންނާ އަތާއިއަތްގުޅުވާލެއްވުމުން، ރައްޔިތުންނަށް އަނެއްކާވެސް އެފިކުރުގެ ނުރައްކާތެރިކަން ވަހުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. މިހާރު، އަނިޔާވެރިކަން މާ ނުރައްކާތެރިވެއްޖެއެވެ. ލާދީނިއްޔަތަށްވުރެ، އަނިޔާވެރިކަމަކީ މާ ނާމާންކަމަކަށްވެއްޖެއެވެ. މީޒާންތައް އޮޅުންބޮޅުން ވެއްޖެއެވެ. އުޞޫލުތައް، އިދިކޮޅަށް ހިގަން ފަށައިފިއެވެ. ހިތާމަކޮށް ލޮލުން ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެކެވެ.

އެވާހަކަ ބާއްވާފައި، ސިޔާސީ ކަންކަމުގައި ނުއުޅުއްވާ، ދަޢުވަތާއި ޢިލްމީ މައިދާންތަކުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނަށް އަޅުގަނޑު ގޮވާލަން ބޭނުންވެއެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކަށް ގޮވައިލަން ބޭނުންވެއެވެ. ތިޔަބޭފުޅުންގެ ޒިންމާ އަދާކުރައްވާށެވެ. މިހާރުވެސް ތިޔަބޭފުޅުން ތިތިއްބެވިގޮތަށް ތިއްބަވައިގެން، ޢިލްމީ މަސައްކަތްތަކެއް ކޮށްދެއްވާށެވެ. ސްޕީޑު ބާރުކޮށްދެއްވާށެވެ. ދެން ބާކީ، ރައްޔިތުންނަށް ދޫކޮށްލައްވާށެވެ. ރައްޔިތުންނަށް އެކަމުގެ ޢިލްމު ލިބިއްޖެނަމަ، އަމިއްލައިން އެއީ ކޮންބައެއްކަން މިއީ ކޮންބައެއްކަން ދަނެގަންނާނެއެވެ. ރައްޔިތުންނަކީ މޮޔައިންނެއްނޫނެވެ. ދިވެހިންނަކީ ބުއްދިވެރިންނެވެ. އެބައިމީހުންނަށް ބޭނުންވަނީ ޢިލްމެވެ. ތިބޭފުޅުން އެކަން ކޮށްދެއްވާށެވެ. އިތުރު ހިއްވަރެއްކުރައްވާށެވެ. އިންޝާﷲ، ކާމިޔާބުވާނެއެވެ.

މޯލްޑިވްސް ޑެމޮކްރަޓިކް ނެޓްވޯކްސް ފަދަ އެންޖީއޯސް:
ޢަލްމާނީ ފިކުރަށް ވަކާލާތު ކުރާމީހުންގެ ތެރޭގައި، ދިވެހިރާއްޖޭގައި ހުޅަނގުގެ ފިކުރުތަކަށް ހެދިފައިވާ ތަފާތު ސަބް-އެންޖީއޯތަކުގައި މަސައްކަތްކުރަމުންދާ ގިނަ މެމްބަރުންނަކީ މިފިކުރަށް ތާއީދުކުރާ މީހުންނެވެ. އަދި އެއެންމެންގެ ތާޢީދާއި ސަޕޯޓު އެމްޑީޕީއަށް އޮތުމަކީ، އިއްތިފާޤެއްނޫނެވެ. އެއީ އެމީހުންގެ ހުވަފެންތަކުގެ ހުޅުކޮޅެވެ. ދަންމަރެވެ. އެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖައްސާން ރާއްޖޭގައި ވުޖޫދުކުރެވިގެންދިޔަ ޕާޓީއެވެ. މިހެން މިކަން އޮތްއިރު، އަދިވެސް ވެރިކަމަށް އަންނަން އޮތް އެންމެ މަޤްބޫލު ޕާޓީއަށް އެޕާޓީ ވުމަކީ، ރާއްޖޭގެ އުދަރެހުގައި ޢަލްމާނިއްޔަތުގެ ކަޅު ބޯވިލާގަނޑު ކަހައިގެންނުދާކަމުގެ ހެއްކެކެވެ. ކުރިމަތިވެދާނެ ނާމާން ކަމެއް، ޚިޔާލަށް ގެންނަން އުދަނގޫވާހާ ނާމާނެވެ.



އަދިވެސް، ވަކިވަކި ފަރުދުންގެ ނަންތައް ހާމަކުރަން ބެނުންނަމަ، ނަންތައް ހާމަކުރާ ވަރަށް މަޢުލޫމާތާއި ހެކިއެބަހުއްޓެވެ. މިހެން ދެންނެވިޔަސް، މިއީ ވަންހަނާވެފައިވާ މަޢުލޫމާތާއި ހެއްކެއްނޫނެވެ. އެހެނީ، ރެއާއި ދުވާލު، ޓްވިޓާ، ފޭސްބުކު، ޕާސަނަލް ބްލޮގް ފަދަ ޕްލެޓްފޯމްތަކުގައި އެބައިމީހުން ދައްކާ ލިޔެ އުޅޭ އެއްޗެއްސެވެ. މިހުރިހާ ފަރުދުންނާއި، ޖަމްެޢިއްޔާ ޖަމާޢަތްތަކުގެ ތާއީދު އެމްޑީޕީއަށް އޮތުމަކީ އިއްތިފާޤެއްކަމަށް ޤަބޫލުކޮށްގެން ތިބެންވީތޯއެވެ.

މިލިޔުންތަކަކީ، ހަމައެކަނި ޢިޝާރާތެކެވެ. މިކަންކަމާ ބެހޭގޮތުން މުސްތަޤްބަލުގައި އިތުރު ތަފްސީލުތަކާއެކެ ލިޔުންތަކެއް ލިޔުމުގެ ޚިޔާލުއެބަގެންގުޅެމެވެ.
  
މިޢަދަދު ނިންމާލާނީ، އަދިވެސް އެއްފަހަރު، ޢިލްމުވެރިންނަށް، މިފަދަ ޚުޠޫރަތްތެރި ފިކުރުތަކުގެ ޢިލްމީ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، މިހާރަށްވުރެ ބޮޑަށް ހިއްވަރު ކުރެއްވުމަށް އެދެމުންނެވެ. މާތް ﷲ ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ. އާމީން!




[1]- LGBT =Lesbian, Gay, Bisexual, and transgender
ކުރުކޮށް ދިވެހިން ބުނަންޏާމު، މީގެ މާނައަކީ ޖިންސީ އެދުން ބޭނުންގޮތަކަށް ބޭނުންމީހަކާއެކު ހިންގުމުގެ މިނިވަންކަމަށް ވަކާލާތުކުރުމެވެ. އޭގެ ތެރޭގައި، އަންހެނުން އަންހެނުންނާއި، ފިރިހެނުން ފިރިހެނުންނާ އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން އޮތުމަށް ދެކުމެވެ. އެއްޖިންސުން ކައިވެނިކުރުމުގެ މިނިވަންކަން އޮންނާން ޖެހޭނެކަމަށް ދެކުމާއި، އެކަމަށް ވަކާލާތުކުރުމެވެ. އެމިނިވަންކަން ނުލިބިތިބޭ މީހުންނަކީ، ޙައްޤު ނިގުޅައިގަނެވިފައިވާ ބައެއްގެ ގޮތުގައި، ސިފަކޮށް، އެބައިމީހުންނަށް ހަމްދަރުދީ ފައުޅުކޮށް، ޤާނޫނީ ގޮތުންނާއި، އިޖްތިމާޢީގޮތުން އެބައިމީހުންގެ އެ ޢަމަލު ބަލައިގަތުމަށް ބާރުއެޅުމެވެ.





ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...