Monday 12 February 2018

Sheikh Abdullah Muthlaq ge bayaan (dhivehi tharujamaa)

Sheikh Abdullah Muthlaq


ޝެއިޚް ޢަބްދުﷲ މުޠްލަޤުގެ ބަޔާނުގެ ދިވެހި ތަރުޖަމާ

" الحمد لله والصلاة والسلام على رسول الله ، وبعد:
ނިދާއުލް އިސްލާމް ރޭޑިޔޯ ޕޮރްގުރާމެއްގައި އަޅުގަނޑާ ސުވާލު ކުރެވުނެވެ. އަންހެނުން މިއަޅާ ކޮނޑުން ވައްޓާލާ ޢަބާޔާ ބެހޭގޮތުންނެވެ. އަދި ހެދުން އެޅުމުގައި ވަކި ބާވަތެއްގެ ހެދުން އެޅުން ޝަރުތުކުރޭތޯއާމެދު ސުވާލުވެވުނެވެ.
އާދެ، އެ ރެޑިޔޯ ޕޮރްގުރާމަކީ މުޅި ހުރިހާ އިސްލާމީ މުޖުތަމަޢަކަށް ހުރިހާ މުސްލިމުންނާ މުޚާޠަބު ކުރެވޭ ރޭޑިޔޯ ޕޮރްގުރާމަކަށް ވުމުން، ޖަވާބުވެސް އަޅުގަނޑު ދީފައި ވާނީ އެގޮތަށް ރިޢާޔަށް ކުރުމަށްފަހު މުޅި އިސްލާމީ އުއްމަތުގެ އުޚުތުންނަށެވެ. އެގޮތުން، މުސްލިމް އުޚުތުން އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ޝަރުޢީ ޝަރުޠުތައް ހިމެނޭ ފޭރާމެއް ލުމަކީ މާތް ﷲ އަށް ކިޔަމަންވާ ކިޔަމަންވުމެވެ. އަދި އަޅުކަމުގެ ތެރެެއިން އަޅުކަމެކެވެ. އަދި އެއީ އެކަމަނާއަށާއި މުޖުތަމަޢަށްވެސް ރައްކައުތެރިކަމެކެވެ. އަދި އެއީ އިއްފަތްތެރިކަމަށް މަގުދައްކާ ކަމެކެވެ. އެހެންކަމުން، އަންހެނާގެ އައުރަ ނިވާވާ، އަދި ޝަރުޢީ މިންގަނޑަށް ފެތޭ ކޮންމެ ފޭރާމަކީ ޙިޖާބެއްކަމަށް ޤަބޫލުކުރެވޭނެއެވެ. އެއީ ކޮނޑުން ވައްޓާލެވޭ ޢަބާޔާ ކަމުގައި ވިޔަސް، އަދި ބޮލުން ވައްޓާލެވޭ ޢަބާޔާކަމުގައި ވިޔަސް، އަދި އެނޫން ފޭރާމަކަށް ވިޔަސްވެހެވެ. އޭގައި އަންހެނާގެ މުޅި ހަށިގަނޑު ފޮރުވިފައިވުމާއި، އޭނާގެ ވަނާތައް ފާޅުވާން ނެތުމާއި، ފިރިހެނުންނާއި ވައްތަރު ހެދުމަކަމަށް ނުވުމާއި، ފާޖިރުންގެ ހެދުމަކަށް ނުވުމާއި، އަދި އޭނަގެ ހަށިގަނޑު ފެންނަފަދަ ތުނި ހެދުމަކަށް ނުވުމާއި، އަދި ހަމައެހެންމެ، އެއީ މީރުވަސް ދުވާ އަތަރާއި ސެންޓު ޖަހާފައިވާ ހެދުމަކަށް ނުވުމާއި، ޝުހުރަތުގެ ހެދުމަކަށްވެސް ނުވުން ހިމެނިގެންވެއެވެ. މިއީ ފިޤުހީ ފޮތްތަކުގައި ވަރަށް ރަނގަޅަށް އެނގެން އޮތް ކަމެކެވެ. އަދި މިކަމާ ބެހޭގޮތުން އިސްލާމީ ޢިލްމުވެރިން ތަފާތު ފޮތްތަކާއި މުއައްލަފާތުތައް ލިޔުއްވާފައިވާ ކަމެކެވެ. މިހެން މިކަން އޮތުމާއެކު، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުސްލިމު އަންހެން ކަނބަލުންނަށް ވަކި ޤައުމެއްގައި ބޭނުންކުރެވޭ ޢަބާޔާތަކުގެ ތެރެއިން ވަކި ވައްތަރެއްގެ ޢަބާޔާ ލުމަށް ލާޒިމުކުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ. އަދި ހަމައެހެންމެ، އެ ޢަބާޔާއަކީ ހަމައެކަނި އިސްލާމީ ފޭރާން ކަމުގައި ބުނުމަކީވެސް ގޯހެކެވެ. ވުމާއެކު، ކޮންމެ މުޖުތަމަޢަކީވެސް ވަކި ޚާއްޞަ މުޖުތަމަޢެކެވެ. ޙިޖާބު ފަރުޟު ކުރެއްވުމުގެ މަޤްޞަދަކީވެސް އަންހެނާގެ އައުރަ ނިވާކުރުމެވެ. އެހެންވީމާ އެ މަޤްޞަދު ޙާސިލުވާފަދަ ޙިޖާބުގެ ޝަރުޠު ހަމަވާ ކޮންމެ ފޭރާމެއްވެސް ރަނގަޅުވާނެއެވެ.

އާދެ، މުސްލިމު ފިރިހެނުންނަށްވެސް އަދި މުސްލިމު އަންހެނުންނަށްވެސް ވަނީ އެބައިމީހުންގެ މުރޫއަތްތެރިކަމަށް ރައްކައުތެރިވުމެވެ. އެހެނީ، އެއީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާކަމެކެވެ. އެެހެނީ އެއީ އިންސާނާގެ ޢަމަލުތައް އިތުރަށް ރީތިކޮށް ފުރިހަމަ ކޮށްދޭ ކަމެކެވެ. އަދި ހަމައެހެންމެ، އޭނަގެ ޢަމަލުތައް ހަޑިކޮށް ހުތުރުކޮށްލާފަދަ ކަންކަމުން އޭނަ ދުރުކުރާކަމެވެ. އެހެންކަމުން، އަންހެން ކަނބަލުންނަށް ވަނީ މި މުރޫއަތްތެރިކަމުގައި ހިފައި، އެ މުޖުތަމަޢެއްގައި ބޭނުންކުރެވޭ ޝަރުޢީގޮތުން ޝަރުޠު ހަމަވާ ފޭރާމެއް ލުމެވެ. ނިކަން ބައްލަވާށެވެ. މުސްލިމު އުޚުތުންގެ ތެރެއިން އިސްލާމީ ޙިޖާބު ނަގައި އެއްލައިލާ، މި ދީނުގެ އިރުޝާދުތަކާ ދެކޮޅު ހެދި އުޚުތުންނަށް ލިބުނު ފައިދާ އަކީ ކޮބައިތޯއެވެ؟ އެކަނބަލުންނަށް ދުނިޔޭގައިވެސް މަލާމާތް ލިބުމާއި، އަދި އާޚިރަތުގައި މާތް ﷲ ގެ ކޯފާއާއި ޢަޛާބު ޙައްޤުވުން ނޫން ކަމެެއް އެކަމުން ހާސިލުވިތޯއެވެ؟ ހުރިހާވެސް ޙަމްދަކާއި މިންނަތެއް ހުރީ މާތް ﷲ ގެ ޙަޟްރަތަށެވެ. އެހެނީ އެ އިލާހު މި ޤައުމުގެ (ސަޢޫދީ ޢަރަބިއްޔާ) އަންހެން ދަރީންނަކީ މުޅި ދުނިޔޭގެ ހުރިހާ މުސްލިމު އަންހެން ދަރީންނަށްވާ ނަމޫނާއަކަށް ލެއްވީތީއެވެ. އައުރަ ނިވާކުރުމާއި ޙިޖާބުވުމުގެ ރީތި ނަމޫނާއެއްގެ ގޮތުގައެވެ.

އެހެންކަމުން، އަޅުގަނޑުގެ ބަހުން ސާފުކޮށް ދޭހަވާ މާނަ ނޫން އެހެން މާނައެއް ނަގައި، މުޅި ވާހަކާއިގެ މަފްހޫމު ބައެއް މީހުން ބަދަލުކޮށްފައިވާ ކަމީ ނިހާޔަތަށް ހައިރާންކަން  ގެނުވިކަމެކެވެ. އަދި މިއަަށްވުރެ، ހައިރާންވާންޖެހޭ ކަމަކީ، އަޅުގަނޑު ނުބުނާ ވާހަކަތައްވެސް އަޅުގަނޑުގެ ނަމުގައި އޭގެ ތެރެއިން ބައެއް މީހުން ހަދައިގެން ދެއްކުމެވެ. އޭގެ ތެރޭގައި އަންހެން ކަނބަލުން ޙިޖާބު ބާލައި ތަބައްރުޖު (އައުރަ ނިވާނުވާ ހެދުން ލުމަށް) އަޅުގަނޑު ތަރުހީބު ދީފައިވާ ކަމަށް ބުނެފައިވެއެވެ.!! މާތް ﷲ އެބައިމީހުންގެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ވާހަކަ މުޅިން ބިނާވެގެންވީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަޅާ ޢަބާޔާއާ ބެހޭގޮތުންނެވެ. އެ ޢަބާޔާ އެޅުމަށް މުސްލިމު އެހެން ހުރިހާ ޤައުމެއްގެ އުޚުތުންނަށް ލާޒިމު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމެވެ. އެއީ އެ އުޚުތުން ޝަރުޢީ ޙިޖާބުގެ މިންގަނޑަށް ފެތޭ ހެދުންލާކަމަށް ވަނީ ނަމައެވެ. 

ހަމައެހެންމެ، އަޅުގަނޑު ދެކެ ލޯބިވާ އަޚުންނާއި އުޚުތުންނަށް ޝުކުރު އަދާކުރަމެވެ. އެހެނީ، އެބައިމީހުންގެ މިކަމުގެ ވާހަކަތައް ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ފެތުރިގެން ދިޔުމުން އަޅުގަނޑުގެ ސަމާލުކަމަށް އެކަން ގެނުވައި، އަޅުގަނޑާމެދުގައި ސާފު ހިތެއް ގެންގުޅުއްވި ކަމަށްޓަކައެވެ.

وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أحمعين.
وبالله التوفيق."     

(ތަރުޖަމާ: ޝެއިޚް ޝަފީޢު ޢަބްދުﷲ)

Sheikh Abdullah Muthlaq bayaan ge aslu... 



No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...