Friday 7 September 2018

ރިޔާސީ އިންތިޚާބު 2018 (6) : ޢަދާލަތުގެ މައުޤިފަށް ފާޑުކިޔުމަކީ ކުށެއްތަ؟



ރިޔާސީ އިންތިޚާބު 2018 (6) : ޢަދާލަތުގެ މައުޤިފަށް ފާޑުކިޔުމަކީ ކުށެއްތަ؟

بسم الله والحمد لله والصلاة والسلام على رسول الله ، وبعد؛

ކުރީ ޢަދަދުގައި ދެކެވިފައިވަނީ މައިގަނޑުގޮތެއްގައި، ޢަދާލަތު ޕާޓީ ވުޖޫދުވެގެން އައި މާތް މަޤްޞަދާ ބެހޭގޮތުންނެވެ.

އަޅުގަނޑު ފާޅުކުރާ ޚިޔާލުތަކާމެދު ބައެއް އަޚުންގެ ކަންބޮޑުވުން އިންތިހާއަށް ދެއެވެ. ބައެއްމީހުން އެއީ ޢިލްމުވެރިން، ޢިލްމުވެރިންނާ ދިމާލަށް އެއްޗެހި ގޮވަނީކަމަށް ސިފަކުރެއެވެ. އަނެއްބައިމީހުން އެެއީ ޢިލްމުވެރިންގެ އަގުވައްޓާލަން އަޅުގަނޑު ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ. ދެންތިބި ބަޔަކު، އަޅުގަނޑުގެ ނިޔަތާއި، ކިޔެވި ތަނާއި، ކިޔެވި އެއްޗަކަމާމެދުވެސް ސުވާލުކޮށް، އިއްތިހާމު ކުރެއެވެ. މިއިން ކޮންމެ ކަމެއްވެސް ދިމާވަނީ، އެކުގައި މަސައްކަތްކުރަން ތިބި ދީނީ ދަޢުވަތުގެ މައިދާނުގައި ތިބި ބައެއް އަޚުންގެ ފަރާތުންނެވެ. އަނެއްކާ، މިހެން ބުނެގެން، އެ އަޚުންނަށް ބަދުބަސްތަކެއް އަޅުގަނޑުގެ ބުނެފިކަމުގައި އިލްޒާމު ނާޅުވާނެކަމަށް އުއްމީދުކުރަމެވެ.

މި ކަންކަމުން އަޅުގަނޑަށް ދޭހަވީ، ބިނާކުރަނިވި ނަޤްދަށް (ފާޑުކިޔުމަށް) އަޅުގަނޑުމެން ހޭނިފައިނެތް މިންވަރެވެ. ޢިލްމީ އަދި މަންޠިޤީ ހަމައިން ފާޑުކިޔުމަކީ ކޮބައިކަން ނޭނގޭކަމެވެ. އިސްލާމްދީނުގައި ޢިލްމީ އަދި މަންޠީޤީ ހަމަތަކުގެ މަތިން ކަންކަމަށް ފާޑުކިޔުމަކީ މައްސަލައެއްނޫނެވެ. ބައެއްފަހަރު، އެއީ ތަރުހީބުދެވިގެންވާކަމެކެވެ. މިކަން ދޭހަކޮށްދެނީ، އިމާމުވެރި ޢިލްމުވެރިންގެ ޒަމާންތަކަށް ނަޒަރު ހިންގާލުމުންނެވެ. އެބޭކަލުންގެ ފޮތްތަކަށް ނަޒަރު ހިންގާލުމުންނެވެ. އިސްލާމީ ޙަޟާރަތުގައި އެކިއެކި ޢުލޫމުތަކާއި ޢިލްމުވެރިންގެ ފިކުރިއްޔާތާއި ޢިލްމީ އިޟާފާތު ތަނަވަސްވެގެން ގޮޮސްފައިވަނީ، ޢިލްމީ ނަޤުދުގެ މަތިވެރި ހަމަތަކާއި މަންޠިޤީ ހަމަތަކުން އެއްބޭކަލަކު އަނެއްބޭކަލަކަށް ދެއްވާފައިވާ ރައްދުތަކާއި، ބިނާކުރަނިވި ފާޑުކިޔުންތަކާއި، މުނާޤަޝާތާއި، ޢިލްމީ ޖަދަލުގެ މައްޗަށެވެ. އެބޭކަލުންނަށް އެއީ ވަރަށް ފަސޭހަކަމެކެވެ. އެއީ ބަލައިގަނެވޭ ކަންކަމެވެ. ތަރުހީބުދެވޭ ކަންކަމެވެ. އެއީ އިސްލާމްދީނަށް ބަދުބަސް ބުނުންކަމުގައި އެބޭކަލުން ނުބައްލަވައެވެ. އެއީ ޢިލްމުވެރިންނަށް ބަދުބަސް ބުނުން ކަމުގައިވެސް އެބޭކަލުން ނުބައްލަވައެވެ. މިދައްކަނީ، ދީނީ ފޮތްތަކާއި ރިސާލާތުތަކާއި ޢިލްމީ ބަރުބުރަ މަސައްކަތްތަކަށް ދެއްވާފައިވާ ނަޤުދުގެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ދުނިޔެވީ، އަދި ސިޔާސީ މައުޤިފު އެއްބޭކަލަކު އަނެއްބޭކަލެއްގެ ތަފާތުވެގެން ކުރައްވާފައިވާ ނަޤުދުގެ ވާހަކައެއް ނޫނެވެ. ދުނިޔެވީ ކަމެއްގައި އެބޭކަލުން އެކަންކަން ޤަބޫލުކުރެއްވުން އަދި މާ ފަސޭހަވެފައި، މާބޮޑަށް ތަރުހީބުދެވިގެންވާނެ ނޫންތޯއެވެ. އެހެނީ، އެބޭކަލުންނަށް އެބޭކަލުންނަކީ އިންސާނުންކަން އޮޅިފައެއް ނުވެއެވެ. އެބޭކަލުންނަކީ މުޤައްދަސް މައުޞޫމުބައެއް ނޫންކަން ނިކަން ރަނގަޅަށް ދަނެތިއްބެވެ. ކިތަންމެ އިޖުތިހާދެއް ކުރެއްވިޔަސް، ބައެއް އިޖުތިހާދުތަކުގައި ގޯސްހެއްދެވި، އަނެއްބައި އިޖްތިހާދުތައް ރަނގަޅުވާނެކަން ދަންނާތީއެވެ. އަދި ބައެއްފަހަރު، ރާޖިޙު މަރްޖޫޙަކީ ނިސްބީ އެއްޗެއްކަން އެބޭކަލުންނަށް ވިސްނިވަޑައިގަންނަވާތީއެވެ. އެހެންކަމުން، ބައެއްބޭކަލުން ވިދާޅުވެފައިވެއެވެ. " ތިމަންކަލޭގެފާނު ރަނގަޅު ކަމަށް ދެކޭގޮތް ފަހަރުގައި ގޯސްވެދާނެއެވެ. އަދި ގޯސްކަމަށް ދެކޭކޮޅު ރަނގަޅުވެސް ވެދާނެއެވެ." އަދިވެސް މިފަދަ އެތައް މަތިވެރި ޚުލުޤާއި އާދާބު އެބޭކަލުންގެ ކިބައިން ފެނިފައިވެއެވެ. ޢިލްމީގޮތުން އެޒަމާންތައް އުހަށް އަރައިގެން ދިޔައީ މިފަދަ ތަރުހީބާއި ތަފާތު އިޖުތިހާދުތަކަށް ހުޅުވާލެވިފައިވާތީއެވެ.

ނަމަވެސް، މިއަދު ވެގެން މިއުޅެނީ އެހެނެއްނޫނެވެ. ޢަދާލަތު ޕާޓީގެ މައުޤިފަށް، އަޅުގަނޑުގެ އިސްވެދިޔަ ޢަދަދާއި އަޅުގަނޑުގެ ބައެއް އެހެން މީސްމީޑިއާ ލިޔުންތަކުގައި ފާޑު ކިޔާފައިވާތީ، އަޅުގަނޑު މިހިނގަނީ "ސަލާމަތް ނުވެވިގެންނެވެ." މެސެޖްތަކާއި، ކޮމެންޓުތަކާއި، އެހެނިހެން ތަޢުލީޤުތަކުން އަޅުގަނޑު "ހަމަ ކޮށައި ކުދިކުދިކޮށްލައިފިއެވެ." ޒާތީގޮތުންނާއި، އެހެނިހެން ގޮތްގޮތުން، އަޅުގަނޑުގެ އެއްވެސް އަބުރެއް ނެތް ކަމަށްވެއްޖެއެވެ. ޢިލްމުވެރިންނަށް އެއްޗެހި ނުކިޔާށޭ ބުނެ، މިފަދަ އަޚުން މިކުރީ ކީއްބާއޭއެވެ، އަޅުގަނޑު ހިތަށް އެރިއެވެ. އެހެނަސް، އެއީ އަޅުގަނޑަށް މާބޮޑު ކަމެއް ނޫނެވެ. އެއްވެސް މަޚްލޫޤަކަށް ބިރުނުގަނެ، "ބިރުފަހަނައަޅައި" މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން އަޅުގަނޑު ޤަބޫލުކުރާ ރައުޔުވާނީ ހާމަކޮށްފައެވެ. އެ ރައުޔު ހާމަކޮށްފައިވާނީ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށެވެ. ފާޑުކިޔާފައިވާނީ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާއެކީގައެވެ. އެއްވެސް ޢިލްމުވެރިއަކަށް ބަދުބަސް ކީއްތޯއެވެ، ޢިލްމުވެރިއެއްގެ ނަންވެސް ހިމަނާފައިނުވާނެއެވެ. އެހެނަސް، ނަން ހިމަނަންޖެހޭ ތަންތަނުގައި ނަން ހިމެނުމަކީ ގޯސް ކަމެއްކަމުގައިވެސް އަޅުގަނޑު ނުދެކެމެވެ. އަޚްލާޤީ، ޢިލްމީ މިންގަނޑު އޭގައި ހިފެހެއްޓިފައިވާނަމަ، ނަން ހިމެނުމަކީ މައްސަލައެއްނޫނެވެ. އަޅުގަނޑުގެ މަންހަޖަކީ އެއީކަމުގައި ވީއިރުވެސް، ނަން ނުހިމަނައި، ލިޔެވޭތޯ މިބަލަނީ، މިކަންކަން މަފްހޫމުކުރަން ގިނަމީހުންނަށް އުދަނގޫވެދާނެތީއެވެ. މިހާރުވެސް ވެފައި މިއޮތީ އެހެންނެވެ.  

ކޮންމެއަކަސް، ޢިލްމުވެރިންތަކެއް، ނުވަތަ ދީނީ ސިޔާސީ ޕާޓީއެއް ނަންގަވާ މައުޤިފަކަށް އެންމެން އެއްބަސް ނުވުމަކީ މައްސަލައެއް ނޫނެވެ. އަދި އެމައުޤިފު ކަމުނުދާކަމަށް ފެންނަކަމަށްވަންޏާމު، ޢިލްމީ އަދި މަންޠީޤީ ހަމަތަކުން އެއަށް ނަޤުދުކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ އެޕާޓީއަށް ބަދުބަސް ބުނުމެއް ނޫނެވެ. އަދި އެ ޢިލްމުވެރިންނަށް ބަދުބަސް ބުނުމެއްވެސް ނޫނެވެ. އެއާޚިލާފަށް، އިޚްލާޞްތެރިންގެ ގޮތަކީ އެފަދަ ނަޤުދަކަށް ތަރުހީބު ދިނުމެވެ. ފަހަރެއްގައި އެ ނަޤުދުގައިވާ ހުރިހާ ކަމަކަށް އެބަޔަކު އެއްބަސްނުވެދާނެއެވެ. ނުވަތަ މުޅި ނަޤުދަށްވެސް އެއްބަސް ނުވެދާނެއެވެ. ނަމަވެސް، އެއީ އެބައެއްގެ ރުޅިވެރިކަން އެނަޤުދުކުރާ މީހަކަށް ރައްދުވާންޖެހޭ ސަބަބެއްނޫނެވެ. ރުޅިވެރިކަމެއް، ހިތްނުތަވަސްކަމެއް ކުރިމަތިވާނީ، ޒާތީގޮތުން، ޢިލްމީ އަދި މަންޠިޤީ ހަމައިން ބޭރުވެ، އެއްވެސް ތާކުންތާކު ނުޖެހޭ ގޮތަަށް އެބައެއްގެ އަގުވައްޓާލުމުގެ ގޮތުން ކުރެވޭ ކަމަކަށެވެ. އެއީ ބުއްދީގެ އަހުލުވެރިންވެސް ބަލައިގަންނާނެކަމެއް ނޫނެވެ.

ޢަދާލަތު ޕާޓީއާ އަޅުގަނޑާ ދިމާވެގެން މިއުޅެނީ ސިޔާސީ މައުޤިފުގެ ތަފާތެވެ. އެއީ އެއްވެސް ޙާލެއްގައި ޢަދާލަތާ ޒާތީގޮތުން އަޅުގަނޑާ ކަމެއްގައި ޚިޔާލުތަފާތުވެގެން އުޅެނީއެއް ނޫނެވެ. ޢަދާލަތު ޕާޓީގައި ތިއްބެވީވެސް އަޅުގަނޑުގެ އެންމެ ގާތް ބޭފުޅުންނެވެ. ކިޔަވަން ބޭރުގައި ހުންނަން ޖެހުމުގެ ސަބަބުން ޢަދާލަތު ޕާޓީއަށް މާބޮޑު ޚިދުމަތްތަކެއް ޢަމަލީ މައިދާނުގައި އަޅުގަނޑަށް ކުރެވިފައި ނުވިޔަސް، ލިޔުންތެރިއެއްގެ ގޮތުން، ޢަދާލަތު ޕާޓީގެ ފިކުރަށް، އެންމެ ބޮޑަށް ޚިދުމަތްކުރި އެކަކަށް އަޅުގަނޑުވާނެއެވެ. ނޫސްމަޖައްލާތައް ބަލައިއުޅޭ މީހަކަށް އެކަން ކަށަވަރުވާނެއެވެ. މިއީ ކަލަގޮވުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. ނުވަތަ އަމިއްލަ ނަފްސަށް ތަޒްކިޔާ ދެނީކީވެސް ނޫނެވެ. ޢަދާލަތު ފިކުރަށް އަޅުގަނޑު ޚިދުމަތްކުރީ އެއީ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ. އެކަމުގެ އަޖުރަށް އެދެނީ މާތް ﷲ ގެ ޙަޟްރަތުންނެވެ.

ކޮންމެއަކަސް، ޢަދާލަތު ފިކުރަށް ޚިދުމަތްކުރުމުގެ އިތުރުން، ނުވަތަ އެއަށްވުރެވެސް ބޮޑަށް އަޅުގަނޑު ކޮށްއުޅުނު ކަމެއް، ނުވަތަ އަދިވެސް ކުރަމުންދާކަމެއް އެބައޮތެވެ. އެއީ ޢަލްމާނިއްޔަތާ ދެކޮޅަށް އަޅުގަނޑަށް ކުރެވުނު މަސައްކަތެއްކުރުމެވެ. ޢަލްމާނިއްޔަތާ ބެހޭގޮތުން ތަފާތު އެތަކެއް ލިޔުންތަކެއް ލިޔެފައިވާނެއެވެ. ޢަދާލަތުން -ކުރިން- ފާހަނގަކޮށް އުޅުނު ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީ ކަމަށްވާތީއެވެ. އަދި ދީނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ޢަލްމާނީ ފިކުރުގެ މީހުންގެ ކިބައިންކަމަށްވާތީއެވެ. މިއީ އިއްޔެ އިހަކަށްދުވަހާ ހަމައަށް ޢަދާލަތުން އެފިކުރަކާ ދެކޮޅަށް ވަކާލާތުކުރަމުން، ސަމާލުވެތިބުމަށް ރައްޔިތުންނަށް އަންގައި އިންޒާރުކުރަމުން އައި ފިކުރެވެ. މިއަދު ޢަދާލަތުގެ ފަރާތުން އެއަޑު މަޑުވެފައިވީ ނަމަވެސް ޙަޤީޤަތަކީ މިއީއެވެ. މިހާރުވެސް އެބޭފުޅުންގެ ކައިރީގައި އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނިއްޔަތު ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އަދި އެންމެ ބޮޑު ނުބައަކީ އެމްޑީޕީކަމާމެދުވެސް ޝައްކެއްނުކުރަމެވެ. ޝައްކުނުކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް އެވާހަކަ އެހެން ފުރުޞަތެއްގައި ދެއްކޭތޯ ބަލާނަމެވެ.

މާތް ﷲ ގެ ދީނަށް އިޚްލާޞްތެރިކަމާއެކު ނަޞްރުދޭ ބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުމަށް އެދި ދުޢާކުރަމުން މިޢަދަދު ނިންމާލާނަމެވެ. والحمد لله رب العالمين!

  

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...