Monday 30 April 2018

Lobuvethi Noosverinneyve!



ނޫސްވެރިކަމަކީ މިޒަމާނަށް ބަލާއިރު އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އެހާމެ ނުފޫޒުގަދަ ވަޞީލަތަކެވެ. މުޖުތަމަޢެއްގެ ތަޞައްވުރު ރަނގަޅު ކުރުމާއި ފަސާދަކުރުމުގެ ބާރުވެސް އެންމެ ބޮޑަށް ލިބިފައިވާ އެއް ބަޔަކީ ނޫސްވެރިންނެވެ. އެ މުޖުތަމަޢެއްގެ ހިޔާލާތާއި ފިކުރާ ކުޅެލުމުގެ ފުރުޞަތު ނޫސްވެރިންނަށް ލިބިފައިވެއެވެ.

މިދެންނެވި ވާހަކަތަކަށް މާ ގިނަ ހެކިތަކެއް ބޭނުމެއް ނުވެއެވެ. ދުނިޔެއާއި މި ކުޑަކުޑަ ރާއްޖޭގައިވެސް މީޑިއާ ނުވަތަ ނޫސްވެރިކަމުގެ ބާރު، އަމިއްލަ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ބާރުގަދަ ފަރާތްތަކުން ކުރާ މަސައްކަތަކީ ރޯމާދުވާލެއްގައި އިރު ފެންނަން ހުންނަ ފަދައިން ފާޅުކަން ބޮޑު ކަމެކެވެ.

ނަމަވެސް ސުވާލަކީ، މުސްލިމުންނަށްވީތީ، ނޫސްވެރިކަމުގެ ބާރު އަޅުގަނޑުމެން ހިތުހުރި ގޮތަކަށް ބޭނުންކުރެވިދާނެބާވައެވެ؟ އަޅުގަނޑުމެން ބޭނުންވާ އެޖެންޑާތައް ޙައްޤެެއް ބާޠިލެއް ނުބަލައި ފެތުރިދާނެބާވައެވެ؟ މުޖުތަމަޢު ބޭނުންވަނީ މިވެނި އެވެނި ކަވަރޭޖުތަކޭ ބުނެ، ފާޙިޝް ފާސިޤު އިވެންޓުތަކާއި ފޮޓޯތައް ފެތުރިދާނެބާވައެވެ؟ ސިޔާސީގޮތުން ތިމަންނަ ނޭދޭ މީހާގެ އަބުރު ކަތިލައިލުމުގެ ގޮތުން، ސާބިތުނުހިފޭ ވާހަކަތާއި، ކުށްހީގެ މައްޗަށް ބިނާކޮށް ޚަބަރުފެތުރިދާނެބާވައެވެ؟

މި ސުވާލުތަކަކީ އެންމެންނަށްވެސް އޭގެ ޖަވާބު އެނގޭނެ ސުވާލުތަކެކެވެ. މުސްލިމުންނަށްވީތީ އަޅުގަނޑުމެންނަށް އެފަދައިން އެކަން ކުރެވޭކަށް ނެތެވެ. އެހެނީ، އަޅުގަނޑުމެންނަކީ މާތް ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާ ބަޔަކު ކަމުގައިވާތީއެވެ. ބުނާ ބަސްތަކާއި ކުރާ ކަންކަމުގައި ވަރަށް ބޮޑަށް ޖަވާބުދާރީވާން ޖެހޭ ބަޔަކަށް ވާތީއެވެ.
ނަބަވީ އިރުޝާދުފުޅެއްގައި އައިސްފައިވަނީ، "ކޮންމެ މީހަކީވެސް މަސްއޫލުވެރިއެއްކަމުގައެވެ. އަދި އެމީހަކާ ހަވާލު ކުރެވިފައިވާ ކަންކަމާމެދު އޭނައާ ސުވާލުކުރެވޭނެ ކަމުގައެވެ." އެހެންކަމަށްވާނަމަ، ފަށައިގަންނަމުން، މުޤައްދިމާގައި އަޅުގަނޑު ދެއްކި ވާހަކަތަކުގައި ނޫސްވެރިކަމުގައި ހުރި ބޮޑު މަސްއޫލިއްޔަތާއި ޚުޠޫރަތްތެރިކަމަށް ކޮންމެވެސް ވަރަކަށް ވަނީ އަލިއަޅުވާލެވިފައެވެ.

ލޮބުވެތި ނޫސްވެރިންނޭވެ! 21 ވަނަ ޤަރުނުގައި ނޫސްވެރިކަމަކީ އެންމެ ބާރުގަދަ ވަޞީލަތްކަމާ މެދު ތިޔަ ނޫސްވެރިންނަށް އޮޅިވަޑައިގެންފައި ނޯންނާނެވެ. އެހެންކަމުން، އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބަޔަކީ ނޫސްވެރިންކަން ވެސް ތިޔަ ލޮބުވެތި ނޫސްވެރިންނަށް އެނގިލައްވާނެއެވެ. މި މަސްއޫލިއްޔަތާ މެދު މާތް ﷲ ގެ ޙަޟުރަތުގައި ހުއްޓިތިބެ، ތިޔަ ލޮބުވެތި ނޫސްވެރިން ޖަވާބުދާރީވާން ޖެހޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

މުއުމިނުންނަށް މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަމުރު ކުރައްވާފައިވަނީ، ފާސިޤަކު ޚަބަރަކާގެން އަތުވެއްޖެނަމަ، އެކަމުގެ ތެދުދޮގު ބަލާށޭއެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އާޔަތުގައިވާ "ފަސިޤަކު"ގެ މުރާދަކީ އަޅުގަނޑުމެންނަށް ޔަޤީންނުކުރެވޭ، ނުވަތަ އެއީ ތެދުކަން ސާބިތުކުރެވިފައިނުވާ ކޮންމެ ޚަބަރެއް ގެންނަ ކޮންމެ މީހެއްކަމަށެވެ. އެހެންކަމުން، އިވޭ އަޑުތައް ފެތުރުމުގެ ކުރިން، އެކަން ބަލައި، އެއީ ސާބިތު ވާހަކައެއްތޯ ބެލުމަކީ، މުއުމިނުންނަށް މާތް ﷲ ގަދަފަދައަށް އަމުރުކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، މިއީ ނޫސްވެރިކަމުގެ ޝީޢާރެއްގެ ގޮތަށްވެސް ބަލައިގަންނަން ޖެހޭ މަތިވެރި އިލާހީ އަމުރުފުޅެކެވެ. އާޔަތުގެ ފަހަތުގައި، އެކަމުގެ ސަބަބުވެސް މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެއީ، ނޭނގުމެއްގެ ތެރޭގައި ބަޔަކަށް ގެއްލުމެއްދެވިދާނެކަމަށްޓަކައެވެ. އަދި ފަހުން އަޅުގަނޑުމެން އެކަމާ ދެރަވެ ހިތާމަކުރަން ޖެހިދާނެކަމަށްޓަކައެވެ. އެ ފަހަކީ، ދުނިޔެމަތީގައި ކަމަށްވެސް ވެދާނެއެވެ. އެޔާއެކު، އާޚިރަތުގައި ދެރަވެ ހިތާމަކުރަން ޖެހޭނެކަން، މި ވަޙީބަސްފުޅުގައިވާ އަމުރާ ޚިލާފުވެއްޖަނަމަ ހަމަ ޔަޤީނެވެ. މިއަދުގެ ޙަޤީޤަތައް އަޅުގަނޑުމެން ނަޒަރު ހިންގާލާނަމަ، މިފަދަ އެތައް ކަމެއް އަޅުގަނޑުމެންނަށް ފެނިގެން އެބަ ދެއެވެ.

ލޮބުވެތި ނޫސްވެރިންނެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ މަތިވެރި ނަބަވީ އިރުޝާދުފުޅެއްގައިވެއެވެ. " މާ ބޮޑު ކަމެއްކަމަށް ނުދެކިނަމަވެސް، މާތް ﷲ ރުއްސަވާފަދަ ބަހެއް އަޅާ ބުނުމުގެ ސަބަބުން މާތް ﷲ އެއަޅާގެ ދަރަޖަ މަތިވެރިކުރައްވަތެވެ. އަދި ހަމައެހެންމެ މާ ބޮޑުކަމެއްކަމަށް ނުދެކި، މާތް ﷲ ނުރުއްސަވާފަދަ ބަހެއް އަޅާ ބުނުމުގެ ސަބަބުން ނަރަކައިގެ ތެރެއަށް އޭނާ އެއްލާލެވިދާނެތެވެ" (ބުޚާރީ 6487)
މި ނަބަވީ އިރުޝާދުފުޅުން އެއްވެސް ޝައްކެއްނެތް މިންވަރަށް އަޅުގަނޑުމެން ދުލުންނާއި ގަލަމުން ބޭރު ކުރާ ބަސްތަކާމެދު ސަމާލުވާންވީ މިންވަރު އަޅުގަނޑުމެންނަށް އެނގި ހާމެވެގެންދެއެވެ.

ހިތާމައަކީ، މިއަދު ދިވެހިރާއްޖޭގައި ނެރޭ ގިނަ ނޫސް މަޖައްލާތަކުގައި، ހޮލީވޫޑާއި ބޮލީވޫޑާއި މިހެންގޮސް ތަފާތު ފަސާދައިގެ އިންޑަސްޓްރީތަކުގެ ޚަބަރުތަކަކީ ނޫހުގެ އެންމެ ފަލަ ސުރުހީއަށް އަރާ ޚަބަރުތަކެވެ. މީގެ އިތުރުން، އެބައިމީހުންގެ އިވެންޓުތަކުގެ ބޮޑެތި ފޮޓޯތައް، ބަރާބަރަށް ގެނެސްދޭ ރާއްޖޭގެ ނޫސްތައްވެސް އެބަހުއްޓެވެ. އޭގައި ގިނަފަހަރު ހުންނަނީ މުސްލިމުން ބަލާލަން ނުކުރޭ ފަދަ ނިވާކަން ކުޑަ ހެދުންތަކުގައި އެބުނާ ފަންނާނުންތައް ނުވަތަ ސެލެބްރިޓީތަކުގެ ފޮޓޯތަކެވެ. އެއީ ރާއްޖޭގައި ދެންމެ ދެންމެ ހިނގި ވަރަށް ބޮޑު ޤައުމީ އިވެންޓެއްފަދައެވެ. ނަމަވެސް މިއީ އަޅުގަނޑުމެން މުސްލިމުންނާ އެއްވެސް ގުޅުމެއްނެތް، އަޅުގަނޑުމެން ރާއްޖެއާ އެއްވެސް ގުޅުމެއްނެތް އިވެންޓުތަކެކެވެ. އަދި އެނޫސް މަޖައްލާތަކުން ގޮސް ކަވަރު ކުރާ އިވެންޓުތަކެއްވެސް ނޫނެވެ.

ލޮބުވެތި ނޫސްވެރިންނޭވެ! މުސްލިމުންގެ ތެރޭގައި ފާޙިޝް ނުބައިކަންތައް ފެތުރުމަށް ލޯބި ކުރާ މީހުންނާމެދު ވަނީ ޤުރުއާނުގައި މާތް ﷲ ބަސްފުޅު ވަޙީކުރައްވާފައެވެ. އެފަދަ ބަޔަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ޢަޒާބުދެއްވާނެކަމަށް އެކަލާނގެވަނީ ވަޙީކުރައްވާފައެވެ. މިދެންނެވި، ފާޙިޝް ފާޖިރުންގެ ކަންތައް ފަތުރަން އަޅުގަނޑުމެން ބިރުވެތިވާން ޖެހޭނެއެވެ. މާތް ﷲ ގެ މިވަޙީ ބަސްފުޅުގައިވާ ވަޢީދުގެ ތެރޭގައި ހިމެނިދާނެތީ އަޅުގަނޑުމެން ބިރުވެތިވާން ޖެހޭނެއެވެ. ވަޤުތީގޮތުން މަންފާތަކެއް ކޮށްފާނެއެވެ. ނޫހުގެ ރޭޓިންވެސް މަތިވެދާނެއެވެ. އެކަމަކު އާޚިރަތް ގެއްލުވާލުމަކީ ބުއްދިވެރިކަމެއްތޯއެވެ؟


ނިންމާލަމުން، ނޫސްތަކުގެ މަސްއޫލުވެރިންނާއި، ނޫސްވެރިންނަށް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސަކީ، އެންމެ ޙައްޤުވެގެންވަނީ، މާތް ﷲ ދެކެ ލޯބިވުމާއި، އެކަލާނގެއަށް ތަޤުވާވެރިވެ ބިރުވެތިވުމެއެވެ. އެހެންކަމުން، އެކަލާނގެއަށް ބިރުވެތިވެލައްވާށެވެ. އިސްލާމީ މުޖުތަމަޢަކަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރައްވާށެވެ. އިސްލާމީ މުޖުތަމަޢެއް ފަސާދާއިގެ ތެރެއަށް ވެއްޓިގެންދާ ފަދަ އެއްވެސް ކަމެއްގައި ތިޔަ ނޫސްވެރިން ބައިވެރިވެނުލައްވާށެވެ. 

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...