Tuesday 4 September 2018

ރިޔާސީ އިންތިޚާބު 2018 (5) : ޢަދާލަތު ޕާޓީއާއި ޢަލްމާނިއްޔަތުގެ ކުރިމަތިލުން!



ރިޔާސީ އިންތިޚާބު 2018 (5) : ޢަދާލަތު ޕާޓީއާއި ޢަލްމާނިއްޔަތުގެ ކުރިމަތިލުން!

އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ޚާތަމިލް އަންބިޔާއި ވަލްމުރްސަލީން، ނަބިއްޔިނާ މުޙައްމަދިން ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސަލައްމަލަ ތަސްލީމަން ކަޘީރާ، وبعد؛

މާތް ﷲ ގެ މަދަދާއި ތައުފީޤަށް އެދޭޙާލު ފަށައިގަންނަމެވެ. އާދެ، ކުރީ ޢަދަދު ނިންމާލާފައިވަނީ ، درء المفاسد مقدم على جلب المصالح ،  މިޤާޢިދާގެ ވާހަކަ ޒިކުރުކުރަމުންނެވެ. މިޤާޢިދާގައި މިވަނީ، ލިބިދާނެ ގެއްލުމެއް/ފަސާދައެއް/ނުބައެއް/ ދުރުކުރުން، ލިބިދާނެ ފައިދާއެއް/މަޞްލަޙަތެއް/ހެވެއް ހޯދުމުގެ މައްޗަށް އިސްވެގެންވެއެވެ. މިއީ މިދެކަންތައް ތަޢާރަޟުވާ ދަނޑިވަޅެއްގައި ކަންތައްކުރަން ދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލެވެ. މިއީ ޢިލްމުވެރިން އަމިއްލައިން އުފައްދަވާފައިވާ އުޞޫލެއްނޫނެވެ. މިއީ ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން އިސްތިންބާތު ކުރައްވާފައިވާ އުޞޫލީ ޤާޢިދާއެކެވެ. އަދި ދުނިޔެވީ ހަމަތަކުން، އިންސާނީ ބުއްދީގެ ތަރަހައިންވެސް، އަދި އިންސާނީ ޢަމަލީ މައިދާނުގައިވެސް ޢަމަލުކުރެވެމުންދާ އުޞޫލެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ހުރިހާ މިއްލަތެއްގެ ބުއްދީގެ އަހުލުވެރިން އިޖުމާޢުވެ އިއްތިފާޤުވެފައިވާ އުޞޫލެކެވެ. އިންސާނާ އެފިޠުރަތެއްގެ މައްޗަށް ލެއްވިފައިވާ ފިޠުރީ އުޞޫލެކެވެ.

އެނބުރި ކުރިން ދައްކަމުން އައި ވާހަކައަށް ރުޖޫޢަވަމާތޯއެވެ. އެއީ ޢިލްމުވެރިންގެ ވާހަކައެވެ. އަބަދުވެސް ޢިލްމުވެރިންނަށް މިއޮންނަނީ ދެނުބައިން، ކުޑަ ނުބައި އިޚްތިޔާރުކުރަން ޖެހިފައެވެ. ދެރަނގަޅުން، އެންމެ ހެޔޮގޮތް އިޚްތިޔާރުކުރަން ފުރުޞަތު ލިބިފައެއްނެތެވެ.   

ކޮންމެއަކަސް، ކުރީފަހަރުތަކާ ޚިލާފަށް، މިފަހަރު ޢިލްމުވެރިން ޚިލާފުވެސް މިކަމުގައި ބޮޑެވެ. ކުރީފަހަރުތަކުގައި ދެން ގާތްގަނޑަކަށް އެއްގަލަކަށް އެރޭވަރުވެޔޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. 2013 ގައިވެސް ގިނަ ޢިލްމުވެރިން ތިއްބެވީ ވަކިކޮޅެއްގައެވެ. އެބޭފުޅުން ދެކިލައްވާ ކުޑަ ނުބައި ކޮޅުގައެވެ. އެއީ ދެވަނަ ބުރުގައި ޔާމީން ޢަބްދުލްޤައްޔޫމު ކޮޅެވެ. އެފަހަރު، ޢަދާލަތާއި ސިޔާސީ މައިދާނުގައި ނޫޅުއްވާ ޢިލްމުވެރިންވެސް އިޚްތިޔާރުކުރެއްވީ ޔާމީނެވެ. ފާހަނގަކުރެވޭ ކަމަކީ ދެވަނަ ބުރުގައި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމިނާ ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު، އިޚްތިޔާރު ކުރަން މަޖްބޫރުވުމާއެކު، ޔާމީން އިޚްތިޔާރު ކުރެއްވީ، މާ ރަނގަޅު ބޭފުޅަކަށްވެގެނެއް ނޫނެވެ. އެއީ ހަމަ އެމްޑީޕީއާއި ރައީސް މުޙައްމަދު ނަޝީދުގެ ފިކުރާ ދެކޮޅަށް ނަގަން މަޖްބޫރުވި ކޮޅެކެވެ.

ޢަދާލަތުގެ ޢިލްމުވެރިންނާއި ސިޔާސީ މައިދާނުގައި ނޫޅުއްވާ ޢިލްމުވެރިން 2013ގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބެއްލެވުމުން އެއީ ކީއްވެގެންކަންވެސް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ވީޑިއޯ ކްލިޕްތަކާއި، ޖަލްސާތަކާއި، ދެއްވި ދަރުސްތައް އެހުރީ ފެންނާށެވެ. އޭރުވެސް ރައީސް ޔާމިނަކީ އެކިއެކި ކަންކަމުގައި ތުހުމަތު އެޅުވިފައިވާ ބޭފުޅެކެވެ. މިހާރު އައު ތުހުމަތެއް އަޅުވާފައެއް ނުވެއެވެ. ރައީސް ޔާމިނަކީ އޭރުވެސް މިހާރުވެސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް އައު މޫނެއް ނޫނެވެ. އެބޭފުޅާއަކީ ރައީސް މައުމޫނުގެ ދިގު ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް ސިޔާސީ މައިދާނުގައި އެންމެ ފަރިތަ އެއް މޫނެވެ. އަބަދުވެސް އެންމެ ވަރުގަދަ އެއްކުޅުންތެރިޔާއެވެ. މިކަން ނުދަންނަ ސިޔާސީއެއް/ޢިލްމުވެރިއެއް މިޤައުމުގަައި ނުހުންނާނެއެވެ.

 2013ގައި މަޖްބޫރުން އޭނައަކީ ކުޑަނުބައި ކަމަށް ބަލާފައި އިޚްތިޔާރުކުރީ އެބޭފުޅާއަކީ ކާކުކަން ނުހަނު ރަނގަޅަށް ދިވެހިން ދަނެތިބެއެވެ. ދިވެހި ޢާންމު ރައްޔިތުންނޭ ބުނުމުގެ ބަދަލުގައި ޢިލްމުވެރިންނާއި ސިޔާސީންނޭވެސް ބުނެވިދާނެއެވެ. ކިތަންމެ، ގިނަ ތުހުމަތުތަކެއް އެޅުވިފައިވީ ނަމަވެސް، ލާދީނީ ބޭފުޅެއްނޫންކަން އެނގޭތީއެވެ. ދީނާ ދެކޮޅު ފިކުރު ގެންގުޅުއްވާ ބޭފުޅެއްނޫންކަން އެނގޭތީއެވެ. މިތަނުން އިސްލާމްދީން ފޮހެލަން އުޅުއްވާ ބޭފުޅެއް ނޫންކަން އެނގޭތީއެވެ. ނަމަވެސް އެއާ ޚިލާފަށް، ރައީސް ނަޝީދާއި އޭނަގެ ޕާޓީގެ މަތިފަޑީގެ ގިނަ ބޭފުޅުންނަކީ ލާދީނީ ޢަލްމާނީ، އިސްލާމްދީނާ ދެކޮޅު ފިކުރުގެ ބޭފުޅުންކަން އެނގި، އަދި 2008 ގެ ވެރިކަމުގައި އެކަން ޘާބިތުވެސްކޮށްދީފައިވާތީއެވެ. ޢަދާލަތުޕާޓީގެ އިސްބޭފުޅުންގެ އޭރުގެ ވާހަކަތައް އަޑުއެއްސެވި މީހަކަށް މިކަން އޮޅިފައެެއް ނޯންނާނެއެވެ. އަންނިއާ ބެހޭގޮތުން ލިޔެވުނު ފޮތް ކިޔާފައިވާ މީހަކަށް މިކަން އޮޅިފައެއް ނޯންނާނެއެވެ. މިއަދު މަންޒަރު ބަދަލުވެއްޖެކަމަށް ބަޔަކު ދައުވާކުރިޔަސް، މަންޒަރު ބަދަލެއް ނުވެއެވެ. އެމްޑީޕީގެ ފަލްސަފާ ބަދަލުވިކަމަކަށް އެޕާޓީން އިއުލާންކޮށްފައެއް ނުވެއެވެ. ޢަދާލަތުން، އެމްޑީޕީ ސަރުކާރުން ހިނގިކަމަށް ބުނި އެއްވެސް ކަމަކަށް މާފަށްވެސް އެދިފައެެއް ނުވެއެވެ. ތިމަންމެންނަށް ކުށެއް ކުރެވިފައިވީ ކަމަށްވެސް ޤަބޫލުކޮށްފައިނުވެއެވެ.

ޢަދާލަތު ޕާޓީ ވުޖޫދުވީވެސް މިދެންނެވި، ލާދީނިއްޔަތާ ދެކޮޅަށެވެ. ދިވެހިރާއްޖެއަށް އައިސްދާނެ ލާދީނީ ޢަލްމާނީ ލޮޅުންތަކައި ގޮންޖެހުމަކާ ކުރިމަތިލުމުގެ ގޮތުންނެވެ. ޕާޓީ އުފެދިގެން އައީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނާ ދެކޮޅަކަށް ނޫނެވެ. އެމްޑީޕީއާއި އެމްޑީޕީގެ ކޯފައުންޑަރސްގެ ތެރޭގައި ހިމެނޭ ރައީސް ނަޝީދުމެންފަދަ ބޭފުޅުންނާ ދެކޮޅަށެވެ. މިއީ ތުންތުންމަތިން ދައްކާވާހަކައެއް ނޫނެވެ. ޢަދާލަތު ޕާޓީ ވުޖޫދަށް އައުމުގެ ކުރިން ބޭއްވުނު ޢިލްމުވެރިންނާއި ދީނީ ފިކުރުގެ މަދުބަޔަކުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި ބައިވެރިވެ އެމަޝްވަރާތައް އަޑުއަހަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންފަތުން އަޑުއަހާފައިވާ ވާހަކަތަކެކެވެ. ޢަދާލަތު ޕާޓީ ވުޖޫދު ވެގެން އައި މަޤްޞަދު އަޅުގަނޑުވާނީ މީގެ 6 އަހަރު ކުރިން ލިޔުނު ލިޔުމެއްގައި އަލިއަޅުވާފައެވެ. އެލިޔުން މިހާރުވެސް ދިއިސްލާމް ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އެ ލިޔުމުގެ ސުރުހީ އަކީ " ދީނާއި ޤައުމުގެ ޙައްޤުގައި ޢަދާލަތާ ގުޅެމާތޯ!" އެވެ. އެހެންކަމުން އޭގައި އަޅުގަނޑު ލިޔުނު ބައެއް ވާހަކަތައް މިތަނުގައި ނަކަލުކޮށްލާނަމެވެ.

" ދިވެހި ރާއްޖެއަކީ މިހާރު ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ ސުންނީ މުސްލިމް ޤައުމެވެ. މިއީ ޤައުމެއްގެ ބަޔަކަށް ލިބޭނެ އެންމެ ބޮޑު އިލާހީ ނިޢުމަތް ކަމާމެދު ޝައްކެއްނެތެވެ. އިލާހީ ސުންނަތުގައިވާ ފަދައިން ޤައުމެއްގެ ބަޔަކަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތެއް އެބައިމީހުން އަމިއްލައިން ބަދަލުކޮށްފުމަށް ދާނދެން މާތް ﷲ އެ ނިޢުމަތް ބަދަލުނުކުރައްވާނެއެވެ."
" އިލާހީ މިފަދަ ބޮޑު ނިޢުމަތެއްގެ މަތީގައި އަޅުގަނޑުމެން ހޭދަކުރަމުންދާތާ 800 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، އެ ދުވަސްތައް ތާރީޚުގެ ޞަފުޙާތަކުގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ ލޭ ހިނގާ ދަރިންތަކެއް ވަނީ މިއަދު އެ ނިޢުމަތަށް ފުރަގަސްދީ އެނިޢުމަތް ބަދަލުކޮށްލުމަށް އަތުކުރި އޮޅާފައެވެ. ޒަމާނީ ޑިމޮކްރަސީގެ ނަމުގައި އިސްލާހީ ހަރާކާތް ފެށުނު ހިސާބަކީ ރަނގަޅު ހިސާބެކޭވެސް ދެންނެވިދާނެއެވެ. އިސްލާހަށް މުޅި ޤައުމު ބޭނުންވެފައިވާ ދުވަސްވަރަކަށް އެދުވަސްވަރު ވާތީވެސް މެއެވެ. އެހެންކަމުން، އިސްލާހީ ޙަރަކާތުގައި މުޅި ދިވެހި ޤައުމު ބައިވެރިވީ މަތިވެރި ނިޔަތެއްގައެވެ. ޒަމާނުއްސުރެ ދެކެމުން އައި ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުން ގެނެސް، ހަމަހަމަ ކަމާއި އިންސާފު ޤާއިމުވާނެ ދުވަހެއްގެ އުއްމީދުގައެވެ.
ނަމަވެސް އިސްލާހީ ހަރަކާތުގެ ނިވާފަތްގަނޑުގައި އައިސްދާނެ ލާދީނިއްޔަތަކާމެދު ފިކުރުކުރައްވަން ތިބެއްވީ ޝަރުޢީ ޢިލްމު އުނގެނި ވަޑައިގެން ތިއްބެވި ޢިލްމުވެރިންނެވެ. ލިބަރަލް ޑިމޮކްރަސީއަކީ ކޮބައިކަމާއި ޕާޓީ ނިޒާމުގެ އަނެއް ފަރާތަކީ ކޮބައިކަން އެބޭކަލުންނަށް ރަނގަޅަށް އެނގިލައްވައެވެ. ޢަލްމާނިއްޔަތުގެ އަހުލުވެރިންނަށް ޑިމޮކްރަސީއަކީ ކަނޑިއެކެވެ. އެކަނޑިން ދީން ކޮށައި ކުދިކުދިކޮށްލުމަކީ ޢަލްމާނީންނަށް ވަރަށް ފަސޭހަ ކަމެކެވެ. ޢަލްމާނިއްޔަތަކީ ލާދީނިއްޔަތޭވެސް ބުނެވިދާނެއެވެ. އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. ދަޢުލަތުން ދީން ވަކިކުރުމެވެ.
އިސްލާހީ ގޮވެއްޔަށް ގަދަކަން ލިބި ޕާޓީ ނިޒާމު ރާއްޖޭގައި ތަޢާރަފްވުމާއެކު، ކުރިން ދެންނެވި ޢިލްމުވެރި ބޭފުޅުންނާއި ދީނަށް ލޯބިކުރާ ހަރު ބޭފުޅުންތަކެއް ހިމެނޭގޮތަށް ބައްދަލުވުން ބޭއްވި  އިސްލާމްދީނަށް އައިސްދާނެ ގޮން ޖެހުމަކަށް ކުރިމަތިލާނެ ގޮތަކާމެދު މަޝްވަރާ ކުރެވެން ފެށުނެވެ. އެ މަޝްވަރާތަކުން ނެރެވުނު ނަތީޖާއަކީ ހަމަ އެންމެ ނަތީޖާއެކެވެ. ދެއަތް އުރާލައިގެން ވާނެ އެއްޗެއް ވާން ބަލަން ތިބުމުގެ ބަދަލުގައި، އިސްލާމްދީނަށް އައިސްދާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާނެ ދީނީ ޕާޓީއެއް ވުޖޫދަށް ގެނައުމެވެ. މަޤްސަދަކީ އެންމެ މަޤްސަދެކެވެ. މި ދިވެހިރާއްޖޭގައިވާ ތައުހީދުގެ ދީން ނައްތާލައި ގިނަ ދީންތަކަކަށް މި ދިވެހި ފަސްގަނޑުގައި ޖާގަ ހޯދައިދޭން އައިސްދާނެ ހުރިހާ ފިކުރަކާ ކުރިމަތިލުމެވެ. "
" ޢަދާލަތު ޕާޓީގެ ވުޖޫދަކީ މިއީއެވެ. ދިވެހި ޢިލްމުވެރިން ލަފާކުރެއްވި ގޮތަށް ޑިމޮކްރަސީއަށް މާގިނަ ދުވަހެއް ނުވަނީސް، ޢަލްމާނިއްޔަތުގެ ބޯތައް ވަނީ ދީނާއި ސިޔާސަތު މުޅިން ވަކިކޮށްލުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގެ ތަޢުލީމީ މަންހަޖުން އިސްލާމްދީން އިތުރަށް ބަލިކަށި ކުރުމުގެ ނިޔަތުގައި ރެއާއި ދުވާލު އެބައިމީހުން ވަނީ މަސައްކަތް ކޮށްފައެވެ. ދީނުގެ މުހިއްމު އެއް އަސާސުކަމުގައިވާ ޢަރަބި ތަޢުލީމު އުނގަންނައިދޭ ހަމައެކަނި ޢަރަބިއްޔާއާއި މައުހަދަށް ނުކުޅަދާނަ ވާވަރުގެ ދަތިތަކާއި ފިއްތުންތައް ކުރިމަތިކުރިއެވެ. އިސްލާމީ ޙުދޫދުތަކަކީ ހަރުކަށި ބޯދާ ކަޓު ޙުކުމްތަކެއް ކަމަށް ފާޅުގައި ބުނެ އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަސްބުނެ އުޅުނެވެ. މިހެން ގޮސް ދީނީ ވަޙުދަތާއި، އަޚްލާޤިއްޔާތު މުޅިން ނައްތާލާފަދަ އެތަކެއް ކަމެއް ކޮށްފައިވާ ކަމީ އިއްޔެ އަޅުގަނޑުމެންނަށް ފެނިފައިވާ ޙަޤީޤަތެކެވެ."

މިއީ އޭރު އަޅުގަނޑު ލިޔެފައިވާ ލިޔުމުގެ ބައެއް ތަންތަންކޮޅެވެ. ދިހަހާސް މެމްބަރުން ހަމަކުރަން ޢަދާލަތަށް މަޖްބޫރުވި އިރު، އެކަމަށް ބާރު އަޅައި، ޢަދާލަތުފަދަ ދީނީ ފިކުރެއް ރާއްޖޭގަައި އޮތުމުގެ މުހިއްމުކަމާއި، އެފިކުރު ވުޖޫދުވީ ސަބަބާއި، އެފަދަ ޙަރަކާތެއް ދިރުވުމަކީ ރައްޔިތުންގެ މައްޗަށްވާ ޒިންމާއެއްގެ ގޮތުގައި ސިފަކޮށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ ސިޔަސީ މައިދާނަށް ނަޒަރު ހިންގާލި މީހަކަށް އަދިވެސް މިދެންނެވި ކަންކަމާއި ޚުޠޫރަތްތެރިކަން ފިލައި ނުދާކަން ކަށަވަރުވާނެއެވެ. ނަމަވެސް އިތުރު ވާހަކަތައް ދެން އަންނަ ޢަދަދެއްގައި ލިޔުމުގެ ނިޔަތުގައި މިޢަދަދު ނިންމާލަމެވެ.

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...